11 ނޮވެމްބަރ 2025 - 18:15

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ކޯޓު އިމާރާތެއްގެ ބޭރުގައި އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި މިއަދު 12 މީހަކު މަރާލައިފި އެވެ.

އިސްލާމްއާބާދުގައި މިފަދަ ހަމަލާއެއް ނުދޭތާ އެތައް އަހަރެއް ފަހުން ދިން މި ހަމަލާގައި 12 މީހަކު މަރުވުމުގެ އިތުރުން 27 މީހަކު ޒަހަމްވެފައިވާ ކަމަށް އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީ ވަނީ ވިދާޅުވެފަ އެވެ. އަދި މިއީ އިންޑިއާގެ އެހީތެރިކަމާ އެކު ޓެރަރިސްޓުން ދިން ހަމަލާއެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވަނީ ތުހުމަތުކުރައްވައިފަ އެވެ.
އިސްލާމްއާބާދުގައި އެންމެ ފަހުން މިފަދަ ބޮމުގެ ހަމަލާތައް ދީފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
"އަޅުގަނޑުމެން މި އަންނަނީ ހަމަލާ ދިން މީހާ ދެނެގަތުމާއި އެ މީހާ އައީ ކޮން ތާކުންތޯ ދެނެގަތުމުގެ މަސައްކަތްކުރަމުން،" ސަރުކާރުގެ އެތައް އިމާރާތެއް ހުންނަ ސަރަހައްދެއްގައި ދިން ހަމަލާއާ ބެހޭ ގޮތުން ނަގްވީ ވިދާޅުވި އެވެ.
އޭނާ މި ވާހަކަ ދެއްކެވިތާ މާ ގިނަ އިރުތަކެއް ނުވެ ޕާކިސްތާނުގެ ތާލިބާނުން ވަނީ މި ހަމަލާގެ ޒިންމާ އުފުލައިފަ އެވެ.
"އަހަރެމެންގެ ހަނގުރާމަވެރިން ވަނީ އިސްލާމްއާބާދުގައި ހުންނަ ޖުޑީޝަލް ކޮމިޝަނަށް ހަމަލާދީފައި. ހަމަލާ އަމާޒުކުރީ ޕާކިސްތާނުގެ 'ލާދީނީ' ގާނޫނުތަކުގެ ދަށުން ހުކުމްތައް އިއްވާ ފަނޑިޔާރުންނާއި ވަކީލުންނާއި އޮފިޝަލުންނަށް،" ތާލިބާނުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ވަނީ ޕާކިސްތާނުގައި "އިސްލާމީ ޝަރީއާ" ތަންފީޒު ނުކުރާ ނަމަ އަދިވެސް އިތުރު ހަމަލާތައް ދޭނެ ކަމަށް ބުނެފަ އެވެ.
އިސްލާމާއާބާދުގައި މި ހަމަލާ ދީފައި މި ވަނީ އިއްޔެ އިރު އޮއްސުނު ވަގުތު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ސަރަހައްދުގައި ވެސް ކާރެއް ގޮވައި އަށް މީހަކު މަރުވެފައި ވަނިކޮށެވެ.
މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ރަސްމީކޮށް އަދި ނުބުނި ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާވައިގެން ހިންގި އަމަލެއް ކަމަށް ވިދާޅުވެ މިކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި އަބަދު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
މިއީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ކަޝްމީރުގެ ޕަހަލްގަމް ޓޫރިސްޓް ސައިޓުގައި ދިން ބަޑީގެ ހަމަލާތަކެއްގައި 26 ހިންދޫން މަރާލި ހާދިސާގެ ފަހުން އިންޑިއާގައި ހިނގި އެންމެ ބޮޑު ހާދިސާ އެވެ. އެ ހަމަލާއަށް ފަހު އިންޑިއާއިން ޕާކިސްތާނަށް ތުހުމަތުކޮށް ފެށި ހަމަލާތަކާ އެކު ދެ ގައުމުގެ މެދުގައި ކުރު ހަނގުރާމައެއް ވެސް ވަނީ ހިނގައިފަ އެވެ.
ނަމަވެސް ކާރު ގޮވި ހާދިސާ އަކީ ހަމަލާއެއް ކަމަކަށް އިންޑިއާގެ އޮފިޝަލުން އަދިވެސް ސީދާ ނުބުނެ އެވެ. އޮފިޝަލުން ބުނެފައިވަނީ އެކަމާ ބެހޭ ގޮތުން ސާފުކޮށް އެއްޗެއް ބުނަން އެނގޭނީ ފޮރެންސިކް ތަހުލީލުތަކަށް ފަހުގައި ކަމަށެވެ. -- އޭއެފްޕީ