"ފްލައިން ޖޭޓް" ފްލޮޕްވުމުން ޑިޕްރެޝަނާ ކުރިމަތިވި: ޓައިގާ ޝްރޮފް
"ފްލައިން ޖޭޓް" ފްލޮޕްވުމުން ޑިޕްރެޝަނާ ކުރިމަތިވި: ޓައިގާ ޝްރޮފް

ޓައިގާ ޝްރޮފް އަކީ ބޮލީވުޑްގެ ޒުވާން ބަތަލުންގެ ތެރެއިން އެންމެ ހިތްހެޔޮ އެންމެ މަޑުމައިތިރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ކުރީގެ މަޝްހޫރު ބަތަލު ޖެކީ ޝްރޮފްގެ ފިރިހެން ދަރިފުޅު ޓައިގާ އެންމެ ފަހުން ކުޅުނު "ފްލައިން ޖޭޓް" އަށް ވަރަށް ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިވި އެވެ.

"ފްލައިން ޖޭޓް" ފްލޮޕްވުމުން ޑިޕްރެޝަނާ ކުރިމަތިވި: ޓައިގާ ޝްރޮފް
"ފްލައިން ޖޭޓް" ފްލޮޕްވުމުން ޑިޕްރެޝަނާ ކުރިމަތިވި: ޓައިގާ ޝްރޮފް

އިންޑިއާގެ މަޖައްލާއަކަށް ޓައިގާ ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި ފިލްމު ފްލޮޕްވުމުގެ ސަބަބުން ކުރިމަތިވި ހިތާމާގައި ޑިޕްރެޝަނާ ކުރިމަތިވި އެވެ.

ބޮލީވުޑް ކަހަލަ ވާދަވެރިކަން ބޮޑު އިންޑަސްޓްރީއެއްގައި ދެތިން ފިލްމެއް ކުޅެފައިވާ އެކްޓަރެއްގެ ފިލްމުތައް ފްލޮޕްވާން ފަށައިފިނަމަ އޭނާގެ ދުވަސް އެ ދިޔައީ ކަމަށް ބެލިދާނެ އެވެ. ޓައިގާ އަށް އެހާ ފުން އަސަރުތަކެއް ކުރީ މިކަން ވިސްނޭތީ އެވެ.

"އަހަރެން 2016 ފެށީ "ބާޣީ" ގެ ބޮޑު ކާމިޔާބީއާ އެކު. އެ ފިލްމު ފުރަތަމަ ދުވަހު ވެސް 12 ކްރޯޑު (120 މިލިއަން ރުޕީސް) ހޯދުމުން އަހަރެންވީ އުފަލެއް ބަޔާން ކޮށްދޭންވެސް ނޭނގޭ. ނަމަވެސް އޭގެ ފަހުން ރިލީޒްކުރި "ފްލައިން ޖޭޓް" އަށް ލިބުނު ފައިސާގެ އަދަދުތައް ފެނިފައި އަހަރެން ވަރަށް މާޔޫސްވި. އެ ފިލްމަށްޓަކައި އަހަރެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރިން،" ޓައިގާ ބުންޏެވެ.

"ފްލައިން ޖޭޓް" އަކީ ސުޕަ ހީރޯ ފިލްމެކެވެ. ފިލްމު ރިލީޒްކުރުމާ އެކު ކްރިޓިކްސް ވެސް އެފިލްމަށް ވަރަށް ފާޑު ކިޔާފައިވެ އެވެ. އަދި އެއީ ހަމައެކަނި ކުޑަކުދިން ބަލާލަން ކަމުދާ ޒާތުގެ ފިލްމެއް ކަމަށް ލޭބަލް ކުރި އެވެ.

ފިލްމުގެ ނާކާމިޔާބީގެ ސަބަބުން ޑިޕްރެޝަނަށް ވެއްޓި މަހެއްހާ ދުވަހު އެކަމުގައި އުޅެން ޖެހުނު ކަމަށް ޓައިގާ ބުންޏެވެ.

ޑިޕްރެޝަނުން ސަލާމަތްވި ގޮތް ކިޔައިދެމުން ޓައިގާ ބުނީ އެކަމުގައި އުޅުނު އިރު ވަރަށް ގިނައިން ކެވުނު ކަމަށެވެ. އަދި "މުންނާ މައިކަލް"ގެ ޝޫޓިން ފެށިއިރު ވެސް އޭނާގެ ގައިގައި އެއްވެސް ހިތްވަރެއް ނެތް ކަމަށް ޓައިގާ ބުންޏެވެ. ނަމަވެސް ފިލްމުގެ ފުރަތަމަ ޝެޑިއުލް ނިމުމާ އެކު ދެން އިތުރަށް މިކަމުގައި ނޫޅެން އަޒުމު ކަނޑައަޅައިގެން މަސައްކަތްކޮށް ޑިޕްރެޝަނުން މުޅިން ސަލާމަތްވެފައިވާ ކަމަށް ވެސް ޓައިގާ ބުންޏެވެ.

ޓައިގާ ނޫނަސް ބޮލީވުޑް ބައެއް ތަރިން ޑިޕްރެޝަންގެ ޝިކާރައަކަށް ވީ ވާހަކަތައް މީޑިއާއާ ހިއްސާކޮށްފައި ވެ އެވެ. އެގޮތުން ދީޕިކާ ޕަދުކޯން ފާހަގަކޮށްލެވެ އެވެ. ދީޕިކާ ވެސް ވަރަށް މަސައްކަތުން ޑިޕްރެޝަނުން ސަލާމަތްވެ އެކަމަށް ހޭލުންތެރިކަން އިތުރުކޮށްދިނުމަށް ފައުންޑޭޝަނެއް ވެސް މިހާރު ހިންގަ އެވެ.

ޓައިގާ ދެން އެންމެ އަވަހަށް ފެންނާނީ ސާބިރު ޚާންގެ "މުންނާ މައިކަލް" އިންނެވެ. މިއީ ސާބިރު އާއެކު ޓައިގާ މަސައްކަތްކުރާ ތިން ވަނަ ފަހަރެވެ. ޓައިގާ ބޮލީވުޑަށް ތައާރަފްވި "ހީރޯޕަންތީ" އަކީ ވެސް ސާބިރު އުފެއްދި ފިލްމެކެވެ. އަދި އޭގެ ފަހުން ކުޅުނު "ބާޣީ"ގެ ޑައިރެކްޓަރަކީ ވެސް ސާބިރެވެ.

"މުންނާ މައިކަލް" ގައި ޓައިގާ އާއެކު ބަތަލާގެ ރޯލު ކުޅެނީ އަލަށް ތައާރަފްވާ ނިދީ އަގަރްވާލް އެވެ. އަދި ނަވާޒުއްދީން ސިއްދީގީ ވެސް މިފިލްމުގައި މުހިއްމު ބައެއް އަދާ ކުރެ އެވެ.