ފަނޑިޔާރުކަމުން ވަކިވެވޭ މުއްދަތު ކުރުވެ، ބޮޑެތި ބަދަލުތަކެއް
ފަނޑިޔާރުކަމުން ވަކިވެވޭ މުއްދަތު ކުރުވެ، ބޮޑެތި ބަދަލުތަކެއް

ފަނޑިޔާރުކަން ކުރާތާ 15 އަހަރު ވުމުން އަމިއްލައަށް މަގާމުން ވަކިވެވޭ ގޮތަށް ކަނޑައަޅައި ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރެވޭނެ ގޮތްތައް ބަޔާންކުރުމާ އެކު، ފަނޑިޔާރުންގެ މުސްތަގިއްލުކަން ދެމެހެއްޓުމާއި ސުލޫކީ މިންގަނޑުތައް ތަފްސީލްކޮށް ފާސްކުރި ބިލް ރޭ ތަސްދީގު ކުރައްވައިފި އެވެ.

މީގެ 15 އަހަރު ކުރިން، 2010 ވަނަ އަހަރު އަމަލުކުރަން ފެށި ފަނޑިޔާރުންގެ ގާނޫނަށް ގެނައި 8 ވަނަ އިސްލާހުގައި މި ކަންކަން ނޫނަސް އިތުރަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.

އަދުލު އިންސާފު ގާއިމުކުރުމުގައްޔާއި ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ އެހެން އެއްވެސް މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް ފޯރުވޭނޭ ބައެއް ނޫން ކަމަށް ގާނޫނުގެ ހަތަރު ވަނަ މާއްދާގައި އޮންނަ އޮތުން "ފަނޑިޔާރުކަމުގެ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވާ ބައެއް" ކަމަށް ބަދަލުކުރުމާ އެކު، އެހެން ބައެއް މާއްދާތަކުގެ އިބާރާތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަދި އިތުރު މާއްދާތައް ވަނީ ރޭ ތަސްދީގުކޮށް އަމަލުކުރަން ފެށި ގާނޫނުގައި ހިމަނައިގަ އެވެ.

ގާނޫނަށް ގެނައި ގިނަ ބަދަލުތަކުގެ ތެރެއިން ފާހަގަކުރެވޭ ބައެއް ކަންކަމުގެ ތެރެއިން ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ހިމެނެ އެވެ.

ސަލާމަތީ ރައްކާތެރިކަން ބަޔާންކުރާ 13 ވަނަ މާއްދާގައި ކުރިން އޮންނަނީ ސިފައިން އުއްތަމަ ފަނޑިޔާރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ލާޒިމްކުރުމަށް ފަހު، އެހެން ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުން، ސަލާމަތީ ބާރުތަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކުރާ ގޮތަށެވެ. ނަމަވެސް މިހާރު ވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންގެ ސަލާމަތީ ކަންކަމުގެ ޒިންމާ ވެސް ސިފައިންނާ ހަވާލުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އެ ވަގުތަކު ބޭނުންވާ މިންވަރަކަށް ބަލައި، ފުލުހުން ކަމަށް ވެސް ގާނޫނަށް ގެނައި ބަދަލުގައިވެ އެވެ.

މި ބަދަލު ގެނައި އިރު މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ޑިގްރީއެއް ހާސިލް ކޮށްފައި ނުވާ ބޭފުޅުން އެއް އަހަރު ތެރޭގައި، ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވެ، ފަސް އަހަރު ތެރޭ ޑިގްރީ ފުރިހަކުރަން ޖެހެ އެވެ. މަގުބޫލު ސަބަބެއް ނެތި މިކަން ފުރިހަމަ ނުކޮށްފި ނަމަ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި އެ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނެ އެވެ.

ކުރިން އޮންނަނީ ދަށު ކޯޓުތަކުގެ ތެރެއިން ރަށު ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ނަމަ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ޑިޕްލޮމާއެއް އޮތަސް ޝަރުތު ފުރިހަމަވާ ގޮތަށެވެ.

