އުރުދުޣާންގެ ވާދަވެރިޔާއަށް 2،430 އަހަރުގެ ޖަލު ހުކުމް އަންނަ ވަރުގެ ދައުވާތަކެއް
އުރުދުޣާންގެ ވާދަވެރިޔާއަށް 2،430 އަހަރުގެ ޖަލު ހުކުމް އަންނަ ވަރުގެ ދައުވާތަކެއް

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ސިޔާސީ ވާދަވެރިޔާ، އިސްތަންބޫލްގެ މޭޔަރު އެކްރަމް އިމަމޮގްލޫގެ މައްޗަށް އެ ގައުމުގެ ޕްރޮސިކިއުޓާރުން 142 ދައުވާއެއް އުފުލައިފި އެވެ.

ކޯޓަށް ހުށަހެޅި ލިޔުންތަކުން ހާމަވެފައިވާ ގޮތުގައި މި ދައުވާތަކުގެ ޖުމްލަ ޖަލު އަދަބު 2،430 އަހަރަށް އަރަ އެވެ.

އިމަމޮގްލޫ ބެލެވިފައިވަނީ ވޯޓެއްގައި އުރުދުޣާން ބަލިކުރެވޭ ވަރުގެ ސަޕޯޓެއް އޮތް ހަމައެކަނި ސިޔާސީ ލީޑަރުގެ ގޮތުގަ އެވެ. އެކި ތުހުމަތުތަކާ އެކު އިމަމޮގްލޫ މިދިޔަ މާޗް މަހު ހައްޔަރުކުރުމާ އެކު ތުރުކީގައި ބޮޑެތި މުޒާހާރަތައް ކޮށްފައި ވާއިރު އެއީ 2013 ވަނަ އަހަރަށް ފަހު އެ ގައުމުގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ.

އިމަމޮގްލޫގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ ލިޔުންތަކުގައި 4،000 އަށް ވުރެ ގިނަ ސަފުހާ ހިމެނޭއިރު، ކުށްވެރިންގެ ޖަމާއަތެއް ހިންގުމާއި ރިޝްވަތު ދިނުމާއި، ޚިޔާނާތާއި މަނީ ލޯންޑަރިން އާއި ބިރު ދައްކައިގެން ކަންކަން ކުރުވުމާއި ޕްރޮޖެކްޓްތައް ހަވާލުކުރުމުގެ ޓެންޑަތަކުގައި މަކަރު ހެދުން ފަދަ ދައުވާތައް ކޮށްފައިވެ އެވެ.

ތުރުކީގެ އިދިކޮޅު މައި ޕާޓީ ސީއެޗްޕީގެ ލީޑަރު ވަނީ މި ދައުވާތަކަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މިއީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިމަމޮގްލޫ ވާދަކުރިޔަ ނުދޭން ޝަރުއީ ދާއިރާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށެވެ.

"މިއީ ގާނޫނީ މައްސަލައެއް ނޫން. މިއީ މުޅިން ސިޔާސީ މައްސަލައެއް. އޭގެ ބޭނުމަކީ މިދިޔަ ލޯކަލް އިންތިހާބު ކާމިޔާބުކުރި ސީއެޗްޕީ ހުއްޓުވައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވާދަކުރިޔަ ނުދިނުން،" އޮޒްގަރް އޮޒެލް ލިޔުއްވާފައިވެ އެވެ.

ތުރުކީގެ އެންމެ މުއްސަނދި ސިޓީގެ މޭޔަރުގެ މައްޗަށް ވަނީ ޖާސޫސް ކުރުމާއި ފޭކް ޔުނިވާސިޓީ ޑިގްރީއެއް ހޯދި ކަމުގެ ތުހުމަތުތައް ވެސް ކޮށްފަ އެވެ. މިއިން ކޮންމެ ކަމަކީ ވެސް ސާބިތުވެއްޖެ ނަމަ 2028 ގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލޭނެ ކުށްތަކެވެ.

"އިންތިހާބުގައި މަކަރު ހެދުމާއި ފޭކް ޑިގްރީއެއް ގެންގުޅުމާއި ވަގަކަށް ވުމާއި ޓެރަރިސްޓަކަށް ވުމުގެ އިތުރުން ޖާސޫސްކުރާ ސެލްއެއް ހިންގުމަކީ އެކަކަށް އެއްފަހަރާ ކުރެވިދާނެ ކަމެއްތަ؟" އިދިކޮޅު ޕާޓީގެ ލީޑަރު އޮޒެލް ސުވާލުކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވީ ކުށެއް ނެތް މީހެއްގެ މައްޗަށް މިއިން ތުހުމަތެއް ކޮށްފި ނަމަ އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި އެކަމަކު މި ހުރިހާ ތުހުމަތެއް، ކުށެއް ނެތް އެންމެ މީހެއްގެ މައްޗަށް ކުރުމަކީ އެންމެ ބޮޑެތި ޖަރީމާ ކަމަށެވެ.

"... އޭނާގެ ހަމައެކަނި ކުށަކީ ރިޔާސީ އިންތިހާބަށް ވާދަކުރުން."

ޕްރޮސިކިއުޓަރުން ވަނީ އިދިކޮޅު ޕާޓީއާ ބެހޭ މައްސަލަތަކެއް ވެސް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ޕާޓީ މަނާކޮށް އުވާލަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އެފަދަ އަމުރަކަށް ނޭދޭ ކަމަށް ޕްރޮސިކިއުޓަރުން ބުންޏެވެ.

ތުރުކީގައި 2024 ވަނަ އަހަރުގެ މާޗު މަހު ބޭއްވި ލޯކަލް އިންތިހާބުގައި އެ ގައުމުގެ އެންމެ ބޮޑެތި ސިޓީތަކުގެ ކޮންޓްރޯލް ހޯދި ފަހުން ސީއެޗްޕީ އަށް ވަނީ ސަރުކާރުގެ ޕްރެޝަރު ބޮޑުވެފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ 16 މޭޔަރަކު ވަނީ ޖަލަށް ލައިފަ އެވެ.

ސީއެޗްޕީގެ ލީޑަރުކަމަށް އޮޒެލް ހޮވާފައިވަނީ ޕާޓީގެ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ވެސް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު މިދިޔަ މަހު އެ މައްސަލަ ނިންމީ ސީއެޗްޕީއާ އެއްކޮޅަށެވެ. އެހެން ނޫން ނަމަ އޮޒެލް ޕާޓީގެ ލީޑަރުކަމުން ވަކިކޮށް އޭނާއާ ދެކޮޅަށް ވެސް ދައުވާތައް އުފުލަން ފުރުސަތު ލިބޭނެ އެވެ. -- އޭއެފްޕީ