12 ނޮވެމްބަރ 2025 - 06:45

(އާދިއްތަ ދުވަހާ ގުޅޭ)
ރާއިފު މަސައްކަތްކުރީ އެއްފަހަރާ ދެ ބަޔަކަށް މަރުހަބާ ކިޔާށެވެ. އަންޖަލްގެ ލޮލަށް ފެންނަ ބަޔަކާއި ނުފެންނަ ބަޔަކަށެވެ. އަންޖަލްގެ ހިތުގައި ކިތަންމެ ފަހަރަކު ސުވާލު އުފެދުނެވެ. ވާހަކައެއް ބުނަން ބަލައިލާ އިރު، އަންޖަލް ގާތަކު ރާއިފުއެއް ނުހުރެއެވެ. ދެން ފެންނަނީ ތަންކޮޅެއް އެކަހެރިކޮށް މޫދާ ކައިރީގައި ރާއިފު ހުއްޓައެވެ. މޫދަށް ބަލާކަށް ނޫނެވެ. ހީވަނީ މީހަކު ދައްކާ ވާހަކައެއް އަޑުއަހަން ހުންނަ ހެންނެވެ. އެހެނަސް، ރާއިފު ގާތަކު މީހަކު ނުހުރެއެވެ. ދެ ފަހަރަކު އެހެން ވުމުން އަންޖަލްއަކަށް ނުހުރެވުނެވެ.
"އިރުއިރުކޮޅާ ކީއްވެތަ އެކަނި ގޮސް މާ ދުރުގަ ތި ހުންނަނީ؟" އަންޖަލް ހައިރާންވެފައި އެހިއެވެ. "އަހަރެން ކައިރީ ހުންނަން ފޫހިވަނީތަ؟ ލަދުގަންނަނީތަ؟"
"ތިހާ ރީތި ކުއްޖެއް ކައިރީގަ ހުރެވުމަކީ ޝަރަފެއް، ހިތްހަމަޖެހުމެއް، ނަސީބެއް،" ލާނެތް ރާގަކަށް ރާއިފު ބުންޏެވެ. "ހިތަށްއަރާ އުދުހިލާފަ ވިލާތަކުގެ ތެރެއިން ގޮސް ހުވަފެނީ ތަނަކަށް ތިރިކޮށްލެވޭނެ ނަމައޭ. އެ ތަނެއްގެ ގަސްތަކަށް އަހަރުމެންގެ ހިތުގެ ޖަޒުބާތު އިހުސާސް ކުރެވޭ، ފަތްތަކަށް ވިންދު އަޑުއިވޭ، ވިނަގަނޑުގަ ފައިތިލަ ބީހިލާ އިރަށް މުޅި ބިންގަނޑު އަދަބު އަދާކުރާ ތާކަށް ދެވޭނެ ނަމައޭ."
އަންޖަލް ފާޑަކަށް ރާއިފުއަށް ބަލަހައްޓައިގެން ހުއްޓެވެ. ރާއިފު ބޭނުން ނަމަ އެންމެ ސިކުންތެއްގެ ތެރޭގައި ރާއިފުއަކީ ކާކުކަން އަންޖަލްއަށް އެންގުނީހެވެ. ކުރަން ޖެހޭނެ ކަމަކީ، ރާއިފުގެ ހިތުގެ ދޮރު ހުޅުވައިލުމެވެ. ހިތަށް އަރާ ހުރިހައި އެއްޗެއް އަންޖަލްއަށް އެނގޭނެ ގޮތް ހެދުމެވެ. ރާއިފު ބިރުގަންނަނީ ދެން ވާނެ ގޮތެއް ނޭނގޭތީއެވެ. ރާއިފުގެ ތޮށިގަނޑު ތެރެއަށް އެރިގެން ހުރީ ކާކުކަން އަންޖަލްއަށް އެނގޭ ވަގުތު، ބަރުގާންގެ ހުވަފެނީ ސައިބޯނިބޮކި ފަޅައިގެން ވެސް ހިނގައިދާނެއެވެ.
"ތީ ހަމަ ރާއިފުތަ؟" އަންޖަލް އެހިއެވެ. "ރާއިފުއަކަށް ނޭނގޭނެ ތިހާ ޝާއިރީކޮށް ވާހަކަ ދައްކާކަށް."
