ދަރިފުޅަށްވުރެ ވަޒީފާ އިސްކުރެވޭތީ ދެރަވޭތަ؟
ދަރިފުޅަށްވުރެ ވަޒީފާ އިސްކުރެވޭތީ ދެރަވޭތަ؟

މިހާރުގެ މައިންބަފައިން އެންމެ ބޮޑަށް ހިތާމަކުރާ ކަމަކީ ވަޒީފާގައި މާގިނަ ވަގުތު ހޭދަކުރަން ޖެހި ދަރިންނަށް ވަގުތު ނުދެވުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ދަރިފުޅަށްވުރެ ވަޒީފާ އިސްކުރެވޭތީ ދެރަވޭތަ؟
ދަރިފުޅަށްވުރެ ވަޒީފާ އިސްކުރެވޭތީ ދެރަވޭތަ؟

ދިރާސާގެ ބައިވެރިވި މީހުންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ދަރިންނަށް ކުޑައިރު ބޭނުންވާ ބައެއް ކަންކަން ކޮށްދެވިފައި ނުވާތީ ދެރަވާ މީހުންނެވެ. އަދި ތިންބައިކުޅަ ދެބައި މީހުން ބުނި ގޮތުގައި އަލުން އެ ފުރުސަތު ލިބިއްޖެ ނަމަ އެމީހުން ދަރިންނާ ދޭތެރޭ ކަންތައް ކުރާނީ ކުރިން ކުރި ގޮތާ ވަރަށް ތަފާތު ގޮތަކަށެވެ.

މި މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން ހަ މީހަކު ބުނީ ދެ ވަނަ ދަރިއެއް ލިބުމުން އެމީހުންގެ އުޅުން ބަދަލުކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި ހަތަރު ބައިކުޅަ ތިން ބައި މީހުން އެމީހުންގެ އެކުވެރިންނަށް މިކަމާ ބެހޭ ގޮތުން ރަނގަޅު ނަސޭހަތްދީ އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ބުނެފައިވެ އެވެ.

ކޮންމެ ދިހަ މީހަކުން ހަތް މީހަކު ބުނީ އެމީހުންގެ ދަރިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލެވުމުގެ ހިތާމަ ހިތުގައި އޮންނަ ކަމަށެވެ.

މާބުރަކޮށް މަސައްކަތް ކުރުމުގެ އިތުރުން އެހާ މުހިއްމު ނޫން ކަންކަމާ ވެސް މާ ބޮޑަށް ހާސްވުމާއި ކުދިންނާ އެކު ކުޅެން ވަގުތު ހުސް ނުކުރެވުމާއި ކުދިންނާ އެކު ޗުއްޓީ ހޭދަކުރަން ނުދެވުމާއި އެކަށީގެންވާ ވަރަށް ކުދިންގެ ކުޑައިރުގެ ފޮޓޯތައް ނެގިފައި ނެތުމަކީ ވެސް ގިނަ މައިންބަފައިން ހިތާމަކުރާ ފަސް ކަންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ދިރާސާގައި ސުވާލުކުރި މައިންބަފައިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ކުދިންނާ އެކު ވަގުތު ހޭދަ ކުރެވުނުލެއް މަދުކަމުން ވަރަށް ހިތާމަކުރާ ކަމަށެވެ.

މި ދިރާސާގައި 2،000 މީހުން ބައިވެރިވެފައިވެ އެވެ. މީގެ 63 ޕަސެންޓް މީހުން ބުނީ ކުދިން ކުޑައިރު އެ ކުދިންނާއެކު އެކިއެކި ހަރަކާތްތަކުގައި އިތުރަށް ބައިވެރި ވެވުނު ނަމައޭ މިހާރު ހިތަށް އަރާ ކަމަށެވެ.

މި ދިރާސާ ކުރެއްވި ތަޖުރިބާކާރުން ވިދާޅުވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިން ކުޑައިރު އެކުދިން ހީވެސް ނުކުރާހާ އަވަހަށް ބޮޑުވެދާނެ ކަމަކަށް ހީ ނުކުރާ ކަމަށެވެ. އެކަން އިހްސާސް ވާއިރު ކުދިން ތިބެނީ ފުދޭ ވަރަކަށް ބޮޑުވެފަ އެވެ. ދެން ފާއިތުވެ ދިޔަ ތަނުގެ މަތިން ހަނދާންކޮށް އެކުދިންނަށް ނުކޮށްދެވުނު ކަންތައްތައް ހަނދާންވެ ދެރަވަނީ އެވެ.

ކޮންމެ މަންމައަކާއި ބައްޕައަކު ވެސް އެމީހުންގެ ދަރިން ކުޑައިރު އެކުދިންނާ އެކު ވަގުތު ހޭދަކުރަން ބޭނުންވެ އެވެ. ނަމަވެސް މިޒަމާނުގައި އޮފީސްތަކާއި މަސައްކަތްކުރާ ތަންތަނުގައި އުޅެންޖެހޭލެއް ބުރަކަމުން ކުދިންނަށް އަޅާލުމުގެ ބައި އޮންނަނީ ފުރިހަމަ ނުކުރެވި އެވެ.

• މާ ބުރަކޮށް ގިނަ ވަގުތު މަސައްކަތުގައި ވަގުތު ހޭދަކުރެވުން

• އެހާ މުހިއްމު ނޫން ކަންކަމާ ވެސް މާ ބޮޑަށް ވިސްނާ ފިކުރު ކުރެވުން

• ދަރިންނާއެކު ކުޅެލަން ވަގުތު ނުދެވުން

• ދަރިން ގޮވައިގެން ޗުއްޓީ ހޭދަކުރަން ނުދެވުން

• ދަރިންގެ ފޮޓޯ އެކަށީގެންވާ ވަރަކަށް ނެގިފައި ނެތުން

• ކުދިންނާ ދުރުގައި މާ ގިނަ ވަގުތު ހޭދަކުރެވުން

• ދަރިންގެ ހަޔާތުގައި އަންނަ މުހިއްމު ދުވަސްތަކުގެ ވީޑީއޯތައް ނެގިފައި ނެތުން

• ކުދިން ކުރާހިތްވާ ކަމެއް ނުވަތަ ހޮބީއެއް ކުރިއަށް ގެންދިއުމަށް ހިތްވަރު ނުދެވުން

• ދަރިންނާއެކު ހޮބީއެއް ޝެއާ ނުކުރެވުން

• ދަރިން ނިދާ ގަޑީގައި ފުދޭވަރަށް ފޮތް ކިޔައި ނުދެވުން

• ގޭތެރެ ސާފުކޮށް ބާއްވާނެ ގޮތަކާ މެދު ފިކުރު ކުރުމުގައި މާ ގިނަ ވަގުތު ހޭދަކުރުން

• ކުދިން ފަތަން ނުގެންދެވުން

• ކުދިންގެ ހަށިގަނޑާއި ހެދުން ހަޑިވާ ކަހަލަ ކަންތައްތައް ކުރަން ފުރުސަތު ނުދެވުން

• ކުދިންނަށް ޅަ އުމުރުގައި ފަތަން ދަސްކޮށް ނުދެވުން

• ކުދިންގެ ހަޔާތުގެ މުހިއްމު ވަގުތުތަކުގައި އެކުދިންނާއެކު ނުހުރެވުން

• ދަރިންނަށް ކަމެއް ވެދާނެތީ މާ ބޮޑަށް ރައްކާތެރިވެވުން