ޕްރިޔަންކާ ކުޅޭ ދެކުނު އިންޑިއާގެ ފިލްމުގައި އޭނާ ފެންނާނެ ގޮތް ދައްކާލައިފި
ޕްރިޔަންކާ ކުޅޭ ދެކުނު އިންޑިއާގެ ފިލްމުގައި އޭނާ ފެންނާނެ ގޮތް ދައްކާލައިފި

ޕްރިޔަންކާ ޗޯޕްރާ ކުޅޭ ދެކުނު އިންޑިއާގެ ފިލްމުގައި އޭނާ ފެންނާނެ ގޮތް އިއްޔެ ދައްކާލައިފި އެވެ.

"ބަހޫބަލީ" ގެނެސްދިން ދެކުނު އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރަޖަމޯލި ގެނެސްދޭ އަދި ނަން ހާމަކޮށްފައި ނުވާ އެ ފިލްމުގައި ޕްރިޔަންކާ ފެންނާނެ ގޮތުގެ ޕޯސްޓަރެއް އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އެ ޕޯސްޓަރުގައި ޕްރިޔަންކާ ފެންނަނީ ރީނދޫ ކުލައިގެ ސާޅިއެއްގައި ފިސްތޯލައެއް ހިފައިގެން ހުއްޓަ އެވެ.

އެ ފިލްމުގައި ޕްރިޔަންކާ ކުޅޭ ކެރެކްޓާގެ ނަމަކީ މަންދަކިނީ ކަން ވެސް އެ ޕޯސްޓަރުން އެނގެ އެވެ.

ޕްރިޔަންކާ އިންޑިއާގެ ފިލްމެއް މި ކުޅެނީ ވަރަށް ގިނަ އަހަރު ފަހުންނެވެ. އެންމެފަހުން އޭނާ ކުޅުނު އިންޑިއާގެ ފިލްމަކީ 2019 ގައި ގެނެސްދިން "ދަ ސްކައި އިޒް ޕިންކް" އެވެ.

ނަމަވެސް، އިންޑިއާގެ އެކްޓަރުންނާ އެކު ނެޓްފްލިކްސް އިން 2021 ގައި ގެނެސްދިން އެމެރިކާގެ ފިލްމެއް ކަމަށްވާ "ދަ ވައިޓް ޓައިގާ"ގައި އޭނާ އުޅުނެވެ.

ޕްރިޔަންކާގެ ކުރިން، އެ ފިލްމުގައި މުހިންމު ރޯލެއް ކުޅޭ މަލަޔާލަމް އެކްޓަރު ޕްރިތުވިރާޖު ސުކުމަރަންގެ ޕޯސްޓަރެއް ވެސް މި ހަފުތާގައި ވަނީ އާންމުކޮށްފަ އެވެ. އޭނާ ކުޅޭ ރޯލުގެ ނަމަކީ ކުމްބާ އެވެ.

އެ ފިލްމުގައި ލީޑް ރޯލެއް ދެން ކުޅެނީ ތެލުގޫ އެކްޓަރު މަހޭޝް ބާބޫ އެވެ. އޭނާގެ ޕޯސްޓަރު އަދި އާންމެއް ނުކުރެ އެވެ.

"ގްލޯބް ޓްރޮޓާ"ގެ ގޮތުގައި މަޝްހޫރު ކުރާ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ފިލްމަކަށް ވާނެ އެވެ. އޭގެ މަނައަކީ ވަރަށް ދުރަށް ދަތުރުކުރާ މީހެކެެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި މިޝަންތަކެއްގައި ބައިވެރިވާ ބަޔަކު ދައްކާ އެކްޝަން-އެޑްވެންޗާ ފިލްމެކެވެ.

ރިލީޒްކުރާ ތާރީހު އަދި ހާމަކޮށްފައި ނުވާ އެ ފިލްމުގެ ނަން އިއުލާންކުރަނީ އިންޑިއާގެ ހެއިދަރުއާބާދުގައި މި ހަފުތާ ބަންދުގައި ބާއްވާ ފޭން އިވެންޓެއްގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.