31 މާޗް 2017 - 06:39

މިހާތަނަށް ކުރި ތިން ކައިވެނި ވެސް ރޫޅިފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ހަތަރު ވަނަ ކައިވެންޏަކަށް ތައްތާރު ވާން ފަށައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކްރޫޒް، 54، މިހާރު އުޅެނީ ޓީވީ ސިލްސިލާ "ދަ ކްރައުން" ގެ ބަތަލާ ވެނެސާ ކާބީ، 28، އާ ރައްޓެހިވެގެންނެވެ. އަދި އެ ދެ މީހުން އަންނަ އަހަރުގެ ކުރީކޮޅު ކައިވެނި ކުރަން މިހާރު ނިންމާފައިވާ ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "ދަ ކްރައުން" ގައި ވެނެސާ ދައްކުވައި ދީފައިވާ އެކްޓިން ކްރޫޒަށް ވަރަށް ބޮޑަށް ކަމުގޮސްގެން، އޭނާގެ މަޝްހޫރު ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް" ހަ ވަނަ ފިލްމުން ވެސް މިހާރު ވަނީ ފުރުސަތެއް ދީފަ އެވެ.
އިނގިރޭސިވިލާތަށް އުފަން ވެނެސާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި މީ ބިފޯ ޔޫ (2016) އާއި ޖުޕިޓާ އެސެންޑިން (2015) ފާހަގަކޮށްލެވެ އެވެ.
ކްރޫޒާ ޑޭޓް ކުރަން ފެށުމުގެ ކުރިން ބީބީސީގެ "ގްރޭޓް އެކްސްޕެކްޓޭޝަން" ގެ ކޯ އެކްޓަރު ޑަގްލަސް ބޫތުއާ، އަހަރެއްހާ ދުވަސް ވަންދެން ވެނެސާ ރައްޓެހިވެގެން ވެސް އުޅެފައިވެ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ބަތަލާ ކެޓީ ހޯމްސް އާއި ކްރޫޒްގެ ކައިވެނި ރޫޅުނު އިރު، ދެ މީހުންނަށް ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.
ކްރޫޒް ވަނީ މަޝްހޫރު ބަތަލާ ނިކޯލް ކިޑްމަންއާ ވެސް ކައިވެނިކޮށްފަ އެވެ. އޭގެ ކުރިން އޭނާ ކައިވެނި ކުރީ "ފުލް ބޮޑީ މަސާޖް" ފަދަ ފިލްމްތައް ކުޅެފައިވާ މިމީ ރޮޖާސްއާ އެވެ.