12 ނޮވެމްބަރ 2025 - 23:11

ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެ މަނިކުފާނު މިއަދު ބައްލަވާލައްވައިފި އެވެ.

ރައީސް ވަނީ މިއަދު ހަވީރު ކ. ގުޅި އަށް ވަޑައިގަތުމަށް ފަހު، ރަސްމާލެ އަށް ވަޑައިގެން އެ ސަރަހައްދު ހިއްކުމުގެ އެންމެ ފަހުގެ މަސައްކަތުގެ މައުލޫމާތު ހޯއްދަވައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ އަށް އިންގިލާބީ ބަދަލެއް ގެންނަން ސަރުކާރުން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ތިން ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދާ ކަމަށާއި ސައިޓް-ޖޭގެ އެއްކޮށް ހިއްކާ ނިންމާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އަނެއް ދެ ސައިޓްގެ ތެރެއިން ސައިޓް-އެލް ގެ 25.53 ޕަސެންޓާއި ސައިޓް-ސީގެ 20.09 ޕަސެންޓް ނިމިފއިވާ ކަމަށް ވެެސް ރައީސް އޮފީހުން ބުންޏެވެ.
އެޗްޑީސީން ބުނިގޮތުގައި ރަސްމާލެ އިން މިހާތަނަށް ހިއްކާފައި ވަނީ 182.85 ހެކްޓަރުގެ ސަރަހައްދެކެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިން،މައި އެ ތަނުން 15000 ގޯތި ދޫކުރަން އިއުލާނު ކުރާނެ ކަމަށް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު އިއްޔެ ވިދާޅުވި އެެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 2023 ގަ އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ހަދާ ރަސްމާލެ އަށް 1،153 ހެކްޓަރުގެ ބިން ހިއްކާނެކަން އެ މަޝްރޫއު ފެށި އިރު ސަރުކާރުން އިއުލާނުކުރި އެވެ.