ލަންކާ ބޯޓުން 350 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް
ލަންކާ ބޯޓުން 350 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ ހަފުތާގައި އަތުލައިގަތް ސްރީލަންކާގެ ބޯޓަކުން 350 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ލަންކާގެ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ދިވެހި ފުލުހުން ކުރިން ބުނެފައިވަނީ ގާނޫނާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މަސް ބޯޓް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފާސް ކުރިއިރު، 350 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސަރަހައްދުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.

އެ މައްސަލާގައި، އެ ބޯޓުގައި ތިބި ލަންކާގެ ފަސް މީހަކު ހައްޔަރު ކޮށްފައި ވާއިރު، ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދުގެ އަމުރުތަކުގައިވާ ގޮތުން އެ މީހުން ވަނީ ބަންދު މުއްދަތު މަޖިލީހުގައި އެ ކުށަށް އިންކާރުކޮށްފަ އެވެ.

ނަމަވެސް އެއީ ގިނަ ބަޔަކު ޝާމިލްވެގެން ކުށްކުރާ ނެޓުވޯކަކުން ހިންގާފައިވާ ކުށެއް ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުތަކުގައިވެ އެވެ. އެހެންވެ، އެ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ލަންކާގެ ފަސް މީހުންނަކީ:

1. ކޭ އެން އައި ޕެއިރިސް، 39

2. ސިންގައްޕުލިގެ ނިމަލް ރަންޖިތު ކިސަންތަ ފެނާންޑޯ، 63

3. ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް، 34

4. މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ ނުވަން ލިވެރަ، 42

5. ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ ފެނާންޑޯ، 28

އަތުލައިގެން ޑްރަގް ބޯޓުގެ ތަހުގީގަށް ލަންކާގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ދިވެހި ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރުމުގައި ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން ލަންކާގެ ފުލުހުންނާއި އެ ގައުމުގެ ކަނޑުގެ ސިފައިން ވެސް ދަނީ ބައިވެރިވަމުންނެވެ.