ގޯވިންދާ ހޭނެތިގެން އެމަޖެންސީގައި ފަރުވާދެނީ
ގޯވިންދާ ހޭނެތިގެން އެމަޖެންސީގައި ފަރުވާދެނީ

ބޮލީވުޑްގެ އެކްޓަރު ގޯވިންދާ ގޭގައި ހުއްޓާ ހޭނެތިގެން އެމަޖެންސީގައި ހޮސްޕިޓަލަށް ރޭ ގެންގޮސްފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނީ މުމްބާއީގެ ކްރިޓިކެއާ ހޮސްޕިޓަލުގައި ގޯވިންދާއަށް މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ. ގޭގައި ހުއްޓާ ހޭނެތިގެން އޭނާ ވެއްޓުނީ ކަމަށާއި އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ ރޭ ދަންވަރު ކަމަށް ވެސް ބުންޏެވެ.

އުމުރުން 61 އަހަރު ގޯވިންދާ އަދިވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ.

ގޯވިންދާ އެޑްމިޓްކުރި އިރު، އޭނާ އިއްޔެ ވަނީ ހާލު ދެރަވެގެން ފަރުވާދެމުން އަންނަ ބޮލީވުޑްގެ ލެޖެންޑް ދަރްމެންދުރަގެ ހާލު ބެލުމަށް ހޮސްޕިޓަލަށް ވެސް ގޮސްފަ އެވެ. ޕަޕަރާޒީންގެ ވީޑިއޯތަކުން އޭނާ ހޮސްޕިޓަލަށް ދިޔަ މަންޒަރު ފެނިފައިވެ އެވެ.

ދަރްމެންދުރައަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިއަދު ހެނދުނު އޭނާ ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.

ދަރްމެންދުރަ މަރުވި ކަމަށް ބުނެ އިންޑިއާގެ ބައެއް ނޫސްތަކުން މިދިޔަ ދެ ދުވަހު ދޮގު ޚަބަރުތައް ރިޕޯޓްކުރުމުން އާއިލާއިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ގޯވިންދާގެ އަމިއްލަ ބަޑީގެ ވަޒަނެއް އޭނާގެ ފަޔަށް އަރައިގެން ލިބުނު އަނިޔާއަށް ވެސް މިދިޔަ އަހަރު އޮކްޓޯބަރުގައި އޭނާއަށް ފަރުވާދިނެވެ. އޭނާގެ ފަޔަށް ވަޒަން އެރީ އެ ބަޑި ސާފުކުރަން އުޅުމުގެ ތެރޭގައި އޮޅިގެން ކަމަށް ގޯވިންދާ ބުނެފައިވެ އެވެ. އެއީ ގޯވިންދާގެ އަމިއްލަ ބަޑިއެކެވެ. އަދި އެ ބަޑި ގެންގުޅުމުގެ ލައިސަންސް ވެސް އޭނާގެ އަތުގައި އޮވެ އެވެ.