ރާއްޖެ-ފަލަސްތީން މެޗުގެ ސުވެނިއާ ޓިކެޓް ރައީސް ބައްލަވައިގެންފި
ރާއްޖެ-ފަލަސްތީން މެޗުގެ ސުވެނިއާ ޓިކެޓް ރައީސް ބައްލަވައިގެންފި

ރާއްޖެ އާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ގަލޮޅު ދަނޑުގައި ކުޅޭ އެކުވެރިކަމުގެ މެޗުގެ ޕްލެޓިނަމް ސުވެނިއާ ޓިކެޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވައިގެންފި އެވެ.

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް ތައްޔާރުވުމަށް ރާއްޖޭގައި މިވަގުތު ކޭމްޕްކޮށްފައި އޮތް ފަލަސްތީނު ޓީމުން މިރެ އާއި ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗަށް ދަނޑަށް ވަދެވޭނީ ހިލެ އެވެ. އެކަމަކު އެފްއޭއެމުން ނިންމާފައި އޮތީ ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމުގެ ގޮތުން ސުވެނިއާ ޓިކެޓްތަކެއް ވިއްކުމަށެވެ.

އެފްއޭއެމުން ބުނީ މި ޓިކެޓް އެންމެ ފުރަތަމަ ބައްލަވައިގެންނެވީ ރައީސް ކަމަށެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ޓިކެޓް ރައީސްއާ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އެވެ.

ސުވެނިއާ ޓިކެޓްތަކުގެ ތެރެއިން ޕްލެޓިނަމް ކެޓަގަރީގެ ޓިކެއްގެ އަގަކީ 1000ރ. އެވެ. ރޮސްޓަރަމް އާއި ވީއައިޕީގައި ތިބެ ކުޅިބަލަން ފުރުސަތު ލިބޭ މި ކެޓަގަރީން ވިއްކާނީ ޖުމްލަ 50 ޓިކެޓެވެ. ރޮސްޓަރަމްގެ ދެ ފަޅިން ގޮނޑިބަރީގައި ތިބެ މެޗު ބެލޭ ކެޓަގަރީން ވިއްކަނީ 500ރ. ގެ 200 ޓިކެޓެވެ.

އެފްއޭއެމުން ބުނީ މި ފައިސާ ހަދިޔާކުރާނީ ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ގޮތުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށެވެ.

ފަލަސްތީނުގެ އެދުމުގެ މަތިން ރާއްޖޭގައި ބާއްވައިދޭ ކޭމްޕުގެ ހުރިހާ ހަރަދެއް ކުރަނީ ސަރުކާރުންނެވެ. އިންތިޒާމުތައް ހަމަޖައްސަނީ ސަރުކާރާއި، އެފްއޭއެމް ގުޅިގެންނެވެ.

މި މަހުގެ 22 އިން 30 އަށް އިންޑިއާގައި އޮންނަ ކޮލިފައިންގައި ފަލަސްތީން ހިމެނެނީ އިންޑިއާގެ އިތުރުން އީރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނާ އެއް ގްރޫޕެއްގަ އެވެ.