12 ނޮވެމްބަރ 2025 - 16:00

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ދައުވާތައް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް އޭނާގެ ފަރާތުން ބުންޏަސް، އެ މައްސަލަ ބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެފްއޭމްއެމް އަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނީ ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ. އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރި އެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުންޏެވެ.
ވަކީލުން ބުނިގޮތުގައި ދާދި ފަހުން ބަންގްލަދޭޝްގައި ވެސް އެފަދަ ކަމެއް ދިމާވުމުން، އެ ގައުމުގެ އިދާރާތަކުން އެކަން ބަލާފައެއް ނުވެ އެވެ. އެހެން ގައުމުތަކުން އަމަލުކުރާ އުސޫލުތަކަށް ރާއްޖެއިން ވެސް ބަލަން ޖެހޭނެ ކަމަށް ވަކީލުން ބުންޏެވެ. ނަމަވެސް ބައްސާމްގެ މައްސަލާގައި ދައުލަތުން އަމަލުކުރީ އެފަދަ އުސޫލުތަކަށް ބެލުމެއް ނެތި އަދި އެފްއޭއެމްގެ ރައީސްކަން ވަކި މީހަކަށް ހޯދައި ދިނުމަށްޓަކައި ކަމަށް ވެސް ވަކީލުން ބުންޏެވެ.
އެ އަޑުއެހުމުގައި ވާހަކަ ދައްކަމުން ބައްސާމް ވެސް ބުނީ އެފްއޭއެމްގެ ކަންކަމަކީ ފީފާއިން ވަރަށް ހަރުކަށިކޮށް ބަލާ ކަންކަމަށާއި އެގޮތުން ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އެފްއޭއެމްގެ މައްޗަށް އައިސްގެން ނުވާނެ ކަމަށް އެ އިދާރާ އިން އަންގާފައި އޮންނަ ކަމަށް ބައްސާމް ބުންޏެވެ. އަދި އެ އެންގުމާ ހިލާފުވި ގައުމުތައް މީގެ ކުރިން ފީފާއިން ސަސްޕެންޑް ކުރި ކަމަށް ވެސް ބައްސާމް ބުންޏެވެ.
ރައްދުގައި ދައުލަތުން ބުނީ ފީފާއިން ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވެފައި އަދި އެ ފައިސާ ދިނީ ވަކި ބޭނުމެއްގައި ކަމަށް ވާތީ އެ ފައިސާއަށް ހިނާޔާތްތެރިވުމުގެ މައްސަލަ ފުލުހުންނަށް ބެލޭނެ ކަމަށެވެ. އަދި ފީފާއަށް ބާރު ލިބިގެން ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ކަމަށާއި ނަމަވެސް ޖިނާއީ ކަންކަން ހިންގާ ނަމަ ދިވެހި ފުލުހުންނަށް އެ މައްސަލަ ބެލޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި ފީފާގެ މެމްބަރަކަށް ރާއްޖެ ވުމަކީ ރާއްޖޭގެ ގާނޫނު އެފްއޭއެމްގެ މައްޗަށް ނުހިނގާނެ އުސޫލެއް ނޫން ކަމަށާއި އެފަދަ މުއާހަދާއެއް ވެސް ނޯންނާނެ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ނިންމެވީ ފީފާގެ އުސޫލުތައް ރާއްޖޭގެ ގާނޫނަށް ވުރެ އިސް ނުވާނެ ކަމަށެވެ. އަދި ފީފާއިން މިހާތަނަށް ވެސް ރާއްޖެއާ މެދު ފިޔަވަޅެއް އަޅާފައި ނުވާތީ ފީފާއަށް ލިބިގެންވާ ފިޔަވަޅު އެޅުމުގެ ހައްގު ފީފާއިން ދޫކޮށްލީ ކަމަށް ބެލެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ ނުބެލޭނެ ކަމަށް ބައްސާމްގެ ފަރާތުން ހުށަހެޅި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.
ބައްސާމްގެ ވަކީލުން ބުނި ގޮތުގައި، އެ ނިންމުން އިސްތިއުނާފް ކުރަން ބޭނުންވެ އެވެ. އަދި އިސްތިއުނާފް ނިމެންދެން ޝަރީއަތް މަޑުޖައްސާލަން އެދޭ ކަމަށް ވަކީލުން ބުންޏެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކުރުމަށް ފަހު، މަތީ ކޯޓަކުން އެންގުމެއް އަންގައިފި ނަމަ އެގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.
އެ މައްސަލާގައި ކޯޓުން ކުޑަ ހަރުކަށި ކަމެއް ގެންގުޅޭ ކަމަށާއި ނަމަވެސް އެހެން މައްސަލަތަކުގައި ވެސް އަމަލުކުރާ އުސޫލުން އަމަލުކުރަން ބައްސާމްގެ ވަކީލުން އެދުނެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނާނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާކަން އިއުލާން ކުރެއްވުމަށްފަހު އެވެ.
އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެެވެ.
ބައްސާމް މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 10،000 ޑޮލަރު (154،000 އަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓް ހައުސްއެއް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.