13 ނޮވެމްބަރ 2025 - 10:51

ބޮލީވުޑްގެ ތަރިން ކަމަށްވާ ޔަމީ ގޯތަމް އާއި އިމްރާން ހާޝްމީގެ އާ ފިލްމު "ހައްގު"އަށް ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ލިބެން ފަށައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި އެ ފިލްމަށް ކްރިޓިކްސްގެ ތައުރީފު ލިބިފައިވާއިރު، ރޭޓިން ވެސް މައްޗަށެވެ. އައިއެމްބީޑީގައި 8.9/10 އާއި ރޮޓެން ޓޮމާޓޯގައި 80 ޕަސެންޓްގެ ރޭޓިންއެއް އެ ފިލްމަށް ވަނީ ލިބިފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފުރަތަމަ ފަސް ދުވަހު އެ ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި ވަނީ 11.25 ކްރޯޑް ރުޕީސް ލިބިފަ އެވެ. އެ ފިލްމަކީ 40-45 ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
ހަރަދު ރިކަވާކުރެވި، އެ ފިލްމަށް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފައިދާ ޖެހޭނެ ކަމަށް ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓުން މިހާރު ވަނީ ލަފާކޮށްފަ އެވެ.
"ހައްގު" ޕްރިމިއާކުރީ އެ ފިލްމުގައި އިސްލާމީ ޝަރީއަތަށް ފުރައްސާކުރާ ކަމުގެ ތުހުމަތުކޮށް، އެ ފިލްމު ރިލީޒްކުރުން ހުއްޓުވައި ދޭން މަދުޔަ ޕްރަދޭޝްގެ ހައި ކޯޓުގައި އެދިފައިވާ މައްސަލަ ބޭރުކޮށްލި ތަނާ އެވެ.
"ހައްގު" އަކީ އިންޑިއާގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ފިލްމު ހާއްސަ ކޮށްފައި ވަނީ 1985 ވަނަ އަހަރު އިންޑިއާގެ މުސްލިމު ދެމަފިރިއެއްގެ ވަރިއާ ގުޅިގެން އޭރު ކޯޓުގައި ހިނގި "ޝާހް ބަނޫ މައްސަލަ" އަށެވެ.
އެ ފިލްމު ރިލީޒްކުރުން ހުއްޓުވައިދޭން ކޯޓުގައި އެދުނީ "ޝާހް ބަނޫ މައްސަލަ"ގައި ހިމެނޭ އަންހެން މީހާ، ޝާހް ބަނޫ ބޭގަމްގެ ވާރިސުންނެވެ. އޭނާގެ ފަސް ކުދިން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނީ އެ ފިލްމު ގެނެސްދެނީ އިސްލާމީ މުޖުތަމައުގެ އަގު ވެއްޓޭ ގޮތަށް ކަމަށެވެ. އަދި އެ ފިލްމުގައި އިސްލާމީ ޝަރީއަތަށް ފުރައްސާރަ ކުރާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.
ވާރިސުން ހުށަހެޅި މައްސަލާގައި ބުނި ގޮތުގައި، އެ ފިލްމުގައި ޝާހް ބަނޫ ބޭގަމްގެ ރޯލެއް ދައްކާއިރު، އާއިލާގެ ހުއްދަ އެ ކަމަށް ހޯދާފައެއް ވެސް ނުވެ އެވެ. އަދި ޝާހް ބަނޫ ބޭގަމްގެ ދިރިއުޅުމާއި ހަޔާތުގެ ވާހަކަ ގެނެސްދިނުމުގެ ހުއްދައެއް ވެސް ނެތެވެ. އޭގެ ސަބަބުން އޭނާގެ އަބުރު ގެއްލި އަދި އޭނާގެ ހައްގަށް އުނިކަން ލިބޭތީ އެ މައްސަލަ ބަލައިދޭން ވާރިސުން ވަނީ ހައި ކޯޓުގައި އެދިފަ އެވެ.
ނަމަވެސް، ކޯޓުން ނިންމި މައްސަލާގައި ބުނީ "ހައްގު" ގެނެސްދޭ ޖަންގްލީ ޕިކްޗާސް ޕްރޮޑަކްޝަނުން އެއީ އަސްލު ހާދިސާއެއްގެ މައްޗަށް ބިނާކޮށް، ފިލްމީ ބަދަލުތަކާ އެކު ހިޔާލީ ވާހަކައެއްގެ މައްޗަށް ގެނެސްދޭ ފިލްމެއް ކަމަށް ބަޔާންކޮށްފައި ވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.