ރަންދީޕާއި ޝްރައްދާ އެކުގައި ފިލްމެއް ކުޅެނީ
ރަންދީޕާއި ޝްރައްދާ އެކުގައި ފިލްމެއް ކުޅެނީ

ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރާއި އެކްޓަރު ރަންދީޕް ހޯޑާ އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ރަންދީޕާއި ޝްރައްދާ އެކުގައި ކުޅޭ ފުރަތަމަ ފިލްމަކީ އިންޑިއާގެ ސަގާފީ ނެށުންތެރިޔާ އަދި ލަވަކިޔުންތެރިޔާ ވިތަބައި ނަރަޔަންގައޮންކާގެ ހަޔާތަށް ހަދާ ބަޔޮޕިކް ފިލްމެކެވެ. އެއީ އިންޑިއާގެ ސަގާފީ ނެށުންތައް ކަމަށްވާ "ލަވާނީ އާއި ތަމާށާ"އަށް ކުޅަދާނަ ނެށުންތެރިއެކެވެ.

ޝްރައްދާ ކުޅޭނީ އޭނާގެ ރޯލެވެ. އަދި ރަންދީޕް ކުޅޭނީ އޭނާގެ ބައިވެރިޔާގެ ރޯލެވެ.

ވިތަބައި ނަރަޔަންގައޮންކާއަށް ވަނީ އިންޑިއާގެ ރައީސް ދެއްވާ ހިތްވަރުދިނުމުގެ އިނާމު ދެ ފަހަރެއްގެ މަތިން ލިބިފަ އެވެ.

ނަމެއް އަދި ކަނޑައަޅާފައި ނުވާ އެ ފިލްމުގެ ޑައިރެކްޓަރަކީ އިންޑިއާގެ މި އަހަރުގެ ދެވަނައަށް އެންމެ އަގުބޮޑު ފިލްމު އަދި ވިކީ ކައުޝަލް ލީޑް ރޯލު ކުޅުނު ހަނގުރާމަ މަތީ ފިލްމު "ޗާވާ" ގެނެސްދިން ލަކްޝްމަން އުޓޭކަރެވެ.

އެ ފިލްމުގެ ޝޫޓިން މި މަހު ފަހުކޮޅު ފަށާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ނަމަވެސް އެ ފިލްމު ގެނެސްދޭ ތާރީހެއް އަދި ނޭނގެ އެވެ.