12 ނޮވެމްބަރ 2025 - 15:02

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރު މުހައްމަދު މުއީނެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އާއި އެމްއެންޔޫ ގުޅިގެން ހިންގާނީ "މޮޑާން ޕޯޓް މެނޭޖްމަންޓް"ގެ ޑިގްރީ ކޯހެކެވެ. މިއީ މޯލްޑިވްސް ކޮލިކޭޝަން އޮތޯރިޓީގެ އެކްރެޑިޓޭޝަނާ އެކު، ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ހިންގާ ފުރަތަމަ ޑިގްރީ ޕްރޮގްރާމެވެ.
އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުން މިހާރު ވެސް އަންނަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ ބައެއް ކޯސްތައް ހިންގަމުންނެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ އިތުރު ތައުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތުތައް ވެސް އެމްޕީއެލްއިން އަންނަނީ ފަހިކޮށްދެމުންނެވެ.