13 ނޮވެމްބަރ 2025 - 10:52

ޔޫއޭއީގައި މީހެއްގެ ހުއްދަ ނެތި އޭނާގެ ފޮޓޯ ބޭނުންކޮށްގެން ވަޓްސްއެޕް ސްޓިކާއެއް ހެދި މީހަކަށް ދައުވާކުރަން ނިންމައިފި އެވެ.
ޔޫއޭއީގެ ޚަބަރުތައް ގެނެސްދޭ ބައެއް ސޯޝަލް މީޑިއާގައި ޕޭޖުތަކުގައި ބުނި ގޮތުގައި، އެ ދައުވާ ރައްދު ވަނީ ވެސް އެ ގައުމުގެ ރައްޔިތަކަށެވެ. ކޯޓަށް މައްސަލަ ހުށަހެޅީ އެ ފޮޓޯގައި އިން މީހާ އެވެ.
ނަމަވެސް، އެ މައްސަލައިގެ އިތުރު އެއްވެސް ތަފުސީލެއް އަދި އާންމުކޮށްފައެއް ނުވެ އެވެ.
ޔޫއޭއީގެ ސައިބާކްރައިމް ގާނޫނުގައިވާ ގޮތުން މީހެއްގެ ހުއްދަ ނެތި އެމީހެއްގެ ޒާތީ އެއްވެސް މައުލޫމާތެއް ބޭނުންކުރުމަކީ ކުށެކެވެ. އަދި އެއީ އެމީހެއްގެ ޕްރައިވެސީއަށް އަރައިގަތުމެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކުރާ ކަންކަން ވެސް އެ ގާނޫނުގެ ދަށުން ބަލައި އަދަބު ދެވެ އެވެ.
ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި އަންހެނެއްގެ ހުއްދަ ނެތި އޭނާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި މީހަކު ބޮޑު އަދަދުން މިދިޔަ މަހު ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.
އަބޫ ދާބީގެ ފެމެލީ ކޯޓުން މިދިޔަ މަހު 16 ގައި އިއްވި ހުކުމުގައި ވަނީ ބަދަލުގެ ގޮތުގައި އެ އަންހެން މީހާއަށް 20،000 ދިރްހަމް (83،894ރ.) ދިނުމަށް ދައުވާ ރައްދުކުރި މީހާއަށް އަމުރުކޮށްފަ އެވެ. އަދި އަންހެން މީހާގެ ފޮޓޯ އާއި ވީޑިއޯ އާންމުކުރީ އޭނާގެ ހުއްދަ ނެތި ކަމާއި އޭގެ ސަބަބުން އޭނާގެ އަބުރަށް ނިކަމެތިކަން ލިބިފައިވާ ކަމަށް އަބޫ ދާބީގެ ކްރިމިނަލް ކޯޓުން އޭގެ ކުރިން ވެސް އޮތީ ނިންމައިފަ އެވެ.