"ތިއެއްނު އަހަރެން ޝާއިރަކަށް ހެދި ކުއްޖަކީ،" އަތުގެ ފުށަތުން އަންޖަލްގެ އޮމާން ކޮލުގައި ފިރުމައިލަމުން ރާއިފު ބުންޏެވެ. "އަންޖޫއަކަށް ނުވެސް ވިސްނޭނެ އަންޖޫއަށް ޓަކާ އަހަރެން.. އަހަރެން އުޅޭ ތަނާ ބަލާފަ މީ ކޮން ތަނެއް؟ ކޮންކުރީޓް ޖަންގައްޔެއް. ތި އޮތީ ކަނޑު ދިމާއަށް ފެންނަން. ފިނި ރޯޅި ވެސް އެބަ ޖެހޭ. އެކަމަކު ކިހާ ހޫނު؟ އެހެންވެ މި ތާ މި ހުންނަނީ. ފިނިވޭތޯ."
އަންޖަލް ހީކުރީ ރާއިފު އަޅާކިއީ ރާއިފުގެ ރަށާ ކަމަށެވެ. ދިލަ ހޫނެއް ތަނަށް ވެރިވެގެން އުޅެނީ ކީއްވެގެން ކަމެއް އަންޖަލްއަކަށް ނޭނގެއެވެ. އެހެނަސް އެއީ ތެދެއް ކަމަށް ގަބޫލުކުރެވުނެވެ. ނުލާހިކު ފިނިކޮށް އޮވެފައި ކުއްލިއަކަށް މުޅި ތަން އުދާސް ވެއްޖެއެވެ.
"ދެން ރާއިފު ބޭނުން ތާކަށް އަހަރެން ގެންދެބަލަ!" އަންޖަލް އެދުނެވެ. "މާމަޔާ ކާފަ ދޫކޮށްލާފަ އެއްކޮށެއް އަހަންނެއް ނުދާނަން. އެކަމަކު ދުވަސްކޮޅަކަށް ކޮންމެ ތާކަށް ވެސް ދެވިދާނެ."
ކޮންޕިއުޓަރުގެ މޮނީޓަރަށް ބަލަހައްޓައިގެން އިން އަނަސް ފުން ނޭވައެއް ބޭރުކޮށްލިއެވެ. އަނަސްއަކީ، ނޫމާގެ ވޭދަނަ ތަހުގީގުކުރާ ފުލުހުންގެ ޓީމުގެ އެކަކެވެ. އަނަސްއަށް ފެނުނީ ކުރިން ނުދެކޭ ކަހަލަ މަންޒަރެކެވެ. ކެމެރާ ހަރުކޮށްފައި ހުރި ތަނަކީ، އެ ތަނުގައި ހުރި ބޮކި ފިޔަވައި އިތުރު އައްޔެއް ވަންނަ ތަނެއް ނޫނެވެ. އެހެނަސް، ވަކި މީހަކު ފެންނަ އިރަށް ކެމެރާގެ ލެންސަށް ހުންނަނީ ދަޅައެއް ވަދެފައެވެ. ހީވަނީ އެ މީހާ ބައްތިއަކުން ކެމެރާއަށް އަލިކުރާ ހެންނެވެ. އެކަމަކު އެ މީހާ އަތަކު ބައްތިއެއް ނެތެވެ. ސިޑިން ފޭބުން ފިޔަވައި އެހެން ހަރާކަތެއް އޭނަ ނުކުރެއެވެ. ދަޅަ އަރަންވީ ސަބަބެއް އަނަސްއަކަށް ނުވިސްނެއެވެ. ދަޅައިގެ އިތުރަށް، ފާޑެއްގެ ހުރަސް ރޮނގުތަކެއް ވެސް އަރައެވެ. އާންމުކޮށް އެ ކަހަލަ ރޮނގުތައް އަރާނީ ކަރަންޓުގެ މައްސަލައެއް ކުރިމަތިވީމައެވެ. މުޅި ވީޑިޔޯގައި ވެސް އެ މައްސަލަ ދިމާނުވެފައި، ވަކި މީހަކު ފެންނަ ވަގުތު އެހެން ވެފައި، ފަހުން އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަނަސްގެ ހިތުގައި އުފެދޭ ސުވާލަކީ އެއީއެވެ.
