އެއް ވަގުތަކު 100 ތަނެއްގައި ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއް
އެއް ވަގުތަކު 100 ތަނެއްގައި ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއް

ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ފަށައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހަދަން ސަރުކާރުން ކުރާ މަސައްކަތުގައި، ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައި ވާނެ ކަމަށެވެ.

"... އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރެވޭ މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ،" ރައީސްގެ ޕޯސްޓުގައިވެ އެވެ.

އޭގެ ތަފްސީލު ހިއްސާކޮށް، ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަން ފަށާފައިވަނީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށްފައި ކަމަށެވެ.

ރޭ ފަތިހު 5:30 ގައި ފެށި އެ އޮޕަރޭޝަންގައި ހާއްސަ ޑިޕާޓްމަންޓުތަކާއި ސަރަހައްދުތައް ވިލަރެސްކޮށްގެން އެކުލަވާލެވިފައިވާ ޓީމުތަކުން އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނަކީ، އެ އިދާރާއިން ބުނި ގޮތުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތެއް ކަމަށެވެ.

"މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް،" ފުލުހުން ބުންޏެވެ.

ޑްރަގާ ދެކޮޅަށް މި ފަހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ 355 ކިލޯގެ ޑްރަގްސް ހޯދައިފަ އެވެ. އެ މައްސަލައާ ގުޅިގެން ލަންކާގެ ބޯޓުގައި ތިބި ފަސް ބިދޭސީން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.