12 ނޮވެމްބަރ 2025 - 15:59

ރާއްޖޭގެ އެންމެ އުތުރަކީ ބޭރުގެ އުޅަނދުތައް ގިނައިން ދަތުރުކުރާ އަދި ޑްރަގްސް ފަދަ ތަކެތި ސްމަގްލް ކުރަން ބޭނުންކުރާ ހިސާބަކަށް ވިޔަސް، އެ ކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އުތުރުގެ ޕޮލިސް ސްޓޭޝަންތަކުން ވާޗުއަލްކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި، ހއ. އަތޮޅުގެ ކޮމާންޑަރު ހުސެއިން ޝިޒްލީން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް އެ ރީޖަންގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ކާމިޔާބީތަކެއް ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޝިޒްލީން ވިދާޅުވި ގޮތުގައި، ބޭރުގެ އުޅަނދުތައް ދަތުރުކުރުން ގިނަ ސަރަހައްދަކަށް ވިއަސް، އެކަމަށް އެކަށީގެންވާ މުވައްޒަފުން ނެތުމަކީ ގޮންޖެހުމެކެވެ.
ރާއްޖޭގެ އުތުރުން އޮންނަ އެއިޓް ޑިގްރީ ޗެނަލް އަކީ އެކި ބާވަތުގެ އެތައް އުޅަނދެއް ކޮންމެ ދުވަހަކު ދަތުރުކުރާ ބައިނަލްއަގުވާމީ ރޫޓެކެވެ.
"އަޅުގަނޑުމެންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އަޅުގަނޑުމެންގެ ވަސީލަތްތައް މަދުވުމާއި،...އެކަމަށް އެންމެ އެކަށޭނެ ގާބިލް ނުވަތަ މުވައްޒަފުން ތަމްރީނުކުރެވިފައި ނެތުން. މި ފެށޭ އަހަރުގެ އެކްޝަން ޕްލޭނުގައި ވެސް އެބަ ހިމެނޭ މަސައްކަތްތަކެއް، ހާއްސަކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް އިތުރު އޮޕަރޭޝަންތައް ހިންގުމާ އެކީގައި މީހުން ތަމްރީނުކުރުން،" ޝިޒްލީން ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެގެން އުޅޭ އުޅަނދުތައް ދޭތެރެދޭތެރެއިން އަތުލައިގަނެ އެވެ. މި ފަހުން ވެސް ލަންކާގެ މަސް ބޯޓަކުން ގަވައިދާ ހިލާފަށް ވަދެ އުޅެނިކޮށް އަތުލައިގަތް އިރު 350 ކިލޯއަށް ވުރެ ގިނަ ޑްރަގްސް ވަނީ ފެނިފަ އެވެ.
މިއަދުގެ ޕްރެސްގައި ހދ. ގެ ކޮމާންޑަރު އިބްރާހިމް ޒުހުރީ ވިދާޅުވީ އެ ހިސާބުގެ ރަށްތަކުން ރިޕޯޓުކުރާ މައްސަލަތައް މަދުވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ 30 އާ ހަމައަށް ރިޕޯޓްކޮށްފައިވަނީ 1،797 މައްސަލަ ކަމަށެވެ.