12 ނޮވެމްބަރ 2025 - 16:19

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކުރާ ދެވަނަ ދައުވާގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ހަތަރު އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން ކުރަނީ އޭނާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެ 2023 ވަނަ އަހަރު ލ. މާމެންދޫގައި އަމިއްލަ ފަރާތަކުން ހަދާފައިވާ އައިސް ޕްލާންޓެއް ފެނަކައަށް ގަތް ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ސައީދުގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަށް އޭނާ ކުރިން އިންކާރު ކޮށްފައިވާއިރު، މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމެވެ.
އެ މައްސަލަ ކުރިއަށް ގެންދެވޭނެ ނިންމިއިރު، ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް މިދިޔަ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން އިއްވީ ފެނަކަ އާއި އަމިއްލަ ކުންފުންޏަކާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން އެ ކުންފުނިން މަސައްކަތް ފުރިހަމަ ކުރިކަން ކަށަވަރު ކުރުމެއް ނެތި އެ ކުންފުންޏަށް ފައިސާ ދޫކުރިކަން ސާބިތުވުމުންނެވެ.