އައިވީއެފް ހަދަން އެންސްޕާއިން ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ
އައިވީއެފް ހަދަން އެންސްޕާއިން ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ

އައިވީއެފް ހެދުމަށް އެންސްޕާއިން މި އަހަރު ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

އެ އެޖެންސީން ސޯޝަލް މީޑިއާގައި ރޭ ކުރި ޕޯސްޓުގައި ބުނީ ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހާ ހަމައަށް 7.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެ އަދަދު، މިދިޔަ އަހަރު ހުރީ 4.7 މިލިއަން ރުފިޔާގަ އެވެ.

އެންސްޕާއިން ބުނީ 93 އަންހެނަކަށް ފަރުވާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 23 މީހެއްގެ ފަރުވާ ކާމިޔާބު ވެފައިވާ ކަމަށް ބުންޏެވެ.

ދައުލަތުގެ ވެލްފެއާ އިދާރާގެ އިތުރުން އާސަންދައިގެ ދަށުން ވެސް މިހާރު އަންނަނީ އައިވީއެފް ހެދުމަށް މާލީ އެހީ ދެމުންނެވެ. އެހެންވެ، އެކަމަށް ދެ ފަންޑަކުން މި ވަގުތު އެހީތެރިކަން ފޯރުކޮށްދެ އެވެ.

ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ވައުދެކެވެ.

އައިޖީއެމްއެޗްގައި ވެސް އައިވީއެފް ހެދޭނެ ގޮތްތައް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.