12 ނޮވެމްބަރ 2025 - 12:36

އަމިއްލަ ކުންފުންޏަކުން ބ. ފެހެންދޫގައި ހެއްދި މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރަން ފެށީ މި އަހަރު ކުރީކޮޅު އެވެ. އަމިއްލަ ކުންފުންޏެއް ކަމަށްވާ ފްލޯޓިން އޭކާސް އިން ފެހެންދޫގައި ފެށި އެ މަޝްރޫއު މިދިޔަ ފެބްރުއަރީ މަހު އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
ޝިޔާމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ 8 މަސްދުވަސްކުރިން ފެށި އެ މަޝްރޫއު ވަރަށް ކާމިޔާބު ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އާލާކުރި މޫދުވިނަ ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރަން އެ ކުންފުނިން ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ 8 މަސްދުވަސް ކުރިން ފެހެންދޫގައި ފެށި މި މަޝްރޫއު، ރާއްޖޭގައި ކާމިޔާބުކަމާ އެކު މޫދުވިނަ އާލާކޮށް، އެކްސްޕޯޓް ކުރުމަށް ތައްޔާރުވެއްޖެ. އެކަމަށްޓަކައި ފްލޯޓިން އޭކާސް ޕްރައިވެޓް ލިމިޓެޑާއި ޓީމަށް ތަހުނިޔާ ދަންނަވަން،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މިއީ ރާއްޖޭގެ ނޫ އިގުތިސާދާއި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މެރިކަލްޗާގެ ސިނާއަތަކީ ދިވެހިންނަށް އިގްތިސާދީ ނަފާ ލިބޭ ސިނާއަތަކަށް ހެދުމަކީ ރައީސްގެ ވައުދެކެވެ.
ފެހެންދޫގައި ހިންގާ އެ މަޝްރޫއުގައި ހައްދަނީ ކާތަކެތި ތައްޔާރުކުރުމަށާއި ބޭހާއި ކޮސްމެޓިކްސްގެ އެކި ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މޫދު ވިނައިގެ ބާވަތެކެވެ. އަދި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރަނީ މޫދުވިނަ ހިއްކައިގެންނެވެ.