ފުވައްމުލަކުގެ ގޭގެ އަށް މިހާރު ފެން ލިބޭނެ: ފެނަކަ
ފުވައްމުލަކުގެ ގޭގެ އަށް މިހާރު ފެން ލިބޭނެ: ފެނަކަ

ފުވައްމުލަކުގެ ގޭގެ އަށް މިހާރު ފެނުގެ ހިދުމަތް ލިބޭނެ ކަމަށާއި ރޭގައި މައްސަލަ ހައްލު ކޮށްފައިވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.

ފެނުގެ މައްސަލާގައި "މިހާރު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ދެ ދުވަސް ފަހުން، ރެއިން ފެށިގެން އެ ސިޓީގެ ގޭގެ އަށް މިހާރު ފެން ލިބޭނެ ކަަމަށެވެ.

އެކަމަކު، މިއަދު ހެނދުނު ވެސް ބައެއް ގޭގެ އަށް ފެން ނުލިބޭ ކަމުގެ ޝަކުވާ އެ ރަށުގެ ބައެއް މީހުން ކުރި ކަމަށް ދެންނެވުމުން ނަޖާހް ވިދާޅުވީ، އެއީ "ކްރޮސް ކަނެކްޝަން" ހަދާފައި ހުރި ގެތައް ކަމަށެވެ.

ކްރޮސް ކަނެކްޝަނަކީ ސަޕްލައި ފެނާއި ވަޅުފެން އެއް ހޮޅިއަކަށް ގުޅައިގެން ބޭނުންކުރުމެވެ.

"ކްރޮސް ކަނެކްޝަން ހަދާފައި ހުރި ގެތަކަށް ފެން އަދިވެސް ނުލިބޭނެ. އެހެން ހަދާފައި ހުރި ގެތަކަށް އަންގަމުން އަޅުގަނޑުމެން މިދަނީ އެކަން ރަނގަޅު ކުރަން. އެއީ އަމިއްލަ އަށް ވެސް ހައްލު ކުރެވޭނެ އާދައިގެ ކަމެއް. އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދިއްޖިއްޔާ އެހީތެރިކަން ފޯރުކޮށްދޭނަން،" ފެނަކައިގެ އެމްޑީ ވިދާޅުވި އެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ، ބައެއް ގޭގޭގެ މީޓަރުގެ ވޭލް އަދިވެސް ހުރީ ބަންދު ކޮށްފައި ކަމަށާއި އެހެންވެ ފެން ލިބުނަސް ނޭނގޭނެ ކަމަށެވެ.

"ވޭލް ހުޅުވޭނީ ފެނަކައިގެ މީހުންނަށް،" އޭނާ ބުންޏެވެ.

އާބާދީގައި 13،800 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ފެން ބޭނުން ނުކުރެވޭ މިންވަރަށް ތަޣައްޔަރު ވެފައިވާތީ އެ ރަށުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެނުގެ ހިދުމަތް ކަނޑާލުމާ އެކު، އެ ރަށް އެއްކޮށް އޮތީ ފެނަށް ޖެހިފަ އެވެ.

އެކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ޖެހިގެން އައި އަންގާރަދުވަހު ވިދާޅުވެފައިވަނީ ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު ކުރިއެކޭ ވެސް އެއްގޮތަށް ފެން ދޫކުރަން ފަށާނެ ކަމަށެވެ. އެކަމަކު، އެ ވަގުތު ހަމަވިއިރު ވެސް ފެނެއް ނުލިބުނެވެ.

އޭގެ ފަހުން ފެނަކައިގެ އެމްޑީ ނަޖާހު "މިހާރު" އަށް އިއްޔެ ވިދާޅުވީ ފެނުގެ މައްސަލަ ދިމާވީ ގޭގެއަށް ފެން ހޮޅި ގުޅާފައި ހުރި ގޮތުން ކަމަށެވެ. އަދި ބައެއް ތަންތަނަށް ހުރީ ރީތި ފެނާއި ވަޅު ފެން އެއް ހޮޅިއަކަށް ގުޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގޭގެއަށް ގުޅާފައި ހުރި ހޮޅިތައް ފަހުން ރަނގަޅު ކުރާނެ ކަމަށެވެ. ނަމަވެސް މައި ނެޓްވޯކަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި އަދި ފެނުގެ ޓެސްޓްގެ ހެދުމަށް ފަހު އިއްޔެ ނަތީޖާ ލިބުމުން އިއްޔެ ހަވީރު އެ ސިޓީ އަށް ފެން ދޫކުރަން ފަށާނެ ކަމަށް ނަޖާހު ވިދާޅުވެފައި ވެ އެވެ.