ހަފުލާ ނިމެން ކައިރިވުމުން ރާއިފު އާއި އަންޖަލް ކާން އިށީނެވެ. ހަމަޖެހިލައިގެން ރާއިފު ކާ ތަން އެ ރޭ އަންޖަލްއަށް ފެނުނެވެ. ރާއިފު ކެއީ އެ ތަނުގައި ހުރި އެންމެ އެއްޗެކެވެ. އެއީ ރިހަޔަކަށް ނުވާ، ސޫޕަކަށް ނުވާ އެއްޗެކެވެ. ގިނަ މީހުން އޭގައި އަތް ވެސް ނުލައެވެ. އޮރެންޖު ކުލައެއްގައި ހުރި އެ އޮލަ ދިޔަގަނޑުގެ ތެރެއިން ފެންނަނީ ޖަނަވާރު ކަށްޓެވެ.
"ކޯޗެއް ތި ވަރަށް ތި ކަނީ؟" އަންޖަލް އެހިއެވެ. "ކަނީކީ ނޫން ދޯ؟ ބޮނީ!"
"ނަން ބުނިއްޔާ އެނގޭނެ؟" ހިނިތުން ވެލާފައި ރާއިފު ބުންޏެވެ. "ނައްލި ނިހާރީ! އަހަންނަށް ވަރަށް މީރު އެއްޗެއް މީ. އަވަހަށް ނެޓުން ބަލާލާ! ގިނަގިނައިން އަހަންނަށް ޖެހޭނެ މި ހަދައިދޭން."
"ނައްލި ކޯޗެކޭ؟" އަންޖަލް ސުވާލުކުރިއެވެ.
"މީ މޯގަލް އަވާދީ ޑިޝްއެއް،" ރާއިފު ކިޔައިދިނެވެ. "އަޑުއެހި ތާ ދޯ ތި އިނީ؟ މި ސަރަހައްދުގަ ވަރަށް ފޭމަސްވާނެ. ނައްލި ނިހާރީގެ ނިހާރީ އަކީ އަރަބި ލަފުޒެކޭ. ނަހަރ. މާނައަކީ ހެނދުނު. މީ ހެނދުނުހެނދުނާ މޯގަލުންނަށާ ސިފައިންނަށް ކުރީ ޒަމާނުގަ ލިބޭ ނާސްތާއެއް. ރޭގަނޑު ހަތަރުދަމު އުނދުން މަތީ ބަހައްޓައިގެން ހަދާ މުއްސަނދި، ސަގާފީ ޑިޝްއެއް މީ. އެއްޗަކަށް ހުންނާނީ ކަށި. ގެރިޔާ، ބަކަރިޔާ، ކަންބަޅީގެ ކަށި. އަހަރެން ކިހާ މޮޅު؟"
"އަޅަނީ ކޯޗެއް؟" އަންޖަލް އެހިއެވެ. "އެނގިދާނެ ކިހާ މޮޅުކަން."
"ވިސްނާލަން ޖެހޭނީ،" ހަނދާންކޮށްލާފައި ރާއިފު ކިޔައިދިނެވެ. "ދިރިޔާ، ދަވިއްގަނދާ، އިނގުރާ، ފޮނިތޮށިކާފޫރުތޮޅިޔާ.. ދެން ކީކޭތަ ކިޔަނީ.. ވަކިފޫ."
"އޭނ؟" އަންޖަލްއަށް ބުނެވުނެވެ. "އެއީ ކޯޗެއް؟"
ރާއިފު ހީނގަތުމާ އެކު އަންޖަލް އަތުގައި ހިފައިގެން ވަރަށް ބާރަށް ހިނގައިގަތެވެ. އަންޖަލް އަނގަޔަށް ލާން އުޅުނު ބަތްކޮޅު އެޅުނީ ގަޔަށެވެ.
"ރާއިފު!" އަންޖަލްއަށް ބުނެވުނެވެ. "ބަލަ އަހަރެންގެ ހެދުން. ކިހިނެއްވީތަ؟ ކޮން ތާކަށް.."
އެ ހިސާބަށް ބުނެވުނު އިރު އެއްގަމަށް ރާޅު އަރައިފިއެވެ. ބޮޑުރާޅުގެ އެންމެ ރާޅެކެވެ. ގޮނޑިމޭޒު ވެއްޓި، މީހުން ތެމި، ތަށިތެޅުން ފަދަ ކަންކަން ހިނގިއެވެ. އެކަކަށް ވެސް އަނިޔާއެއް ނުވެއެވެ. އަންޖަލް އާއި ރާއިފުއެއް ނުތެމެވެ. އެ ހުރިހައި ކަމަކަށް އަންޖަލް ޝުކުރުވެރިވިއެވެ. ސުވާލު އުފެދުނީ ގެއަށް އައި ފަހުންނެވެ.
