13 ނޮވެމްބަރ 2025 - 09:45

އެމެރިކާގެ ސިއްހީ ހިދުމަތަށް ކަނޑައަޅާނެ ފައިސާގެ މައްސަލައިގައި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އެއްގަލަކަށް ނޭރި ބަޖެޓް ފާސްނުކުރެވުމުން އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައިސް "ބަންދު" ކުރިތާ 43 ދުވަސް ފަހުން މިއަދު އަލުން މަސައްކަތް ފަށައިފި އެވެ.
ބަޖެޓުން ހޭދަތައް މެދުކަނޑާލައި ސަރުކާރު ހުއްޓުމަކަށް އައުމާ އެކު ސަރުކާރުގެ އެތައް ހާސް މުވައްޒަފުންނަކަށް އުޖޫރަ ނުދެވި މަސައްކަތްތައް ވެސް ހުއްޓާލަން ޖެހުނެވެ. މި ހުރިހާ ކަމެއްގެ ޒިންމާ ދެ ޕާޓީން އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ގެންދަނީ އަޅުވަމުންނެވެ.
ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުން ޕާޓީގެ ވިސްނުމާ އެއްގޮތަށް، ފެޑެރަލް ޑިޕާޓްމަންޓްތަކާއި އެޖެންސީތައް ހުޅުވުމަށް ބޭނުންވާ ޕެކޭޖް ފާސްކުރުމަށް ވޯޓު ދެއްވި އިރު ޑިމޮކްރެޓުންގެ ގިނަ މެންބަރުން ވަނީ މިއީ ޕާޓީގެ ލީޑަރުން ބޭނުންވާ ކޮންމެ ގޮތަކަށް ރުހިގެން ދިން ވޯޓެއް ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ.
މި ޕެކޭޖުގެ ދަށުން މިލިޓަރީ ކޮންސްޓްރަކްޝަން އާއި ވެޓެރަންސް އެފެއާޒް އާއި ޑިޕާޓްމެންޓް އޮފް އެގްރިކަލްޗާ އަދި ކޮންގްރެސް އަށް އަންނަ އަހަރުގެ ފަހުކޮޅާ ހަމަޔަށް އަދި ސަރުކާރުގެ އެހެން އިދާރާތަކަށް ވެސް ޖެނުއަރީ މަސް ނިމެންދެން ފައިސާ ލިބޭނެ އެވެ.
ބަންދު ނިމުމަކަށް ގެނައި ބިލް ތަސްދީގުކުރެއްވުމަށް ފަހު އޯވަލް އޮފީހުގައި ޓްރަމްޕު ވަނީ އެމެރިކާ ސަރުކާރު މިހާތަނަށް ބަންދުކުރަން ޖެހެނު އެންމެ ދިގު މުއްދަތަކީ މިއީ ކަމަށް ވާއިރު އެކަމުގެ ޒިންމާ ޑިމޮކްރެޓުން އުފުލަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
"މިއަދު މި ދެނީ ބިރު ދައްކައިގެން އަޅުގަނޑުމެން ލައްވާ ކަންކަން ނުކުރެވޭނެ ކަމުގެ ސާފު މެސެޖު،" ހައުސްގެ ރައީސް މައިކް ޖޯންސަން އާއި ރިޕަބްލިކަން ޕާޓީގެ އެހެން ސެނެޓަރުންނާ އެކު ހުންނަވައި ޓްރަމްޕު ވިދާޅުވި އެވެ.
ޖޯން އޭގެ ކުރިން ވަނީ ހައުސްގެ ޖަލްސާގައި ވެސް ޑިމޮކްރެޓުންނަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރު ބަންދުކުރަން ޖެހުމުން ކުރިމަތިވާނެ ދަތިކަން ޑިމޮކްރެޓުންނަށް އެނގޭ ކަމަށާއި އެކަމަކު ސިޔާސީ ބޭނުމަށް އެ ޕާޓީން އެކަން ކުރީ ކަމަށެވެ. އެކަމަކު މިއީ މާނައެއް ނެތް އަނިޔާވެރި އަމަލެއް ކަމަށް ވިދާޅުވި އެވެ.
ހޭދައިގެ ވަގުތީ ޕޭކެޖެއް ފާސްކޮށް ސަރުކާރު އަލުން ހުޅުވުމާ އެކު 670،000 ސިވިލް ސާވަންޓުން އަލުން ވަޒީފާއަށް ނުކުންނާނެ އެވެ. މުސާރަ ނުލިބި އަދި ބަދަލެއް ވެސް ނުލިބޭ ގޮތަށް ތިބި ހަމަ މި އަދަދުގެ މުވައްޒަފުން ވެސް އަލުން މަސައްކަތް ފަށާނެ އެވެ. މީގެ ތެރޭގައި 60،000 އަށް ވުރެ ގިނަ އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި އެއާޕޯޓް ސެކިއުރިޓީ ސްޓާފުން ވެސް ހިމެނޭއިރު އެ އެންމެންނަށް އުޖޫރަ ވެސް ލިބެން ފަށާނެ އެވެ.
މިއީ މީގެ ހަތް އަހަރު ކުރިން، 35 ދުވަހަށް ސަރުކާރު ހުއްޓުމަކަށް އައި ފަހުން އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓުނު ފަހަރެވެ. ކުރީ ފަހަރު ސަރުކާރު ހުއްޓުމަކަށް އައީ ޑިސެމްބަރު 22، 2018 ގަ އެވެ. އެއީ އެމެރިކާގެ ބޯޑަރުގައި ބޮޑު ފާރު ބިނާކުރަން 5.7 ބިލިއަން ޑޮލަރު ކަނޑައަޅަން، ޓްރަމްޕު އޭރު ރައީސްކަމުގައި ހުންނެވި އިރު ކުރި މަސައްކަތުގެ ސަބަބުންނެވެ. އެފަހަރު 380،000 ފެޑެރަލް މުވައްޒަފުން މަސައްކަތުން އެކަހެރިކޮށް އަދި އިތުރު 420،000 މީހުން މުސާރަ ނުލިބޭ ގޮތަށް މަސައްކަތްކުރަން ޖެހުނެވެ.
ބަޖެޓް ފާސްކުރަންޖެހޭ މުއްދަތަށް އެކަން ނުވެއްޖެ ނަމަ އެމެރިކާގެ ވަރަށް ގިނަ ފެޑެރަލް ޑިޕާޓްމަންޓްތަކާއި އެޖެންސީތަކާއި ސަރުކާރުގެ އެތައް ހާސް މުވައްޒަފުންގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ އެވެ.