13 ނޮވެމްބަރ 2025 - 19:42

ފުވައްމުލަކުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރިއިރު، އެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް މީގެ ކުރިން ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން އޮތީ ފާހަގަކޮށްފަ އެވެ. އެ ސިޓީ އަށް ފެނަކައިން ފޯރުކޮށްދޭ ސަޕްލައިން ފެން ތަޣައްޔަރުވެ، "ފެނަށް ޖެހުން" މިއަދު ބޮޑު މައްސަލައަކަށް ވެގެން އުޅޭއިރު 2023 ގައި ނެރުނު އޮޑިޓް ރިޕޯޓަށް ބަލާއިރު ފެންނަނީ ހައްލު ކުރަންޖެހޭ ބޮޑެތި މައްސަލަތަކެވެ. އެ ރިޕޯޓް އާންމުކޮށް، އެ ކަންކަން އިސްލާހު ކުރަން އޭރު ވެސް އެންގި އެވެ.
ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ނެތުމުގެ މައްސަލަ ހައްލުކުރަން ގާއިމްކުރި ނިޒާމުން ނަތީޖާ ހާސިލުކުރެވިފައި ވަނީ ކިހާވަރަކަށްތޯ ބަަލަން، ހެދި ޕާފޯމެންސް އޮޑިޓަކަށް ފަހު ޖުލައި 2023 ގައި ނެރުނު ރިޕޯޓްގައިވާ ގޮތުން، އެ ސިޓީގެ ފެނުގެ ނިޒާމުން ދޫކުރަމުން އައި ފެނުގެ ކޮލިޓީ އޭރު ވެސް ވަރަށް ދަށެވެ.
އެ ރިޕޯޓްގައިވާ ގޮތުން، އޮޑިޓް ކުރި ދުވަސްވަރު ފެން ޓެސްޓްކުރަން ނެގި ސާމްޕަލްގައި ކޮލިފޯމް [ނަޖިސް ނުވަތަ އެހެއް އެއްޗަކުން ނަަމަވެސް ފެން ތަަޣައްޔަރު ވެފައިވާކަން އެކުލެވޭ ކަން ދައްކައިދޭ ބެކްޓީރިއާއެއް] ގެ އަސަރު ހުއްޓެވެ. ފެނުގައި އެކުލެވޭ އެފަދަ ބާވަތްތައް ނައްތާލުމަށް ޓަކައި އަޅަން ޖެހޭ ކެމިކަލެއް ކަމަށްވާ ކްލޮރިންގެ އަސަރު، ފުވައްމުލަކުން ނެގި ސާމްޕަލްގައި އެކަށީގެންވާ ވަރަށް ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ.
"...އެހެން ކަމުން މި އޮފީހުން ވާނީ ފެނަކަ ކޯޕަރޭޝަނާއި ކަމާ ގުޅޭ ހުރިހާ އިދާރާތަކަށް، މިކަމާ ގުޅިގެން އަވަސް ފިޔަވަޅު އެޅުމަށް އަންގާފަ އެވެ،" މީގެ ދެ އަހަރު ކުރީގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ފުވައްމުލަކުގެ ފެނުގެ ހާލަތު ބަލަން 2022 ވަނަ އަހަރު އޮޑިޓް އޮފީހުން އެންގުމުން، ފެނަކައިން ފެން ޓެސްޓްކުރީ ކޮލިފޯމް އެކުލެވޭ މިންވަރު ބެލުމުގެ ބައި ނުހިމަނަ އެވެ.
ފުވައްމުލަކުގެ ފެނުގެ ނިޒާމުގައި ހުރި މައްސަލަތައް ރެގިއުލޭޓަރީ އޮތޯރިޓީ އަށް އެ ދުވަސްވަރު ހުށަހެޅިޔަސް އެ އޮތޯރިޓީން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ރައްކާކުރުމާއި ސަޕްލައި ކުރުމުގެ ތެރޭގައި ފެން ތަޣައްޔަރު ވިޔަ ނުދިނުމަށް ޓަކައި އެކަށީގެންވާ މިންވަރަށް ރެސިޑުއަލް ކްލޮރިން ހުންނަން ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ "ޕްރިންސިޕަލް އެންޑް ޕްރެކްޓިސަސް އޮފް ޑްރިންކިން ވޯޓާ ކްލޮރިނޭޝަން" ގައި ބަޔާންކޮށްފައި ވެ އެވެ.
"...ނަމަވެސް ފުވައްމުލައް ސިޓީގައި ގާއިމް ކޮށްފައިވާ ފެނުގެ ނިޒާމުން އުފައްދާ ސަޕްލައި ކުރާ ފެނުގައި ކްލޮރިން ހުރީ އެއް ލީޓަރުގައި 0.02 މިލިގްރާމް ކަމަށް ވާއިރު، މިއީ ރެސިޑުއަލް ކްލޮރިން ހުންނަން ޖެހޭ މިންވަރު ކަމަށް ގައުމީ އަދި ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާގައިޥާ، ތިރީގައިވާ ތާވަލުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ މަދު މިންވަރެއް ކަން ފާހަގަކުރަމެވެ،" ފުވައްމުލަކުގެ ފެނާ ނަރުދަމާގެ ޕާފޯމެންސް އޮޑިޓަށް ފަހު ހެދި ރިޕޯޓްގައި ބުނެފައި ވެ އެވެ.
