ބީއެމްއެލްގެ އޯޓީޕީ ކޯޑް ވަޓްސްއެޕް މެދުވެރިކޮށް ލިބޭނެ ގޮތް ހަދައިފި
ބީއެމްއެލްގެ އޯޓީޕީ ކޯޑް ވަޓްސްއެޕް މެދުވެރިކޮށް ލިބޭނެ ގޮތް ހަދައިފި

ގައުމީ ބޭންކް، ބީއެމްއެލްގެ އޯޓީޕީ ކޯޑް ވަޓްސްއެޕް މެދުވެރިކޮށް ލިބޭނެ ގޮތް މިއަދު ހަދައިފި އެވެ.

ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބޭންކުގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

އެއާ އެކު، ކަސްޓަމަރުން ބޭންކުގައި ރަޖިސްޓާކޮށްފައިވާ ނަންބަރަށް ވަޓްސްއެޕް މެދުވެރިކޮށް ފަސޭހަމަކާ އެކު އޯޓީޕީ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް އާއި އީ-މެއިލް އަދި އޮތެންޓިކޭޓަރުގެ އިތުރުން ވަޓްސްއެޕް ހިމެނުމާ އެކު، ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަ ވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް ބޭންކިންގެ ބޭނުންތައް އިތުރުވަމުންދާ އިރު، އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ރައްކާތެރިކަމާ އެކު، ފައިސާ ދެއްކޭނެ މަގުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

"އޯޓީޕީ ލިބޭ ވަސީލަތެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭންކިންގެ ހިދުމަތްތައް ރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބެން އިހުތިޔާރުކުރާ ގޮތް ބަދަލު ކުރެވޭނެ ކަމަށެވެ.

އޯޓީޕީ ޗެނަލް ވަޓްސްއެޕަށް ބަދަލު ކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލްއެއް ބޭނުންކުރަން ޖެހޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުން ކުރެވޭ ގޮތް ވެސް ހަދައިފަ އެވެ.

ބީއެމްއެލްއިން އެގޮތަށް ހަމަޖެއްސިއިރު، ބީއެމްއެލް މެދުވެރިކޮށް ރައްޔިތުންނަށް ލުއި ފަސޭހަވާނެ ފަދަ ބަދަލުތައް ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އޮތީ ވިދާޅުވެފަ އެވެ.