އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ބީއެމްއެލްއާ ބިން ހަވާލުކޮށްފި، 3،000 ފްލެޓް އަޅާނެ!
އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ބީއެމްއެލްއާ ބިން ހަވާލުކޮށްފި، 3،000 ފްލެޓް އަޅާނެ!

މަރުކަޒީ ބޭންކް، އެމްއެމްއޭގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އަޅާ ފްލެޓްތަކުގެ މަޝްރޫއު ހިންގުމަށް ސަރުކާރުން ގައުމީ ބޭންކް، ބީއެމްއެލްއަށް ހުޅުމާލެ އާއި ވިލިމާލެއިން މިއަދު ބިން ހަވާލުކޮށްފި އެވެ.

އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ބީއެމްއެލްއާ ބިން ހަވާލުކޮށްފި، 3،000 ފްލެޓް އަޅާނެ!
އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ބީއެމްއެލްއާ ބިން ހަވާލުކޮށްފި، 3،000 ފްލެޓް އަޅާނެ!

ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީން ވަނީ 3،000 ފްލެޓް އިމާރާތް ކުރުމަށް ބޭނުންވާ ބިން ހުޅުމާލެ 1 އާއި ހުޅުމާލެ 3 އަދި ވިލިމާލެ އިން އެ ބޭންކަށް ހަމަޖައްސައިދީ، އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި 3،000 ފްލެޓްގެ މަސައްކަތް ކުރާނީ އެ މަޝްރޫއުއަށް ހާއްސަކޮށްގެން އުފައްދާފައިވާ އެ ބޭންކުގެ ފުރިހަމަ ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް" އިން ކަމަށެވެ.

މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފުކުރަން ނިންމައި އެކަމާ ބެހޭ އުސޫލު އެމްއެމްއޭ އިން މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ. އަދި ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އެ ސްކީމްގައި ރާއްޖޭގެ ހުރިހާ ބޭންކެއް ބައިވެރިވުމަކީ އެމްއެމްއޭގެ އުސޫލުގެ ދަށުން ލާޒިމް ކަމެކެވެ. އެހެންވެ، ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދި މިހާތަނަށް ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ލޯނުގެ 52 ޕަސެންޓް ހިއްސާކުރާ ބޭންކުގެ ހައިސިއްޔަތުން އެ ސްކީމް ހިންގުމުގައި ބީއެމްއެލް އިން ވަރަށް ބޮޑަށް ޒިންމާދާރުވެ، އިސްނަގަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ދަށުން އުފެއްދި ސަބްސިޑަރީ ކުންފުނި "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް"ގެ ބޭނުމަކީ މި 3،000 ފްލެޓް އެޅުމަށް ފަހު، "ލީސް އެންޑިން ވިތު އޯނަޝިޕް" މޮޑެލްގެ ދަށުން އެ ތަންތަން ކުއްޔަށް ދިނުމެވެ. އަދި ކުލީގެ މުއްދަތު ހަމަވުމުން، ފްލެޓް ކުއްޔަށް ނަގާ މީހަކަށް އެތަނެއް މިލްކު ކޮށްދޭނެ އެވެ.

"މިހެން ހަދަން ޖެހޭ ސަބަބަކީ، މިގޮތަށް މި ކަންތައް ކުރުމުން ވަރަށް ބޮޑަށް ކޮސްޓު ކުޑަވާނެ. އަދި ބޭންކަށް އޮންނަ ރިސްކު ވެސް ކުޑަވާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީވެ. އެއީ މީގެ ލޭންޑް ކޮސްޓް، ފައިނޭންސިން ކޮސްޓް އަދި ޑިވެލޮޕްމަންޓް ކޮސްޓް، މިފަދަ އެތައް ހަރަދެއް ކުޑަކުރެވުމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ އިތުރު ތަފުސީލް ފަހުން އާންމުކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެމްއެމްއޭ އިން ވަނީ އެ ސްކީމްގެ ދަށުން ފައިނޭންސިން ފެސިލިޓީތައް ދޫކުރުމުގައި ބޭންކުތަކަށް މައިގަނޑު ދެ ގޮތެއް އިހުތިޔާރު ކުރެވޭނެ ގޮތަށް ހަދައިފަ އެވެ. އެއީ، ބީއެމްއެލް އިން މި އިހުތިޔާރުކުރި "ލީސް އެންޑިން ވިތު އޯނަޝިޕް" ނުވަތަ ބޭންކުތަކުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އާއި "އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން" ނުވަތަ ޑިވެލޮޕަރުން/އިންވެސްޓަރުން ފައިނޭންސް ކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުގެ މޮޑެލް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މިއަދަކީ ދިވެހިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ހައްލުކުރުމަށް ގައުމީ ބޭންކުން ސަރުކާރާ އެކު، އަތުގުޅާލައި މަސައްކަތް ފެށި ދުުވަސް ކަމަށެވެ. ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާދެ، މި ތަންތަނަކީ އަތްފޯރާ ފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ބޭންކަށް ބިން މި ދެނީ، ބޭންކަށް އިތުރު އަގަކާއި ނުލައި. ދައުލަތުން އެ އަގުގައި ހިފާ ގޮތަށް. އޭގެ ސަބަބުން މާތް ﷲ ވާގިފުޅާ އެކު، މި ފްލެޓްތަކުގެ އަގު މިހާރު މި ދޫކުރާ [ސޯޝަލް ހައުސިން] ފްލެޓްތަކުގެ އަގާއި ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިގެން ދާނެ،" މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ބީއެމްއެލް އިން އަޅާ ފްލެޓްތައް ދޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވޭ މީހުންނަށް ކަމަށާއި އެ މީހުންނަކީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ މީހުންނަށް ވެސް ވާން ޖެހޭނެ ކަމަށެވެ.

އެމްއެމްއޭ އިން 2017 ވަނަ އަހަރު ވެސް ވަނީ ބޭންކުތައް މެދުވެރިކޮށް ހައުސިން މަޝްރޫއުތަކުން ފްލެޓް ގަތުމަށް ލޯނު ދޫކޮށްފަ އެވެ. އޭގެ ތެރޭގައި، އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ހެދި މާލޭ ގްރޭންޑާއި ގާކޮށި ފްލެޓް މަޝްރޫއުގެ ފްލެޓްތައް ހިމެނެ އެވެ.

މާލީ ދާއިރާ ތަރައްގީކޮށް، ކުރިއެރުވުމުގެ އިތުރުން އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ހެޔޮ އަގުގައި ލޯނު ހޯދައިދިނުމަކީ އެމްއެމްއޭ އިން އިސްކަންދޭ ކަމެއް ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.