ފައިނަލުގައި ހަނިމާދޫ ބަލިކޮށް ހދ.ގެ ޗެމްޕިއަންކަން ކުޅުދުފުއްޓަށް
ފައިނަލުގައި ހަނިމާދޫ ބަލިކޮށް ހދ.ގެ ޗެމްޕިއަންކަން ކުޅުދުފުއްޓަށް

އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފި އެވެ.

އެ އަތޮޅުގެ ފައިނަލުގައި ކުޅުދުއްފުށިން މިއަދު ހަވީރު ނުކުތީ ހަނިމާދުއާ ދެކޮޅަށެވެ. ކުޅުދުއްފުށިން މެޗު ކާމިޔާބު ކުރީ 3-1 ންނެވެ. އެ އަތޮޅުގެ މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް ކުޅުދުއްފުށިންނެވެ.

މެޗުގެ 23 ވަނަ މިނެޓްގައި އެ ޓީމުން ނެގި ކޯނަރުން ތަނަވަސްކުރި ބޯޅަ މުހައްމަދު މުންސިފް، އޭރިއާގެ ތެރެއިން ހަނިމާދޫގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލީ ގޯލްގެ ތެރެއަށެވެ.

ހަނިމާދޫގެ ކީޕަރު، ބޯޅަ ފައިން ދިފާއުކުރަން އުޅުނު ނަމަވެސް ބޯޅަ ގޯލަށް ވަނީ އޭނާގެ ފައިދަށުން ގޮހެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ކުޅުދުއްފުށިން ލީޑް ފުޅާ ކުރި އެވެ. މެޗުގެ 69 ވަނަ މިނެޓްގައި އެ ޓީމުގެ މުހައްމަދު ޝިފާން އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހަނިމާދޫގެ ކީޕަރު އަތުން ބޯޅަ ދޫވެގެން ގޮހެވެ.

ޝިފާން ފޮނުވާލި ބޯޅަ ހަނިމާދޫގެ ކީޕަރު އަތުން ބޯޅައިގެ ޖެއްސި އެވެ. އެކަމަކު ބޯޅައިގެ ކޮންޓްރޯލް އެއްކޮށް އޭނާ އަށް ނުލިބުނެވެ. އޭނާ އަށް ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވި އަތުގައި ޖެހިފައި ގޮސް ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.

ހަނިމާދޫގެ ހަމައެކަނި ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި ޖެހީ އަލީ ހުސައިން (ހަނިމާދޫ ދަގަނޑޭ) އެވެ. އޭރިއާގެ ރޮނގުމަތިން ކުޅުދުއްފުށީގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލްގެ ކަނަށެވެ. ކުޅުދުއްފުށީގެ ކީޕަރު ބޯޅަ އަށް ޑައިވް ކުރިނަމަވެސް އޭނާގެ އަތުގައި ލައްވައެއް ނުލި އެވެ.

ކުޅުދުއްފުށީގެ ތިންވަނަ ލަނޑު ޖެހީ ޒައިދު މުހައްމަދެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި މުންސިފް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. ރީބައުންސްވި ބޯޅަ ޒައިދު ގޯލްގެ ތެރެއަށް ވައްދާލި އެވެ.

މުބާރާތުގައި ދެން ކުޅުދުއްފުއްޓާއި ހަނިމާދޫ އަށް ވެސް އޮންނާނީ އުތުރުގެ ސަރަހައްދީ ޒޯންތަކުގެ ތެރެއިން ޒޯން އެކެއްގެ މުބާރާތުގައި ވާދަކުރުމެވެ.

އުތުރުގެ ޒޯން އެކެއްގައި ހިމެނޭނީ ހއ. އާއި ހދ. އަދި ށ އަތޮޅުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ.

އުތުރު ޒޯން އެކެއްގެ ޓީމުތަކުގެ މެދުގައި ކުޅޭ ބުރަށް ފަހު އެ ބުރުން ގަދަ ދެ ޓީމު ކޮލިފައިވާނީ އުތުރުގެ ސަރަހައްދީ ލީގަށެވެ.

އެފްއޭއެމުން ވަނީ ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލާފަ އެވެ. އޭގެތެއިން މާލެ ސަރަހައްދު ފިޔަވައި އެހެން ކޮންމެ ސަރަހައްދެއްގައި ދެ ޒޯން އޮންނާނެ އެވެ.