ކުއްލިއަކަށް ބާސާ ދޫކޮށްލަންޖެހުމަކީ ހިޔާލަށް ވެސް ގެނައި ކަމެއް ނޫން: މެސީ
ކުއްލިއަކަށް ބާސާ ދޫކޮށްލަންޖެހުމަކީ ހިޔާލަށް ވެސް ގެނައި ކަމެއް ނޫން: މެސީ

ކުއްލިއަކަށް ބާސެލޯނާ ދޫކޮށްލަންޖެހުމަކީ އޭނާ ހިޔާލަށް ވެސް ގެނައި ކަމެއް ނޫންކަމަށް އެ ޓީމުގެ ލެޖެންޑް ލިއޮނެލް މެސީ ބުނެފި އެވެ.

ބާސާގެ ކުރީގެ ކެޕްޓަން މެސީ، އޯގަސްޓް 2021 ގައި ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ، އޭނާ ކްލަބްގައި ރަޖިސްޓަރީ ކުރެވޭނެ މާލީ ޖާގަ ބާސާ އަށް ހޯދޭނެ ގޮތް ނުވުމުންނެވެ.

ބަނގުރޫޓްވާން ގާތްވެފައި އޮތް ކްލަބުގެ މުސާރައިގެ ބިލަށް ފެތޭ ވަރަށް ވުރެ މެސީގެ މުސާރަ ވެސް އޭރު ބޮޑެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި އަހަރަކު 30 މިލިއަން ޔޫރޯ ބާސާއިން ދެ އެވެ. މާލީ ތަޖުރިބާކާރުން ބުނާ ގޮތުގައި މާލީގޮތުން ބާސާ އިނދަޖެހުނު ސަބަބަކީ ވެސް ބާސާގެ މުސާރަ ބިލް ބޮޑުވުމެވެ.

އިމާރާތްކޮށް މުޅިން ނިނިމި ހުރި ކޭމްޕްނޯ ސްޓޭޑިއަމް އަށް މެސީ ވަނި އަންގާރަ ދުވަހުގެ ރޭ ޒިޔާރަތްކޮށްފަ އެވެ. ކުރިން އެންގުމަކާނުލައި އޭނާ ސްޓޭޑިއަމް އަށް ޒިޔާރަތްކޮށް ފޯޓޯނަގައި ސޯޝަލް މީޑިއާގައި ޕޯސްޓް ކުރި އެވެ.

"ކުޅުންތެރިއެއްގެ އަލްވަދާއުކިޔަން ނުލިބުނު ފުރުސަތަށް އެނބުރި އައުން،" ސޯޝަލް މީޑިއާގައި މެސީ ކުރި ޕޯސްޓްގައި ލިޔެފައި ވެއެވެ.

އިންސްޓަގްރާމްގައި އެ ޕޯސްޓަށް 24 ގަޑިއިރުގެތެރޭގއި 22 މިލިއަން ރިއެކްޓް ލިބިފައި ވެއެވެ.

ސްޕެއިންގެ އަލަކާންޓީގައި އާޖެންޓީނާގެ ކޭމްޕް ކުރިއަށްގެންދަތީ މެސީ މި ވަގުތު ހުރީ ސްޕެއިންގަ އެވެ.

ކެޓަލޯނިއާ ސަރަހައްދަށް ނިސްބަތްވާ ކުޅިވަރު ނޫސް، ސްޕޯޓްސް އަށް މެސީ ދިން އިންޓަވިއުގައި ބުނީ ބާސާ އަށް އަލުން އެނބުރި އައުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ.

"އަހަރެން ވަރަށް އުއްމީދުކޮށްގެން މިހުރީ ސްޓޭޑިއަމްގެ މަސައްކަތް އެއްކޮށް ނިމުނީމަ އެނބުރި އަންނަން،" މެސީ ބުންޏެވެ.