މިހާރު ގެނައި ބަދަލުގައި ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކުރުމާއި އަމިއްލައަށް އެދިގެން ވަކިވުމުގެ ކަންކަމަށް ވެސް ބަދަލު ގެނެސް މިހާރު ވަނީ ފަނޑިޔާރުކަމުގައި 15 އަހަރު ވުމުން ވެސް އަމިއްލައަށް މަގާމުން ވަކިވެވޭ ގޮތަށް ކަނޑައަޅައި އެ ބޭފުޅުންނަށް ވެސް ޖޭއެސްސީން ކަނޑައަޅާ ވަކި އަދަދެއްގެ ފައިސާގެ އިނާޔަތަކާއި އެހެނިހެން އިނާޔަތްތައް ލިބޭނެ ގޮތަށް ހަދައިފަ އެވެ. އެކަމަކު ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މަގާމުން ވަކިވާން ހުށަހެޅި ކަމުގައި ވިޔަސް މި އިނާޔަތެއް ނުލިބޭނެ އެވެ.

ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ފަނޑިޔާރުކަމުން ވަކިކޮށްފި ނަމަ އެ ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް ނުވަތަ ވަކިކުރުމާ ހަމައަށް ފާއިތުވި ތިން އަހަރު ފަނޑިޔާރުކަމުގެ މަގާމު އަދާކޮށްފައިވާ އެއްވެސް ކޯޓަކަށް ވަކީލެއްގެ ގޮތުގައި ހާޒިރެއް ނުވެވޭނެ ކަމަށް ވެސް މިހާރު ވަނީ ގާނޫނުގައި ހިމަނައިފަ އެވެ.

ގާނޫނަށް ގެނައި ބަދަލުގައި "ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު" ވަކި ބާބެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.

މި ބާބުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކަށް ފަނޑިޔާރުމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާއިރު އާއި ފަނޑިޔާރުން އަމިއްލަ ހައިސިއްޔަތުން ކުރާ ކަންކަމުގައި ވެސް ދަމަހައްޓަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ފަނޑިޔާރުންނަކީ ނުފޫޒުން އެއްކިބާވެ ތިބޭ ބަޔަކަށް ވާން ޖެހޭނެތީ، ފަނޑިޔާރެއްގެ މައްޗަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ނުފޫޒެއް އަތުވެދާނެ ކަމަށް މަގުފަހިވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ.

"ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒުން ފުރިހަމައަށް އެއްކިބާވެގެންވުން؛ ވެރިކަން ހިންގުމުގެ ބާރާ ދެމެދު ނުވަތަ ގާނޫނު ހެދުމުގެ ބާރާ ދެމެދު ނުވަތަ އެ ދެ ބާރުގެ ތެރޭގައި މަސައްކަތްކުރާ އެއްވެސް ފަރާތަކާ ދެމެދު ގާނޫނު ހުއްދަނުކުރާ ނުވަތަ ފަނޑިޔާރުގެ މިނިވަންކަމާ އެކަށީގެންނުވާ ގުޅުމެއް އެއްވެސް މިންވަރަކަށް ފަނޑިޔާރުން ނުބޭއްވުން،" ސުލޫކީ މިންގަނޑު ބަޔާންކުރާ ބާބުގައި އޮވެ އެވެ.

މި މާއްދާގެ ފަހަތުން ބުނަނީ އެފަދަ ފަރާތަކާ އެކު "... ގާނޫނު ހުއްދަނުކުރާ ގުޅުމެއް ނުވަތަ ފަނޑިޔާރުގެ މިނިވަންކަމާ އެކަށީގެންނުވާ ގުޅުމެއް އޮތްކަމުގައި، ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭ ފަދަ އެއްވެސް ކަމެއް ފަނޑިޔާރުގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ މަގާމުގެ ހައިސިއްޔަތުން ވިޔަސް" ނުކުރެވޭނެ ކަމަށެވެ.

ގާނޫނުގައި ކުރިން އޮންނަނީ "ފަނޑިޔާރަކާ އެހެން ކޯޓެއްގައި ވަގުތީ ގޮތުން ޝަރީއަތްކުރަން ހަވާލުކުރުން" ކަމަށް ވިޔަސް މިކަން ބަޔާންކުރާ 50 ވަނަ މާއްދާ މިހާރު ބަދަލުކޮށްފައިވަނީ "ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުން" ކަމަށެވެ. އެ މާއްދާގެ ހ. ގައި ބުނަނީ؛

"ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ނުވަތ އަދުލު އިންސާފު ގާއިމުކުރުން ހަރުދަނާކުރުމުގެ ބޭނުމަށް، ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަށް އެ ފަނޑިޔާރަކު ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަސް ފެނިއްޖެ ނަމަ، އެފަދައިން ފަނޑިޔާރު އައްޔަން ކޮށްފައިވާ ކޯޓު ބަދަލުކުރުމަށް އެ ކޮމިޝަނަށް ނިންމިދާނެ އެވެ. މިގޮތުން ބަދަލުކުރާ ނަމަ ބަދަލުކުރަންވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރަމުންދާ ކޯޓަކާ އެއް މަރުހަލާއެއްގެ ކޯޓަކަށެވެ."

