31 މާޗް 2017 - 06:41

ޕްރިޔަންކާ ޗޯޕްރާ، ޝްރައްދާ ކަޕޫރު، އާލިއާ ބަޓް އަދި ސޮނާކްޝީ ސިންހާ އަށް ފަހު ޕްރިނީތީ ޗޯޕްރާ ވެސް ފިލްމުތަކަށް ލަވަ ކިޔައިދޭން ފަށައިފި އެވެ.
އެގޮތުން ޕަރިނީތީ ވަނީ އޭނާ މިހާރު ކުޅެމުންދާ "މޭރީ ޕިޔާރީ ބިންދޫ" އަށް އޭނާގެ އަޑުން ލަވައެއް ކިޔައިދީފަ އެވެ. "މާނާ ކޭ ހަމް ޔާރް ނެހީ" މި ލަވަ މިދިޔަ އަންގާރަ ދުވަހު ރިލީޒްކުރުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މި ލަވަ ރީތިވެގެން ތައުރީފުކުރި އެވެ. އަދި އޭނާގެ ދެބެންގެ ދެ ދަރި ދައްތަ ޕްރިޔަންކާ ޗޯޕްރާ ވެސް ޕަރިނީތީ އަށް ތައުރީފުކޮށް ޓުވީޓް ކޮށްފައިވެ އެވެ.
ޕަރިނީތީ މިދުވަސްކޮޅު އުޅެނީ "ގޯލްމާލް އެގެއިން"ގެ ޝޫޓިންގް ގަ އެވެ. އެހެންކަމުން އޭނާ ކިޔާފައިވާ ލަވަ ރިލީޒްކުރުމާ އެކު އެ ފިލްމުގައި އޭނާއާ އެކު ބައިވެރިވާ އެންމެންނަށް ޕަރިނީތީ އެ ލަވަ ދެއްކި އެވެ.
އަޖޭ ކޮށްފައިވާ ޓުވީޓެއްގައި އެމީހުން ޕަރިނީތީގެ ފޯނުން އެ ލަވަ ބަލަން ތިއްބާ ނަގާފައިވާ ފޮޓޯތަކެއް ވެސް ޕޯސްޓް ކޮށްފައިވެ އެވެ.
އަޖޭ ސަމާސާކުރަމުން ލިޔެފައިވާ ގޮތުގައި އެތައް ފަހަރަކު އެ ލަވަން ބަލަންޖެހުމުން ނިދި ޖެހި ފިލްމުގެ ޝޫޓިންއަށް ވެސް ބުރޫ އެރި އެވެ. އަޖޭ ޕޯސްޓްކުރި ފޮޓޯގައި ޕަރިނީތީ ނޫން އެހެން އެންމެން ތިބީ ނިދާ ކަމަށް ހަދައިގެންނެވެ.