އިންޑޮނީޝިއާގައި ކާނާ ވިހަވުމުގެ މައިގަނޑު ސަބަބަކީ ސްކޫލްތަކުގެ ހިލޭ ނާސްތާ: ސަރުކާރު
އިންޑޮނީޝިއާގައި ކާނާ ވިހަވުމުގެ މައިގަނޑު ސަބަބަކީ ސްކޫލްތަކުގެ ހިލޭ ނާސްތާ: ސަރުކާރު

އިންޑޮނީޝިއާގައި މި އަހަރު ރެކޯޑްކުރެވިފައިވާ ކާނާ ވިހަވުމުގެ ގާތްގަނޑަކަށް 50 ޕަސެންޓް ގުޅިފައިވަނީ އެ ގައުމުގެ ކުދިންގެ ހެދިބޮޑުވުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލު ގެނައުމުގެ މަގްސަދުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ހިލޭ ދޭން ފަށާފައިވާ ނާސްތާއާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ރިޔާސީ ވައުދެއް ފުއްދެވުމަށް މިދިޔަ ޖެނުއަރީ މަހު ތައާރަފް ކުރެއްވި ބިލިޔަން ޑޮލަރުގެ މި ސްކީމަށް ބޮޑު ސަމާލުކަމެއް ލިބުނު ކަމުގައި ވިޔަސް އޭގެ ފަހުން އިންޑޮނީޝިއާގައި ވަނީ ކާނާ ވިހަވުމުގެ އެތައް ހާދިސާއެއް ހިނގައިފަ އެވެ.

މި ޕްރޮގްރާމް ބަލަހައްޓާ ބީޖީއެން އޭޖެންސީގެ ވެރިޔާ ދާދަން ހިންޑަޔާނާ، ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވިދާޅުވި ގޮތުގައި ޕްރޮގްރާމް ފެށި ފަހުން އިންޑޮނީޝިއާގެ އެކި ހިސާބުތަކުގައި 11،000 އަށް ވުރެ ގިނަ މީހުން ކާނާ ވިހަވެފައިވެ އެވެ. އަދި އޭގެ ތެރެއިން 600 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކާނާ ވިހަވުމުގެ 441 ހާދިސާގެ ތެރެއިން 211 ހާދިސާ ނުވަތަ 48 ޕަސެންޓް ކޭހަކީ ހިލޭ ނާސްތާ ޕްރޮގްރާމާ ގުޅިފައިވާ މައްސަލަތަކެވެ.

މިއިން ކޮންމެ ހާދިސާއެއްގައި އެތައް ހާސް ބަޔަކަށް އަސަރުކޮށްފައިވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހު ވެސް ސެންޓްރަލް ޖާވާގެ ދެ ސްކޫލެއްގެ 660 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ސަރުކާރުން ދިން ހިލޭ ކާނާ ކެއުމުގެ ސަބަބުން ބަނޑާއި ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ކުރިމަތިވެފަ އެވެ. ދާދަން ވިދާޅުވީ ހިލޭ ނާސްތާ ޕްރޮގްރާމާ ގުޅިފައިވާ ކޭސްތަކުގެ ތެރެއިން 50 ޕަސެންޓަކީ، އީ-ކޮލީ ބެކްޓީރިއާ އަށަގެންފައި ހުރި ކާނާގެ މައްސަލަ ކަމަށެވެ.

އޭނާ ވިދާޅުވީ މި މައްސަލަ ބޮޑުވެފައި ވާތީ، ސްކޫލްތަކަށް ކާނާ ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށެވެ.

ހިލޭ ކާން ދިނުމަށް، ކެއުމަކަށް 10،000 ރުޕިއާ (ގާތްގަނޑަކަށް 10ރ.) ސަރުކާރުން ކަނޑައަޅާފައި ވާއިރު، މި އަހަރަށް 71 ޓްރިލިއަން ރުޕިއާ (4.3 ބިލިއަން ޑޮލަރު / 67،461،809،099ރ.) ގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި 2029 ވަނަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 83 މިލިއަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ގާތްގަނޑަކަށް 282 މިލިއަނުގެ އާބާދީއެއް އޮންނަ އިންޑޮނީޝިއާގައި 21.5 ޕަސެންޓް ކުދިންނަށް ރަނގަޅު ކާނާ ނުލިބި، ހެދިބޮޑުވުމަށް ހުރަސްއެޅިފައިވެ އެވެ. ދެކުނު އިރުމަތީ އޭޝިއާގެ އެ ގައުމުގެ އަމާޒަކީ 2045 ވަނަ އަހަރުގެ ކުރިން އެ ރޭޓް ފަސް ޕަސެންޓަށް ދަށް ކުރުމެވެ.