އެކަމަކު މިގޮތަށް ބަދަލުކުރަންވާނީ، ގާނޫނުގައި އެކަމާ ބެހޭ ގޮތުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވާ ގޮތަށް، ޖޭއެސްސީން އެކުލަވާލާ ރިޕޯޓަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ބުނެފައިވެ އެވެ. އަދި މިކަން ކުރުމާ ބެހޭ ގޮތުން ގަވައިދެއް ހަދަން ވެސް ޖެހެ އެވެ.

މީގެ އިތުރުން، ފަނޑިޔާރަކު މަަސައްކަތްކުރާ ކޯޓުން ބަދަލުކުރަން ޖޭއެސްސީން ނިންމައިފި ނަމަ ވީ އެންމެ އަވަހަކަށް އެ ނިންމުން އެ ފަނޑިިޔާރަކަށް އަންގައި އެ ނިންމުމާ މެދު ދެކޭ ގޮތް ހުށަހަޅަން ފުރުސަތު ދޭންޖެހެ އެވެ. އަދި ފަނޑިޔާރު ހުށަހަޅާ ކަންކަމަށް ބަލައި އެ ނިންމުން ބަދަލުކުރުމަށް ނުވަތަ ދެމެހެއްޓުމަށް ޖޭއެސްސީއަށް ނިންމިދާނެ އެވެ.

ފަނޑިޔާރުން ކޮންމެ އަހަރަކު މާލީ ހިސާބުތައް ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނަ އޮތުން ކުރިއަށް ވުރެ ފުޅާކޮށް މިހާރު ވަނީ ތަފްސީލްކޮށްފަ އެވެ.

"ކޮންމެ ފަނޑިޔާރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފޯމެޓަކަށް ތައްޔާރުކުރާ ބަޔާނެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅަންވާނެ" ކަމަށް އެކަނި ކުރިން އޮތް ނަމަވެސް މިހާރު ވަނީ ހަތަރު ކަމެއް ހިމަނައިފަ އެވެ.

ފުރަތަމަ ކަމަކަށް އޮތީ މަގާމާ ހަވާލުވި އިރު ހުރި މުދަލާއި ދަރަންޏާއި ލިބޭ އާމްދަނީގެ ތަފްސީލް، މަގާމާ ހަވާލުވާތާ ތިން މަސް ދުވަސް ތެރޭ ޖޭއެސްއެސްސީއަށް ހުށަހެޅުމެވެ. އަދި މަގާމުގައި ދެމި ހުރިހާ ހިނދަކު ކޮންމެ މީލާދީ އަހަރެއްގެ ފުރަތަމަ ތިން މަސް ތެރޭ، ކުރީ އަހަރުގެ ހިސާބުތައް ހުށަހަޅަންޖެހެ އެވެ. މީގެ އިތުރުން ފަނޑިޔާރުކަމުން އެއްވެސް ސަބަބަކާ ހުރެ އެ މަގާމުން ވަކިވުމަށް ފަހު ނުވަތަ އިސްތިއުފާ ދިނުމަށް ފަހު، ވެސް ތިން މަސް ތެރޭ އާމްދަނީ އާއި މުދަލާއި ދަރަނީގެ ހިސާބުތައް ހުށަހަޅަން ޖެހެ އެވެ.

މީގެ އިތުރުން ވެސް ވަރަށް ގިނަ މާއްދާތަކަށް އެކި ބަދަލުތައް މި އިސްލާހުގައި ގެނެސްފައިވެ އެވެ.

ތަސްދީގުކޮށް ގެޒެޓްކުރާ ތާރީހުން ފެށިގެން އަމަލުކުރަން ފަށާ ގޮތް އޮތް މި ގާނޫނު ރޭ ގެޒެޓްކޮށްފައި ވާއިރު ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހަ މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭނެ އެވެ.