ފުވައްމުލަކުގެ ފެނުގެ މައްސަލަ: ފެން ދޫކުރި ކަމަށް ބުނިއިރު ބައެއް މީޓަރުތައް ހުރީ ބަންދުކޮށްފައި!
ފުވައްމުލަކުގެ ފެނުގެ މައްސަލަ: ފެން ދޫކުރި ކަމަށް ބުނިއިރު ބައެއް މީޓަރުތައް ހުރީ ބަންދުކޮށްފައި!

ފުވައްމުލަކުގެ ގޭގެ އަށް ރެއިން ފެށިގެން ފެނުގެ ހިދުމަތް ލިބޭނެ ކަމަށާއި މައްސަލަ ހައްލު ކޮށްފައިވާނެ ކަމަށް ފެނަކައިން މިއަދު ހެނދުނު ބުނި ނަމަވެސް ގިނަ ގޭގޭގެ މީޓަރުތައް ހުރީ ބަންދުކޮށްފައި ކަމަށް އެ ރަށުން ބުނެފި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހުއާ "މިހާރު" އިން މިއަދު ހެނދުނު ސުވާލު ކުރުމުން ވިދާޅުވީ، މައްސަލަ ހައްލުކޮށް ރެއިން ފެށިގެން ސަޕްލައި ފެން ދޫކުރަމުން އަންނަ ކަމަށެވެ.

އެކަމަކު، އަދިވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ ބޮޑު ކަމަށް ދެންނެވުމުން އޭނާ ވިދާޅުވި ގޮތުގައި އެއީ "ކްރޮސް ކަނެކްޝަން" ނުވަތަ ސަޕްލައި ފެނާއި ވަޅުފެން އެއް ހޮޅިއަކަށް ގުޅައިގެން ބޭނުންކުރާ ގެތަކެވެ.

އެ ގޮތަށް ކްރޮސް ކަނެކްޝަން ހަދާފައިވާ ގެތަކުން ވެސް އެކަން ރަނގަޅު ކުރުމުން ފެނުގެ ހިދުމަތް ދަތިކަމެއް ނެތި ލިބޭނެ ކަމަށް ނަޖާހު ވިދާޅުވި އެވެ.

"ކްރޮސް ކަނެކްޝަން ހަދާފައި ހުރި ގެތަކަށް ފެން އަދިވެސް ނުލިބޭނެ. އެހެން ހަދާފައި ހުރި ގެތަކަށް އަންގަމުން އަޅުގަނޑުމެން މި އަންގަނީ އެކަން ރަނގަޅު ކުރަމުން. އެއީ އަމިއްލަ އަށް ވެސް ހައްލު ކުރެވޭނެ އާދައިގެ ކަމެއް. އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދިއްޖިއްޔާ އެހީތެރިކަން ފޯރުކޮށްދޭނަން،" ފެނަކައިގެ އެމްޑީ ވިދާޅުވި އެވެ.

އެކަމަކު ފުވައްމުލަކުން "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ފެނުގެ ނިޒާމުގައި، ހޮޅިތަކުގެ ތެރޭގައި ހުރި ތަޣައްޔަރު ފެން ހުސްކުރަން ކަމަށް ބުނެ އިއްޔެ ފެނަކަ އިން ގެތަކުގެ އިސްކުރު ދޫކޮށްގެން ވަރަށް ގިނަ ފެން ބޭރުކުރި އެވެ. އޭގެ ފަހުން، ފެން މީޓަރުގައި ކޭބަލް ކްލިޕް އަޅުވައި، ފެން ބޭނުން ނުކުރެވޭނެހެން މިއަދު ހެނދުނު ވެސް ހުރީ ބަންދު ކޮށްފައި ކަމަށް އެ މީހާ ބުންޏެވެ.

"ފެން ދޫކުރިޔަސް ކިހިނެއްހޭ ބޭނުންކުރާނީ؟ މީޓަރުގައި މިހިރީ ސީލް ޖަހައި ބަންދުކޮށްފައި. އެ ސީލް ކަނޑާލެވޭނީ ފެނަކަ އަށް،" ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ ސިޓީން ވާހަކަ ދެއްކި އެހެން މީހަކު ބުނީ، އޭނާ ދިރިއުޅޭ ގޭގައި ސަޕްލައި ފެން ގުޅާފައި ވަނީ "ކްރޮސް ކަނެކްޝަން" ނަހަދާ ކަމަށާއި އެކަމަކު ފެން އަދިވެސް ނުލިބޭ ކަމަށެވެ.

"ޔަގީނުން ވެސް މިގޭގެ މީޓަރު ހުންނާނީ ރަނގަޅަށް. ފެން ގުޅުމުގައި އިޝޫއެއް ނޫޅޭނެ. ފެން މިއަދު ލިބޭނެއޭ އެބަ ކިޔާ. އެކަމަކު އަދި ނުލިބޭ،" އޭނާ ބުންޏެވެ.

ފުވައްމުލަކުގެ ގޭގެއަށް މިހާރު ފެން ލިބޭނެ ކަމަށް ފެނަކައިން ބުނި ޚަބަރު ޖެހުމުން ސޯޝަލް މީޑިއާގައި ކޮމެންޓްކުރި ގިނަ މީހުން ވެސް ބުނީ ގޭގެ އަށް ފެން ނުލިބޭ ކަމަށެވެ. ފެން ލިބެނީ ކޮންކޮން ގެތަކަކަށްތޯ ބައެއް މީހުން ސުވާލުކުރި އިރު އަނެއް ބަޔަކު ސުވާލުކުރީ ފެނަކައިން މީޓަރުތަކުގައި އެޅުވި ސީލް ކަނޑާލައިގެން ފެން ބޭނުންކުރަން ފަށަންވީތޯ އެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ، ބައެއް ގޭގޭގެ މީޓަރުގެ ވޭލް އަދިވެސް ހުރީ ބަންދު ކޮށްފައި ކަމަށާއި އެހެންވެ ފެން ލިބުނަސް ނޭނގޭނެ ކަމަށެވެ.

ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރު ވުމުން މުޅި ރަށުން ފެން ކަނޑާލައި، ފެނުގެ ނެޓްވޯކް ސާފުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އޭގެ ފަހުން އެ ސިޓީ އަށް ސަޕްލައި ފެން ފޯރުކޮށްދިނުން އޮތީ ހުއްޓިފަ އެވެ.