12 ނޮވެމްބަރ 2025 - 17:20

އަންނަ އަހަރުގެ ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުގެ ފަރާތުން މަސްދަޅު ބަހަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓަރު އާދަމް ޝަރީފު "މިހާރު" އަށް ވިދާޅުވީ، އަންނަ އަހަރުގެ ފެބްރުއަރީ 18 ގައި ފަށާ އެ އަހަރުގެ ރޯދަމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބީސީއަކަށް ދޫކުރާނީ ކުރީ ފަހަރެކޭ އެއްގޮތަށް މަސްދަޅު ކޭހެއް ކަމަށެވެ.
އޭގެ ތަފުސީލް ނުދެއްވި ނަމަވެސް ރޯދަ ހަދިޔާ ބެހުމަށްޓަކައި ބައެއް ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވަނީ ގޭބީސީތަކުގެ މައުލޫމާތު ނަގަން ފަށައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މިދިޔަ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން 108،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބެހި އެވެ.
ރޯދަމަހަށް ސަރުކާރުން މަސްދަޅު ކޭހެއް ހަދިޔާކުރަން ރައީސް މުއިއްޒު ނިންމަވައި، މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި މަސްދަޅު ކޭސް މިދިޔަ ފަހަރު ބެހި އެވެ.
އެކަމާ ބެހޭ އިތުރު ތަފުސީލް ހޯދަން "މިހާރު" އިން މިދިޔަ އޭޕްރިލް މަހު ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު އޭރު ވިދާޅުވީ 108،801 މަސްދަޅު ކޭސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކޮށްފައިވާނެ ކަމަށެވެ. އެ މަސްދަޅު ކޭސްތައް ގަތުމަށް ދައުލަތުން 79.4 މިލިއަން ރުފިޔާ "ރައްޔިތުންނަށްޓަކައި ހޭދަކުރި" ކަމަށް އޮފިޝަލް ވިދާޅުވެފައި ވެ އެވެ.
"އެއީ ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ބެހި 79 މިލިއަން ރުފިޔާ،" އޭނާ އޭރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން އޭރު ބުނެފައިވާ ގޮތުގައި، ކޮންމެ މަސްދަޅު ކޭހަކަށް މިފްކޯ އިން 30ރ. ގެ ޑިސްކައުންޓެއް ވެސް ދިނެވެ. އެހެންވެ، މަސްދަޅު ކޭހަކަށް ސަރުކާރުން ހަރަދުކުރީ 730ރ. އެވެ.
މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި އެންމެ ފަހުން ބެހީ ދައުލަތުގެ ކުންފުނިތަކާއި ސިފައިންގެ އެހީތެރިކަމާ އެކު އެވެ. ނަމަވެސް ރަށްރަށުގައި މަސް ކޭސް ބެހީ ކައުންސިލްތަކާ ހަވާލު ކޮށްގެންނެވެ