ބާސާއިން ކޭމްޕްނޯ މަރާމާތުކުރަން ފެށީ 2023 ގަ އެވެ. އޭގެ ފަހުން އެ ޓީމުން ހޯމް މެޗުތައް ކުޅެނީ ބާސާގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ.

މިދިޔަ ހަފުތާގައި އެ ކްލަބުން ވަނީ ސްޓޭޑިއަމްގައޮ ޓީމުގެ ޕްރެކްޓިސް ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އާންމުނަށް ހުޅުވާލި އެ ސެޝަނަށް 23،000 ސަޕޯޓަރުން ހާޒިރުވި އެވެ. މި އަހަރު ނިމުމުގެ ކުރިން ސްޓޭޑިއަމްގައި މެޗުތައް ކުޅުމުގެ ހުއްދަ ލިބޭނެކަމަށް އެ ކްލަބުން އުއްމީދުކުރެ އެވެ.

ކޮންކޮރީޓާ ގުޅޭ ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިންމައިފަ އެވެ. ދެން ބާކީ އޮތީ ހިޔާކުރުމާއި ސްޓޭޑިއަމްގެ ފަންގިފިލާތަކުގެ މަސައްކަތެވެ. އެ މަސައްކަތް ކުރުމުގައި ސަލާމަތީކަންކަން ބެލުމަށް ފަހު ބާސެލޯނާގެ ސިޓީ ކައުންސިލުން ދަނޑުގައި މެޗުތައް ކުޅުމުގެ ހުއްދަ ދޭނެ ކަމަށް އެ ކްލަބުން ބުނެ އެވެ.

މެސީ ބުނީ ސްޓޭޑިއަމް އެއްކޮށް ނިމޭ ފަހުން އެނބުރި އަންނައިރު އިހްސާސް ކުރެވޭނީ އާ ތަނެއްގެ ގޮތުގައި ކަމަށެވެ.

"ސަބަބަކީ އަހަންނަށް އެންމެ ފަހުން ސްޓޭޑިއަމް ފެނުނުތާ ގިނަ ދުވަސްތަކެއް ވެއްޖެ. އެނބުރި އަންނައިރު އެ ވާނެ ތާފަތު އިހްސާސަކަށް ކުރީގެ ހަނދާންތައް އާ ވާނެ،" މެސީ ބުންޏެވެ.

ބާސާގެ ސްޓޭޑިއަމްގެ މަސައްކަތް އެއްކޮށް ނިމޭނީ 2027 ގަ އެވެ.

"ބާސާ ދޫކޮށްލަންޖެހުނު ގޮތުން ވަރަށް އުނދަގޫވި. އަހަރެންގެ އެންމެ ފަހު ސީޒަން ކުޅުނީ ސަޕޯޓަރުން ނެތި (ކޮވިޑްގެ ސަބަބުން). އަހަރެންގެ މުޅި ދިރިއުޅުން އެ ތަނުގައި ހޭދަކުރުމަށް ފަހު އަހރެން އުއްމީދު ކުރީ އަހަރެންގެ ކެރިއާ ބާސެލޯނާގައި ހޭދަކުރަން. އަދި ކުޅުން ހުއްޓާލުމަށް ފަހު މިތަނަށް [މިޔާމީ އަށް] އަންނަން. އެއީ އަހަރެން ބޭނުންވި ގޮތަކީ. (އެކަމަކު) އަހަރެން އަލްވަދާއުކިޔަން ޖެހުނު ގޮތުން ވަރަށް ހައިރާންވި. އެއީ އަހަރެން ހިޔާލަށް ގެނައި ގޮތެއް ނޫން."

މެސީ ބުނީ އޭނާގެ ގެ ބާސެލޯނާގައި އެބަހުރި ކަމަށެވެ. ކޮންމެވެސް ދުވަހަކުން އެ ސިޓީގައި ދިރިއުޅެން ދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށް އޭނާ ބުންޏެވެ.