12 ނޮވެމްބަރ 2025 - 11:14

ޔުނިވާސަލް ހެލްތު އިންޝުއަރެންސެއްގެ ގޮތުގައި ރާއްޖޭގައި އެންމެނަށް ދޭ އާސަންދަ އާއި ދައުލަތުން ދޭ އެނޫން އެހެން އިނާޔަތްތަކަކީ ތަނަވަސް މީހުންނަށް ދޭން ޖެހޭ އިނާޔަތްތަކެއް ނޫން ކަމަށާއި އެފަދަ ކަންތައްތައް ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ސަލީމް ވިދާޅުވީ އާސަންދަ އާއި ދައުލަތުންދޭ އެފަދަ އެެން އިނާޔަތްތައް ދޭން ޖެހޭނީ ނިކަމެތިންނަށް އެކަނި ކަމަށެވެ.
"މި ރާއްޖޭގައި އާސަންދަ އާއި އެންސްޕާ [ހިދުމަތް] ލިބޭ ކިތަންމެ ތަނަވަސް މީހަަކަށް ވިޔަސް. އަދި 65 އަހަރުވީމާ އެ ލިބޭ 5،000 ރުފިޔާ ވެސް، އެއީ މަހުޖަނަކަށް ވިޔަސް. ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް، އެ 5،000 ރުފިޔާ ވެސް އެބަ ނަގާ. އެހެންވީމާ އަަޅުގަނޑުމެން މިހިރަ ކަންތައްތައް ބަލައިގެން މި ކަންތައްތައް އެބަ ޖެހޭ ހުއްޓުވަން،" ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.
ތަނަވަސް މީހުންގެ އަތުން ޒަކާތް ނަގަން އޮންނަ އިރު އިރު އެ އަނބުރާ ދޭންވީ ވެސް ތަނަވަސް މީހުންނަށްތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"[ޒަކާތް] ދޭން މި ޖެހެނީ ފަގީރުންނަށް، ނިކަމެތިންނަށް، އެހެންވީމާ މި ރާއްޖޭގައި އެ ބަދަލު އެބަޖެހޭ ގެންނަން،" އޭނާ ވިދާޅުވި އެވެ.
މުއްސަނދިންގެ އަތުން މުދަލުގެ ޒަކާތް ނެގުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަަމަށާއި އެ ޒަކާތް ހަމައަށް ނަގާފައި ފަގީރުންނަށް ދޭ ނަމަ ފަގީރުން ނުތިބޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އަދުލުވެރި ޚަލީފާ، އުމަރު ބިން އަބްދުލް އަޒީޒުގެ މިސާލު ނަންގަވައި، އެ ދުވަސްވަރު އިސްލާމީ ދައުލަތުގައި ފަގީރުން ނެތް ކަމަށް ވިދާޅުވުމަށް ފަހު ސަލީމް ވިދާޅުވީ. ރާއްޖޭގައި ވެސް އެ ގޮތަށް ކަންތައް ކޮށްފި ނަމަ ފަގީރުން ނުތިބޭނެ ކަމަށެވެ.
"ރަނގަޅަށް ކަންތައް ކޮށްފި ކަމަށް ވަންޏާ އަޅުގަނޑުމެންގެ ތެރޭގައި ވެސް ފަގީރުންނެއް ނުތިބޭނެ. މި ރާއްޖެއަކީ އެންމެ ހަތަރު ލައްކައެއްހާ މީހުން ތިބި ތަނެއް،" ސަލީމް ވިދާޅުވި އެވެ.
ރާއްޖޭގައި ދައުލަތުން ހިލޭ ކޮށްދޭ ކަންތައްތައްތަކާއި ދޭ ސަބްސިޑީތައް ގިނަ ކަން ފާހަގަކޮށް، އެކަންކަމަށް ކުރާ ހަަރަދު ކުޑަކުރަން ވޯލްޑްބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާދޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ދައުލަތުން ދޭ އިނާޔަތްތަަކީ ސީދާ އެކަމަށް ބޭނުން ޖެހޭ މީހުްނަށް ދޭ، "ޓާގެޓެޑް" އެއްޗަކަށް ހަދަން ޖެހޭ ކަމަށް އެކި ސަރުކާރު ތަކުން ވާހަކަ ދެއްކި ނަމަވެސް އެކަމަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.