13 ނޮވެމްބަރ 2025 - 18:09

ޓެކުހުގެ ދާއިރާއަަށް އަންނަ ޒަމާނީ ބަދަލުތަކާ އެކު ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމުގެ ގޮތުން ބިޒްނަސް ލީޑަރުންނާއި ރެގިއުލޭޓަރުން އަދި ކަމާ ބެހޭ މާހިރުން ބައިވެރިވާ ޓެކްސް ފޯރަމެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެ ފޯރަމްގައި މައުލޫމާތާއި ހިޔާލު ބަދަލުކުރާނީ ޓެކްސްއާ ގުޅޭ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް ރާއްޖޭގެ މަފްހޫމްގައި ތަންފީޒުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.
"ޝޭޕިން އަ ސްމާޓާ ޓެކްސް ފިއުޗާ ޓުގެދާ" ނަމުގައި ބާއްވާ އެ ފޯރަމް ކުރިއަށްގެންދާނީ މީރުމާ ހޯލްގައި ހޮނިހިރުދުވަހު ހެނދު 8:30 އިން ހަވީރު 4:30 އަށެވެ.
އެ ފޯރަމްގައި ރާއްޖެ އާއި ބޭރުގެ ގިނަ އަދަދެއްގެ މާހިރުން ތަގުރީރުކުރައްވާނެ އެވެ.
ވަކިވަކި މާހިރުން ކުރައްވާ ތަގުރީރުތަކުގެ އިތުރުން ފަސް ޕެނަލް ޑިސްކަޝަނެއް ވެސް އެ ފޯރަމްގައި ކުރިއަށް ގެންދާނެ އެވެ.