ފެނުގައި އެކުލެވެން ޖެހޭ ރެސިޑުއަލް ކްލޮރިން އެ މިންގަނޑަށް ވުރެ މަދުކަން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށް ފޮނުވި ރިޕޯޓުން އެނގެން އޮތް އިރު ވެސް އެ އޮތޯރިޓީން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.
"...ސަޕްލައި ފެނުގައި ހުންނަން ޖެހޭ ވަރަށް ރެސިޑުއަލް ކްލޮރިން ނެތުމަކީ ފެން ތަޣައްޔަރު ވުމަށް މެދުވެރިވާ ސަބަބެއް ކަން ފާހަގަކުރަމެވެ."
ފެނަކަ ކުންފުންޏާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައި ބުނީ ފުވައްމުލަކުގެ ފެނުގެ ނިޒާމުން އުފައްދާ ފެނުގެ 70 ޕަސެންޓް ފެން ބިމަށް ލީކުވަމުންދާ ކަން ފާހަގަކުރެވިގެން، އެކަން ރަނގަޅު ކުރަން ކުރި މަސައްކަތުން 2019 ވަނަ އަހަރާ ހަމައަށް އެ ނިސްބަތް ދަށްކުރެވުނީ 44 ޕަސެންޓަށެވެ.
"...މިގޮތުން ޖެނުއަރީ 2021 އިން ފެބްރުއަރީ 2022 މުއްދަތުގައި 125،767 ކޮޑިމީޓަރުގެ ފެން އުފައްދާފައި ވާއިރު، މީގެ ތެރެއިން 45،797 ކޮޑިމީޓަރުގެ ފެނަށް ބިލުކޮށްފައި ވެ އެވެ. އެހެން ކަމުން 79،856 ކޮޑިމީޓަރު (79،856،961ލީޓަރުގެ) ފެން ލީކުވެ، ފެނަކައަށް ބިލު ނުކުރެވި 4،132، 146 ރުފިޔާގެ ގެއްލުން ވެފައިވާ ކަން ފާހަގަކުރެވެެ އެވެ،" އޮޑިޓް ރިޕޯޓްގައި ބުނެފައި ވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން، އެގޮތަށް ފެން ލީކުވަމުން ދިއުމުން، ފެނަކަ އަށް މާލީ ގޮތުން ގެއްލުން ވުމުގެ އިތުރުން ފުވައްމުލަކުގެ ފެން ތަޣައްޔަރު ވުމުގެ ރިސްކު އޮތްކަން އޭރު ވެސް އެނގެ އެވެ. އެއީ ފެން ހޮޅިތަކަކީ ބިމުގައި ވަޅުލާފައިވާ ހޮޅިތަކަށް ވާތީ، ލީކޭޖުގެ ތެެރެއިން ހޮޅިތަކަށް ޖަރާސީމު އެތެރެވުމުގެ ރިސްކު އޮތީމަ އެވެ.
"ފެނުގެ ނިޒާމުގެ ހޮޅިތަކަކީ ބިމުއަޑީގައި ވަޅުލެވިފައިވާ ތަކެތިކަމުގައި ވާއިރު، ފެން ލީކުވާ މައްސަލަ ދެނެ ނުގަނެވި ގިނަ ދުވަސްަތަކެއް ހޭދަވުމުގެ ސަބަބުން، ލީކްވާ ސަރަހައްދުތަކުން ފެނުގެ ނިޒާމުގެ ތެރެއަށް ޖަރާސީމު އެތެރެވުމުގެ ހިރާސް އޮތްކަން ފާހަގަކުރަމެވެ،" އޮޑިޓް ރިޕޯޓްގައި ބުނެފައި ވެ އެވެ.
ފުވައްމުލަކުގެ ނަރުދަމާ ނިޒާމުގައި ވެސް އެފަަދަ ބޮޑެތި މައްސަލަތައް ހުރިކަން އެ ރިޕޯޓްގައި ބުނެފައި ވެ އެވެ.
ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރު ވުމުން މުޅި ރަށުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެން ކަނޑާލައި، ފެނުގެ ނެޓްވޯކު ސާފުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެކަން ނިންމައި މިއަދުގެ މެންދުރު ގޭގެ އަށް ފެން ފޯރުކޮށްދޭން ފަށާފައިވީ ނަމަވެސް ފެނުގެ ސާމްޕަލްގެ ނަތީޖާ ނުލިބޭތީ ފެން ބޭނުން ނުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދެ އެވެ. އެއީ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެންގި އެންގުމެއް ކަމަށް ކައުންސިލުން ބުންޏެވެ.