މާފަރު އެއާޕޯޓު އިތުރަށް ބޮޑުކުރަން ބަޔަކާ ހަވާލުކޮށްފި
މާފަރު އެއާޕޯޓު އިތުރަށް ބޮޑުކުރަން ބަޔަކާ ހަވާލުކޮށްފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

މާފަރު އެއާޕޯޓު އިތުރަށް ބޮޑުކުރަން ބަޔަކާ ހަވާލުކޮށްފި
މާފަރު އެއާޕޯޓު އިތުރަށް ބޮޑުކުރަން ބަޔަކާ ހަވާލުކޮށްފި

އެ އެއާޕޯޓު ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެ ޕްރޮޖެކްޓް ހަވާލުކުރީ ހުނާން 6 އިންޖިނިއަރިންއާ އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން، މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމަށް ދެ ބުރީގެ އާ އިމާރާތެއް އަޅާނެ އެވެ. އާ ޓާމިނަލް އިމާރާތުގައި ސީއައިޕީ ލައުންޖަކާއި ފަސިންޖަރުންނަށް ހާއްސަ ލައުންޖެއްގެ އިތުރުން އޮފީސް ޖާގަ ވެސް އިތުރު ކުރާނެ އެވެ.

އެ މަސައްކަތް 10 މަސް ތެރޭގައި ނިންމާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މިދިޔަ ޖުލައި މަހު މާފަރު އެއާޕޯޓު ވަނީ އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކޮށްފަ އެވެ. އެ އެއާޕޯޓުގެ ރަންވޭ 2،850 މީޓަރަށް ބޮޑު ކުރުމާ އެކު، މިހާރު ވައިޑް-ބޮޑީ މަތިންދާބޯޓުތަކަށް ޖެއްސޭނެ އެވެ. މަތިންދާބޯޓުތައް ޕާކު ކުރާނެ އިތުރު ޖާގަ އާއި ޖެޓްތަކަށް ހިދުމަތްތައް ދޭނެ ޖާގަ ވެސް ވަނީ އިތުރުކޮށްފަ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން، އޭޑީއެފްޑީ މެދުވެރިކޮށް، ޔޫއޭއީ އިން ދިން އެހީގަ އެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 2018 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޮފްޝޯ އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 49 މިލިއަން ޑޮލަރު (754 މިލިއަން ރުފިޔާ) އެވެ. އަދި ދެވަނަ ފިޔަވަހި 2022 ވަނަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 27 މިލިއަން ޑޮލަރު (415 މިލިއަން ރުފިޔާ) އަށެވެ.

ޕްރައިވެޓް ޖެޓުތައް ޖެއްސުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ އެ އެއާޕޯޓުގައި ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ގާބިލުކަން ހުރި މިންވަރު ބެލުމަށް މިދިޔަ މެއި މަހު ވަނީ އެމިރޭޓްސް އެއާލައިންގެ ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް ވެސް ޖައްސައިފަ އެވެ