ރައްޔިތުން އިތުބާރު ކުރާ ނިޒާމެއް އޮއްވައި، އީވޯޓިން އަށް ދިއުމުގެ ވިސްނުމެއް އީސީން ނުގެންގުޅޭ
ރައްޔިތުން އިތުބާރު ކުރާ ނިޒާމެއް އޮއްވައި، އީވޯޓިން އަށް ދިއުމުގެ ވިސްނުމެއް އީސީން ނުގެންގުޅޭ

ރާއްޖޭގައި މިހާރު އޮތް އިންތިހާބީ ނިޒާމަށް ރައްޔިތުންގެ އިތުބާރުކުރާ ކަމަށާއި ހަރަދު ކުޑަވިޔަސް، އީވޯޓިން އަށް ދިޔުމުގެ ވިސްނުމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނުގެންގުޅޭ ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން އީސީ އަށް ކަނޑައަޅާފައިވާ ބަޖެޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ގިނަ މެމްބަރުންގެ ސުވާލުތައް އަމާޒުވީ، އިންތިހާބުތައް ބާއްވަން މިހާރު ކުރާ ހަރަދުތައް ކުޑަކުރުމާ ގުޅޭގޮތުންނެވެ.

މިގޮތުން، ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުން، ރާއްޖޭގައި ވެސް އީވޯޓިން ތައާރަފް ކުރުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ އެއްސެވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން މަރުޒޫގެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން، ޒާހިދު ވިދާޅުވި ގޮތުގައި، އިންތިހާބެއްގެ އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ އިތުބާރު އެ އިންތިހާބަކާ މެދު އޮތުމެވެ. އެގޮތުން، މިހާރު ރާއްޖޭގައި އިންތިހާބުތައް ބޭއްވޭ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު އެބައޮތް ކަމަށާއި އެކަން ބަދަލުކުރެވޭނެ މާހައުލެއް މި ވަގުތު ރާއްޖޭގައި އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް މާފާއެކު ދަންނަވަން، އީވޯޓިން އަށް ދިޔުމުގެ އެއްވެސް ވިސްނުމެއް އީސީއަކުން ނުގެންގުޅެން. އީވޯޓިންއަށް ދާނެ މާހައުލެއް މިވަގުތު ރާއްޖޭގައި އޮތް ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ޒާހިދު ވިދާޅުވި އެވެ.

ގާނޫނަށް ބަދަލު ގެނެސް، ނިޒާމު ބަދަލުކުރަން އީސީގެ މައްޗަށް ލާޒިމު ކުރިޔަސް، އެކަން ތަންފީޒު ކުރަން ވަރަށް ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ކުރިމަގުގައި އެކަން ކުރާ ނަމަ އެންމެ ފަސޭހަ އަދި ކުރު މަގަކީ، ސިޔާސީ ޕާޓީތަކާ ގުޅިގެން އީސީން އެ މަސައްކަތް ކުރުން ކަން ޒާހިދު ފާހަގަކުރެއްވި އެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރެވޭ ނަމަ ރައްޔިތުންގެ އިތުބާރު ހޯދަން ފަސޭހަވާނެތީ އެވެ.