ދިއްލީގައި ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އިންޑިއާއިން ބުނެފި
ދިއްލީގައި ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އިންޑިއާއިން ބުނެފި

މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރެޑް ފޯޓް ސަރަހައްދުގައި ކާރެއް ގޮވައި، މަދުވެގެން 12 މީހަކު މަރުވި ހާދިސާ އަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް އެ ގައުމުން ރަސްމީކޮށް ކަނޑައަޅައި އިއުލާނުކޮށްފި އެވެ.

"ފެނިގެން މި ދިޔައީ ގައުމިއްޔަތާ ދެކޮޅު ބާރުތައް އަޑީގައި ތިބެގެން ދިން ރަހުމުކުޑަ ޓެރަރިސްޓު ހަމަލާއެއް،" ހާދިސާގެ ހަގީގަތަކީ ކޮބައިކަން ފުރަތަމަ ފަހަރަށް ހާމަކޮށް ނެރުނު ކެބިނެޓް ބަޔާނުގައި ބުނެފައިވެ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗެއާކުރެއްވި، ކެބިނެޓްގެ މަތީ ފެންވަރުގެ ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނުގައި ބުނީ މިއީ ގައުމާ ދެކޮޅު ބާރުތަކުން ހިންގި ފިނޑި އަމަލެއް ކަމަށެވެ. އިންޑިއާއިން ޓެރަރިޒަމްގެ ކޮންމެ އަމަލަކާ މެދު ވެސް "ޒީރޯ ޓޯލަރެންސް" ގެންގުޅުމުގެ ސިޔާސަތުގެ ދަށުން މި ހަމަލާއާ މެދު ވެސް އަމަލުކުރާނެ ކަމަށް ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި، މި ހިތާމަވެރި ވަގުތު އިންޑިއާއާ އެކު ތިބިކަން ހާމަކޮށް އެކި ގައުމުތަކުން ހާމަކޮށްފައި ވާތީ އެކަން ފާހަގަކޮށްފައިވެ އެވެ.

މައްސަލައިގެ ތަހުގީގު ޕްރޮފެޝަނަލްކަމާ އެކު ކުރިއަށް ގެންގޮސް، މި އަމަލު ހިންގި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ވީ އެންމެ އަވަހަކަށް ގެނައުމަށް ބަޔާނުގައި ވަނީ ކަމާބެހޭ އިދާރާތަކަށް އަންގައިފަ އެވެ.

މީހުން ގިނަ، އިންޑިއާގެ ލޭންޑްމާކެއް ކަމަށްވާ ރެޑް ފޯޓް ސަރަހައްދުގައި، ހޯމަ ދުވަހުގެ ރޭ އިރާކޮޅު ހަމަލާ ދިނީ ކާރެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި 12 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް ބެލެވޭއިރު 19 މީހަކު ޒަހަމްވެފައިވެ އެވެ.

ސަތާރަ ވަނަ ގަރުނުގެ ބިނާއެއް ކަމަށްވާ ރެޑް ފޯޓަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ލޭންޑްމާކެވެ. މިއީ އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރާ ރަސްމިއްޔާތުތަކުގައި އެ ގައުމުގެ ބޮޑުވަޒީރު ގައުމާ މުހާތަބުކުރުން ވެސް ބާއްވާ މައިދާނެވެ.

މަންޒަރު ދުށް މީހުން އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ކާރު ގޮވީ ދުއްވަމުން ދަނިކޮށެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކާރު ގޮއްވާލާފައިވަނީ އެ ސަރަހައްދުގައި ޕާކު ކޮށްފައި އެތައް އިރަކު އޮތުމަށް ފަހު އެތަނުން ނެރެ ދުއްވަމުން ގޮސް ޓްރެފިކް ލައިޓެއްގެ ކައިރީގަ އެވެ.

ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންގެ އެކި ވާހަކަތައް އިންޑިއާގެ މީޑިއާގައި ދައްކަމުން ދިޔަ ނަމަވެސް އިންޑިއާގެ ރަސްމީ އިދާރާތަކުން އަދި ތަފްސީލުތަކެއް ނުދެ އެވެ.