މަކަރާއި ހީލަތުގެ މައްސަލައެއްގައި ލަންކާގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ހައްޔަރުކޮށްފި
މަކަރާއި ހީލަތުގެ މައްސަލައެއްގައި ލަންކާގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ހައްޔަރުކޮށްފި

ސްރީ ލަންކާގެ އިގްތިސާދީ ކާރިސާގެ ކުރީކޮޅު، އިންޝުއަރެންސަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޕްރަސަންނާ ރަނަތުންގާ އިއްޔެ ހައްޔަރުކޮށްފި އެވެ.

ރަނަތުންގާ އަކީ 2022 ވަނަ އަހަރުގެ ޖުލައި މަހު އިގްތިސާދީ މައްސަލަތަކާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ލަންކާގެ ވެރިކަމުން ދުރުކުރި ގޯޓާބަޔާ ރާޖަޕަކްސަގެ ސަރުކާރުގެ އިސް ބޭފުޅެކެވެ.

ރަނަތުންގާގެ މައްޗަށް މީގެ ކުރިން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށް ބިރު ދައްކައިގެން ނާޖާއިޒު މަންފާ ހޯދިކަމުގެ ކުށް ވެސް ސާބިތުވެފަ އެވެ. މިފަހަރު ތުހުމަތުކޮށްފައިވަނީ ދައުލަތުގެ އިންޝުއަރެންސް ކުންފުންޏަކަށް 2021 ވަނަ އަހަރު ތެރޭ މަކަރު ހެދި ކަމަށެވެ.

އޭނާ ހައްޔަރުކުރިތާ އިރުކޮޅެއް ފަހުން ކޯޓަށް ހާޒިރުކުރުމުން 100،000 ރުޕީސް (333 ޑޮލަރު) ގެ ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

ރަނަތުންގާގެ މައްޗަށް ކުރިން ސާބިތުވެފައިވަނީ ވިޔަފާރިވެރިއަކަށް ބިރު ދައްކައިގެން އޭނާގެ އަތުން ފައިސާ ހޯދި މައްސަލައެކެވެ. އެ މައްސަލައިގައި ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ. އެ ހުކުމުގައި 25 މިލިއަން ރުޕީސް އިން ޖޫރިމަނާ ވެސް ވަނީ ކޮށްފަ އެވެ.

އުމުރުން 58 އަހަރުގެ ރަނަތުންގާ އަށް ވަނީ، މައްސަލައިގައި ހިމެނޭ ވިޔަފާރިވެރިޔާއަށް އެއް މިލިއަން ރުޕީސް ދިނުމަށާއި އެ ފައިސާ ނުދައްކައިފި ނަމަ އިތުރު 12 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވެސް އަންގައިފަ އެވެ.

ސްރީ ލަންކާއަށް ބޭރުގެ 46 ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރެވޭނެ ގޮތެއް ނެތް ބަނގުރޫޓުވީ 2022 ވަނަ އަހަރު އެވެ.

ސަރުކާރުގެ ކޮރަޕްޝަނުގެ ސަބަބުން ވެފައިވާ ގެއްލުމުގެ ރަސްމީ ތަފާސް ހިސާބެއް ނެތަސް އެކްޓިވިސްޓުން ލަފާކުރާ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ވަނީ ގެއްލިފަ އެވެ. -- އޭއެފްޕީ