އަދުހަމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް
އަދުހަމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އަދުހަމް މުހައްމަދުގެ މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް ޑިސެމްބަރު 2019 ގައި ގާސިމްގެ ކަރަށް އަދުހަމް ވަޅިއަކުން ހަމަލާދީ މަރާލީ އެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. އެ މައްސަލާގައި އަދުހަމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2023 ވަނަ އަހަރު އެވެ.

އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލްކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

މަރަން ހުކުމްކުރާ މީހުންގެ މައްސަލަތައް އެ މީހުންގެ ފަރާތުން އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން އިސްތިއުނާފް މަރުހަލާއަށް ހުށަހަޅަން ޖެހެ އެވެ.

އެ މައްސަލާގައި އަދުހަމް ފުރަތަމަ ކުށަށް އެއްބަސްވި ނަމަވެސް ފަހުން ކޯޓުގައި އޮތީ އެކަމަށް އިންކާރު ކޮށްފަ އެވެ. އެކަމަކު، ކޯޓުން ނިންމީ ހުށަހަޅާފައިވާ ހެކިތަކާއި އަދުހަމް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދެމެހެއްޓުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ވެސް އެބަތިއްބެވެ. އަދި ފަހުގެ ތާރީހެއްގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒެއް ނުކުރެ އެވެ.