30 މާޗް 2017 - 16:06

ރާއްޖެ އާއި ތައިލެންޑާ ދެމެދު ކުރާ ވައިގެ ދަތުރުފަތުރު އިތުރަށް ފުޅާ ކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ ގައުމުން ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ތައިލެންޑްގެ ފަރާތުން ސޮއިކުރީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޗޫލާ ސުކްމަނޮޕެވެ. ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ސީއީއޯ ހުސައިން ޖަލީލެވެ.
ތައިލެންޑް ނުވަތަ ރާއްޖެ މެދުވެރިކޮށް އެހެން ގައުމުތަކަށް ކުރާ ދަތުރުތައް (ފިފްތް ފްރީޑަމް ރައިޓްސް) އެ އެއްބަސްވުމުގެ ދަށުން އިތުރު ކުރެވޭނެ އެވެ. މިހާރު އެގޮތަށް ދަތުރު ކުރެވެނީ ތިން ގައުމަކަށް ކަމަށްވިޔަސް އެ އެއްބަސްވުމުގެ ދަށުން އެގޮތަށް ދަތުރުކުރެވޭ ގައުމުތައް 8 އަށް އިތުރުވާނެ އެވެ. އަދި އެއިން ކޮންމެ މަންޒިލަކަށް ހަފުތާއަކު ހަތް ފްލައިޓް ދަތުރު ކުރުމުގެ ފުރުސަތު ދެ ގައުމުގެ އެއާލައިންތަކަށް އޮންނާނެ އެވެ.
މީގެ އިތުރުން ދެ ގައުމުގެ އެއާލައިންތަކުގެ އެއާޕޯޓްތަކުގައި އެދޭ ސްލޮޓް ގަޑިތައް ހަމަޖެއްސުމުގެ އެހީވުމާއި ފަންނީ ގޮތުން ދެ ގައުމުން އެހީވުމަށް ވެސް އެ އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމާ އެކު، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ތައިލެންޑާއި ރާއްޖެއާ ދެމެދު 1989 ސޮއިކޮށްފައިވާ އެއްބަސްވުމަށް އިސްލާހު ގެނެވުނީ އެވެ.
ރާއްޖެއާ ތައިލެންޑާ ދެމެދު މިހާރު ރާއްޖެ އިން ދަތުރުކުރަނީ ގައުމީ އެއާލައިން، މޯލްޑިވިއަން އެވެ. އަދި ތައިލެންޑްގެ ބެންކޮކް އެއާވޭޒް އިން ރާއްޖެ އަށް ދަތުރު ކުރެ އެވެ.