13 ނޮވެމްބަރ 2025 - 13:26

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުންދާއިރު ވެސް ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ހާމަނުކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލްތައް އެކުލެވިގެންވާ ގޮތާއި ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަތޮޅު ކައުންސިލްތައް އުވާލުން ފަދަ ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ ވެރިން ދައްކަވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް، އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަންވަމުން އަންނައިރު ވެސް އެ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައި ނުވާތީ އަދި އެ ބަދަލުތައް ގެންނަން އުޅޭކަން އެނގުނަސް، އެއީ ކޮން ބަދަލުތަކެއްކަން މިހާތަނަށް ސާފުވެފައިނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އީސީން އަންނަނީ އަންނަ އަހަރުގެ މާޗު 28 ގައި ކައުންސިލް އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެކަމަށް އެދި އަންނަ ޖެނުއަރީ މަހު ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ކުރިން އިއުލާންކުރި އެވެ.
އެމްޑީޕީން ބުނި ގޮތުގައި، ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތައް އާއްމުނުކުރާތީ ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ގަސްދުކުރާ މީހުންނަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިވެ އެވެ.
"ސިޓީތަކުގައި އެކުލެވޭ ދާއިރާތައް ކަނޑައަޅާފައި ނުވުމުގެ ސަބަބުން އެ ތަންތަނުގައި ޕްރައިމަރީ ބާއްވާ ފަހުން އަންނަ ބަދަލުތަކާ އެކު، އަލުން ކެންޑިޑޭޓުން ކަނޑައަޅަން ޖެހުން ނުވަތަ ޕްރައިމަރީ ބާއްވަން ޖެހިދާނެ ހާލަތު ދިމާވުން ފަދަ އެތަކެއް ގޮންޖެހުންތަކެއް މި ޕާޓީއަށް ދަނީ ކުރިމަތިވަމުންނެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނީ އިއްޔެގެ ބައްދަލުވުމުގައި އީސީއާ ކަންބޮޑުވުން ހިއްސާކުރުމުން ވެސް، ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެނައުމަށް ރާވާ ބަދަލުތަކަކީ ކޮބައިކަން އެ ކޮމިޝަނަށް އަންގާފައި ނުވާ ކަމަށެވެ. އެ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު އެ ކޮމިޝަންގެ އެއްވެސް މަޝްވަރާއެއް ހޯދާފައިވާ ނުވާ ކަމަށް ވެސް ބުނެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީން ގަބޫލުކުރާ ގޮތުގައި އެއީ ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން އިންތިހާބީ ދާއިރާތަކާއި ކައުންސިލްތައް އެކުލެވިގެންވާ ގޮތް އަދި ކެންޑިޑޭޓުންގެ ޝަކުވާތައް ފަދަ ލާމަރުކަޒީ ނިޒާމުގެ އަސާސީ ސިފަތަކާއި އުސޫލުތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް، އެ އިންތިހާބަށް ސީދާ ނުފޫޒު ފޯރުވުމަށް ރާވާފައިވާކަން ހާމަވާ ކަމެކެވެ.
އެ ސަބަބުތައް އެހެން ހުރުމުން، ކައުންސިލްތަކުގެ އިންތިހާބާ ގުޅޭގޮތުން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަ ކަމުގައިވާ ނަމަ ސިޔާސީ ޕާޓީތަކާ އެކަން އީސީން ޕާޓީތަކަށް ދުރާލައި އަންގައި އާއްމުންނަށް އަވަހަށް ހާމަކުރުމަށް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.