12 ނޮވެމްބަރ 2025 - 19:51

ކ.ގުޅީގައި ސަރުކާރުން ހިންގި ބިން ހިއްކުމުގެ މަޝްރޫއުގެ މަސަައްކަތް އެމްޓީސީސީން ނިންމުުމުން އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސަައްކަތް ވެސް ސަރުކާރުން މިއަދު އެ ކުންފުންޏާ ހަވާލުކޮށްފި އެވެ،

ގުޅީ ބިންހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިިކޮށްދެއްފީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ގުޅީގެ ބިންހިއްކުމުގެ މަޝްރޫއު ނިމުމަކީ ވަރަށް ގިނަ ބައެއްގެ ކެކުޅުންތަކަށް ނިމުން ގެނެވި، އެރަށުގެ ގިނަ މައްސަލަތަކެއް ހައްލުވާނެ ކަމެއް ކަމަށެވެ. އެ މަޝްރޫއު ނިމުނީ ވަަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ގުޅިއަށް 10.5 ހެކްޓަރުގެ ބިން އިތުރުކުރުމުގެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަބ އޭޕްރިލްމަހު އެވެ. އެހެންވީމާ އެ މަސައްކަތަށް ހޭދަވީ ގާތްގަނޑަކަށް ހަތް މަސްދުވަހެވެ.
ރައީސް ވިދާޅުވީ ގުޅިއަށް އިތުރުކުރި ބިމުގައި އެރަށު ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކުރުމަށް ސަރުކާރުން ފުރިހަަމަ އެއްބާރުލުންދީ މަގުފަހިކޮށްދޭނެ ކަމަށެވެ.
"އެއީ ގޯތި ގެދޮރު ބިނާކުރުމަށް ޓަކައި ހައުސިން މަޝްރޫއުތައް ހިންގައިދިނުން ކަމުގައި ވިޔަސް، އަދި އިޖުތިމާއީ އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން މަސައްކަތްތައް ކުރުން ކަމުގައި ވިޔަސް ސަރުކާރު އޮންނާނީ ތިޔަ ލޮބުވެތި ރައްޔިތުންނާ އެކު ، ދާން ބޭނުންވާ މިސްރާބަށް ދިއުމުގައި ފުރިހަމަ އެއްބާރުލުން ދީގެން،" ރައީސް ވިދާޅުވި އެވެ.
ގުޅީ ބިންހިއްކައި ނިމުން ފާހަގަކުރަން ބޭއްވި އެ ރަސްމިއްޔާތުގައި އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުުގައި ސޮއިކުރުން ވެސް އޮތެވެ. އެ އެއްބަސްވުުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ގުޅީ ބިންހިއްކުމުގެ މަޝްރޫއު ގައި އެރަށަށް 10.15 ހެކްޓަރުގެ ބިމެއް އިތުރުކުރި އެވެ. ބިން ހިއްކުމުގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން އެ ރަށުގައި ހިންގި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން، 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި 88 މީޓަރުގެ ގްރޮއިންސް ޖެހި އެވެ.
އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 89 މިލިއަން ރުފިޔާ އަށެވެ.
ކ. ގުޅި އަކީ 814 ގެ އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ ރަށަކީ 15 ގެސްޓުހައުސްއާ އެކު ލޯކަލް ޓޫރިޒަމްގެ މަސައްކަތް ވެސް ކުރާ ރަށެކެވެ.