12 ނޮވެމްބަރ 2025 - 18:16

ތަަރައްގީގެ މަޝްރޫއުތަކުގެ އެކި މަރުހަލާތައް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް މިހާރު ފެންނާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކ.ގުޅީގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ގުޅީގައި ބިންހިއްކުމުގެ މަޝްރޫއު ނިމުނު ގޮތަށް، އެ ރަށުގެ އެހެން މަޝްރޫއުތައް ވެސް ކުރިއަށްދާނެ ކަމަށާއި ހަމަ އެގޮތަށް އެހެން ރަށްރަށުގެ މަޝްރޫއުތައް ވެސް ކުރިއަށްދާނެ ކަމަށެވެ. ގުޅިއާއި އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ސަރުކާރުން ކޮށްދޭން އޮތް ކަމެއް ވިއްޔާ ކުރަމުން ނިންމަމުންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ރަށްގައި ވެސް ފެނިވަޑައިގަންނަވާނެ މިހާރު. ކަންކަން ހިނގަމުންދާތަން، ނިމެމުންދާތަން، އާ މަޝްރޫއުތައް ފެށޭތަން. އެހެންވީމާ ގުޅީގެ ރައްޔިތުންނަށް ތިޔަ އެކްސްޕީރިއެންސް ކުރަމުންދާ ނޫނިއްޔާ ފެނިވަޑައިގަންނަވާ މަންޒަރަކީ އިރާދަކުރެއްވިއްޔާ އެ ރަށެއްގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަންތައް، ފެނިވަޑައިގަންނަވަމުންދާ ކަންތައް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދުމަކީ ސަރުކާރުގެ އަމާޒުކަމަށް ވިދާޅުވެ، ސަރުކާރުން އެ ގޮތުގައި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ވެސް އެ މަނިިކުފާނު ދެއްވި އެވެ.
ގުޅީ ބިންހިއްކުމުގެ މަޝްރޫއުގެ އަމަލީ މަަސައްކަތް ފެށީ މިދިޔަ އޭޕްރިލްމަހު އެވެ.
އެ މަޝްރޫއު ގައި ގުޅިއަށް 10.15 ހެކްޓަރުގެ ބިމެއް އިތުރުކުރި އެވެ. ބިން ހިއްކުމުގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން އެ ރަށުގައި ހިންގި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން، 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި 88 މީޓަރުގެ ގްރޮއިންސް ޖެހި އެވެ.
އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 89 މިލިއަން ރުފިޔާ އަށެވެ.
ކ. ގުޅި އަކީ 814 ގެ އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ ރަށަކީ 15 ގެސްޓުހައުސްއާ އެކު ލޯކަލް ޓޫރިޒަމްގެ މަސައްކަތް ވެސް ކުރާ ރަށެކެވެ.