"އޭ! ރާޅު އަންނަކަން ކިހިނެއް ރާއިފުއަށް އެނގުނީ؟" އަންޖަލް ސުވާލުކުރިއެވެ.
"ބަލަ، އަންނަ ތަން ފެނުނީމަ އެނގޭނެއްނު!" ރާއިފު ނިކަން ބާރުލާފައި ބުންޏެވެ.
އަންޖަލް ވަރަށް ފަސޭހައިން އެ ވާހަކަ ގަބޫލުކުރިއެވެ. އެހެނަސް، ހަގީގަތަކީ އެޔެއް ނޫނެވެ. ރާއިފުއަކަށް ރާޅެއް ނުފެނެއެވެ. އަތީލާ ކޮށްލި އިޝާރާތާ އެކު، އަންޖަލް ގޮވައިގެން ރާއިފު ބާރަށް ހިނގައިގަތީއެވެ. އެ ރޭ ރަސްފަންނަށް ބޮޑުރާޅު އެރުމަކީ އިއްތިފާގެއް ނޫނެވެ. ގަސްތުގައި ބަޔަކު ކުރި ކަމެކެވެ. ޝައްކެއް ނުކުރެވޭ ގޮތަށް ހަފުލާގެ އުފާވެރިކަން ގެއްލުވައިލަން ބަޔަކު ބޭނުންވީއެވެ. އަތީލާ ހިތުގައި ޝައްކު އުފެދިއްޖެއެވެ. ބޮޑުރާޅަކީ ދިޔަވަރަށް އަންނަ ބަދަލަކުން، އުފެދިގެން އަންނަ އެއްޗެކެވެ. ސުނާމީ ގޮތަށް، ބިންހެލުމަކާ ގުޅިގެން ކުއްލިއަކަށް އުފެދޭ އެއްޗެއް ނޫނެވެ. އަތީލާއަށް އޭގެ ހަގީގަތް ހޯދޭނެއެވެ.
އަނަސް ދުށް ގޮތުގައި، އަނަސްއަށް ވެސް ހަގީގަތް ހޯދޭނެއެވެ. ޝައްކު ކުރެވޭ ތިންވަނަ މީހާ ވެސް ތަހުގީގުގެ ތިލަފަތަށް ޖެހޭނީ އަރާށެވެ. އެޑޯބް އާފްޓާ އިފެކްޓާއި ޑާވިންސީ ރިޒޯލްވް ފަދަ ސޮފްޓްވެއާ ބޭނުންކޮށްގެން ކަވި މަސައްކަތްތަކެއް ދިޔައީ ކުރެވެމުންނެވެ. އެހެނަސް، އެންމެ ބޮޑު ވަރަކަށް ކުރެވޭ ކަމަކީ ދަޅަ އެއްކޮށް ކަނޑުވައިލުމެވެ. އޭރުން މުޅި މަންޒަރު ހުންނަނީ ފާޑަކަށް ފޭދިފައެވެ. އެކަމަކު ވަރަށް މަސައްކަތުން ވީޑިޔޯގެ އެއް ފުރޭމު ސަލާމަތް ކުރެވުނެވެ. އެ ފުރޭމުން މީހެއްގެ މޫނު ވަރަށް ސާފުކޮށް ފެނުނެވެ. ދެން އޮތީ ރައްޔިތުންގެ އެހީއާ އެކު އެ މީހާ ހޯދުމުގެ ބުރަ މަސައްކަތެވެ.
