12 ނޮވެމްބަރ 2025 - 10:58

ބެޓިން ޑީލުތަކުގައި ޖެހުނު 1000 އަށް ވުރެ ގިނަ ކުޅުންތެރިން ތުރުކީގެ އެފްއޭއިން ސަސްޕެންޑް ކޮށްފި އެވެ.
ބެޓް ކުރާ ފަރާތްތަކަށް އެހީވުމުގެ ގޮތުން މެޗު ފިކްސިންގެ ކުޅުންތެރިން ބައިވެރިވާ މައްސަލަ ތުރުކީގެ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ތުހުމަތުވެފައިވާ ކުޅުންތެރިންގެ މައުލުމާތު ތުރުކީގެ ފުޓްބޯޅައިގެ ޑިސިޕްލިނަރީ ބޯޑަށް ވަނީ ފޮނުވާފައިފަ އެވެ. އެ ބޯޑުން ވަނީ 1024 ކުޅުންތެރިން ސަސްޕެންޑްކޮށްފަ އެވެ.
އޭގެ ތެރޭގައި ތުރުކީގެ ސުޕަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ގަލަތަސަރާއީގެ އީރަން އެލްމާލީ ވެސް ހިމެނެ އެވެ. އަދި ވާދަވެރި ބެޝިކްޓަސްގެ ދެ ކުޅުންތެރިޔަކު ވެސް ވަނީ އެ ތުހުމަތުގައި ބެދިފަ އެވެ. ނަމަވެސް ބެސިކްޓަސް ބުނީ އެ ޓީމުން ތުހުމަތު ކުރެވުނު ދެ ކުޅުންތެރިންނާ މެދު ވެސް އިތުބާރު އޮތް ކަމަށް ބުނެފަ އެވެ. އެ ދެ ކުޅުންތެރިންގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.
އެލްމާލީ ބުނީ އޭނާ ބެޓް ކުރީ މީގެ ފަސް އަހަރު ކުރިންކަމަށެވެ. އަދި އެ ބެޓްގައި އޭނާއާ ގުޅުން އޮތް ޓީމެއް ނުހިމެނޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އެންމެ ގިނަ އަދަދެއްގެ ކުޅުންތެރިން ސަސްޕެންޑް ކުރީ އެ ގައުމުގެ ތިންވަނަ ޑިވިޝަނުންނެވެ. އެހެންވެ އެ ޑިވިޝަނުގެ މެޗުތައް ވެސް މިހާރު ވަނީ ހުއްޓުވާލާފަ އެވެ. ތިންވަނަ ޑިވިޝަނުގެ ލީގު ހުއްޓުވާލާފައި އޮތުމުގެ މުއްދަތު ދެ ހަފުތާ އަށް ކުރިއަށްދާނެ އެވެ. ތުރުކީގެ ފެޑެރޭޝަނުން އަންގާފައި ވަނީ އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ މެޗުތައް އެކަނި ކުރިއަށް ގެންދިއުމަށެވެ.
ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައިސް އިބްރާހިމް ހާސިއުސްމާންގްލޫ ވިދާޅުވީ ތުރުކީގެ ފުޓްބޯޅަ އަށް ލޮޅުންއަރާފައި އޮތީ "އަހްލާގީ ބަލިމަޑުކަމެއް"ގެ ތެރޭގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ވާޖިބަކީ ތުރުކީގެ ފުޓްބޯޅަ އޭގެ ހައްގު ތަނަށް ގެންގޮސްދިނުން. އޭގެ ހުރިހާ ނަޖިހެއް ސާފުކުރުން،" މައްސަލައާ ގުޅޭގޮތުން މިދިޔަ މަހު 27 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުސްމާންގުލޫ ވިދާޅުވި އެވެ.