ކާށިދޫ ފަރަށް ބޯޓެއް އަރައި ހިނގި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
ކާށިދޫ ފަރަށް ބޯޓެއް އަރައި ހިނގި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ

ކ. ކާށިދޫ ފަރަށް ބޯޓެއް އަރައި މިރޭ ހިނގި ހާދިސާގައި ގެއްލުނު މީހަކު މަރުވެފައި އޮއްވާ މީގެ އިރުކޮޅެއް ކުރިން ފެނިއްޖެ އެވެ.

އެ ހާދިސާގައި މަރުވީ ބަނގްލަދޭޝް މީހެއް ކަމަށްވާ އެމްޑީ އަލަމްގީރް، 30މ އެވެ.

ފުލުހުންނާއި އެމްއެންޑީއެފުން ވެސް ބުނި ގޮތުގައި، އެ މީހާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ފަރުމަތިންނެވެ. ފުލުހުން ބުނީ ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އަލަމްގީރް އޮތީ މަރުވެފައި ކަމަށެވެ.

ކާށިދޫގައި ދުއްވާ "ފައިސަލާ" ބޯޓު އެ ރަށުގެ ދެކުނު ފަރާތު ނެރުނު ކައިރި ފަރަށް އެރީ އެ ރަށަށް ވަންނަން އުޅެނިކޮށް ކަން އެނގިފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު ލިބުނީ މިރޭގެ 7:52 ހާކަންހާއިރު އެވެ. އޭރު އެ ބޯޓުގައި ތިބީ 11 ފިރިހެނުން ކަމަށާއި އެއީ ފަސް ދިވެއްސަކާއި ހަ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

"ފައިސަލް" ބޯޓު ފަރަށް އެރުމާ ގުޅިގެން އޭގައި ހުރި ގިނަ މުދާތަކެއް ކަނޑަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.