ކައިވެންޏަށް ފަހު އަންޖަލް ގޮވައިގެން ރާއިފު ދިޔައީ ރާއިފު ވަޒީފާ އަދާކުރާ ރިޒޯޓަށެވެ. އެއީ ތަނުގެ މުވައްޒަފުން ހަދިޔާއެއްގެ ގޮތުން ރާއިފުއަށް ދިން މާމުއިހަނދުގެ ދަތުރެވެ. އެ ރިޒޯޓަކީ ގުދުރަތީ ރީތިކަން ވީހައި ވެސް ބޮޑަކަށް ދަމަހައްޓައިގެން ހަދައިފައިވާ ރަށެކެވެ. ގަސް ވަރަށް ގިނައެވެ. އަލިކުރަން ދިއްލާފައިވާ ދިއްލުންތައް މަދެވެ. ގަސްތަކުގެ އެތެރެ ސާފެއް ނުކުރެއެވެ. ކުނިކަހައި ރީތި ކޮށްފައި އޮންނަނީ ހިނގާ މަގު އެކަންޏެވެ. ކޮޓަރިތަކަށް ދާން އޮންނަނީ ހަނި މަގެކެވެ. ދެ ކޮޓަރި ދެމެދު ވަށައިގެން އޮންނާނީ ބޯ ޖަންގައްޔެވެ. އަލި ވަރަށް މަޑެވެ. ފާހާނަ ވެސް ހުންނަނީ މަތި ހިޔާނުކޮށެވެ. އެތެރޭގައި ގަސް ގިނަ ކޮށްފައި، އެ ތާނގެ ވެސް އަލި އެހައި ގަދައެއް ނޫނެވެ. އެއީ ފަތުރުވެރިން ބޭނުންވާ ގޮތެވެ.
އަންޖަލްއަކީ، ބަލައިލި ކޮންމެ މީހެއްގެ ހިތް އަތުލާ ފަދަ ރީތި، އޯގާވެރި ކުއްޖެއް ކަމުން، ރަށުގެ ކޮންމެ މީހަކު ވެސް އަންޖަލްއާ ވަރަށް ރައްޓެއްސެވެ. ތަނުގެ މެނޭޖަރަށް ހިނިތުންވެލާ ގޮތަށް، ކުނިކަހަން އުޅޭ ބިދޭސީމީހާއަށް ވެސް އަންޖަލް ހިނިތުންވެލައެވެ. ވާހަކަ ދައްކައެވެ.
ރެސްޓޯރަންޓަށް ފުރަތަމަ ދިޔައީ މެންދުރު ކެއުމަށެވެ. ތަނުގެ ވެއިޓަރުންނާއި ޝެފު ވެސް އަންޖަލްގެ ރައްޓެހީންނަށް ވިއެވެ. ތަނުގައި ހަދާފައި ނެތް އެެއްޗެހި ވެސް، އަންޖަލްއަށް ޓަކައި ހާއްސަކޮށް ތައްޔާރު ކޮށްގެން ގެނެސްދިނެވެ. ހެނދުނު ސައި ފެށޭ ގަޑިއަށް ވުރެ ބައިގަޑިއިރު އަވަހަށް އަންނަން ރާއިފު އާއި އަންޖަލްއަށް ދައުވަތު ދިނެވެ. ވާހަކަ ދައްކަން ވަގުތު ހޯދުމުގެ ބޭނުމުގައެވެ. ނާސްތާ ފެށެނީ ހަތްގަޑި ބައިގައެވެ.
ދަތުރުގެ ދެވަނަ ދުވަހު ހެނދުނު ހަތެއް ޖެހިތަނައި އަންޖަލްއަށް ހޭލެވުނެވެ. ރާއިފު ވެސް ހޭލިއެވެ. ގަޑި ބަލައިފައި، އަންޖަލް ފާހާނަޔަށް ވަން އިރު އުޑުމަތި އޮތީ ވިއްސާރަކޮށެވެ. ވަރަށް އަނދިރިއެވެ. ހީރި ގޮވާ އަޑު ވެސް އިވުނެވެ. އެއީ ރޭގަނޑަށް ގޮވާ ފަންޏެކެވެ. އަންޖަލްގެ މާމަ ބުނި ގޮތުގައި ހީރިއަކީ މައްޔިތެއްގެ ފުރާނައެވެ. އެހެން ބުނެފައި އޮންނާތީ، އެ އަޑުއިވުމުން އަންޖަލް ބިރު ގަނެއެވެ.
"ކޮން ކަހަލަ ފަންޏެއް؟" ހިތާހިތުން އަންޖަލް ބުނެލިއެވެ. "ދަންވަރެއް ހެނދުނެއް ވަތްކެއް ނުވޭ!"
ނަލަ ހެދިގެން ބޭރަށް ނުކުންނަން އުޅެނިކޮށް ބޭރުން ވާތަކެއް ހޭރިގަތް އަޑު ކަހަލަ އަޑެއް އިވުނެވެ. އެ އަޑު ވަރަށް ގަދައެވެ. ރާއިފު ނިކަން ބާރަށް ގޮސް ދޮރު ހުޅުވައިލިއެވެ. ބޭރު އޮތީ ކަނު އަނދިރިކޮށެވެ. (ނުނިމޭ)