އަނިޔާކުރާކަމުގެ ރިޕޯޓަކާ ގުޅިގެން ފްލެޓެއް ފާސް ކުރިއިރު ފެނުނީ 17 ކިލޯގެ މަސްތުވާތަކެތި
އަނިޔާކުރާކަމުގެ ރިޕޯޓަކާ ގުޅިގެން ފްލެޓެއް ފާސް ކުރިއިރު ފެނުނީ 17 ކިލޯގެ މަސްތުވާތަކެތި

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި މީހަކަށް އަނިޔާކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެތަނަށް ވަދެ، ފާސް ކުރިއިރު 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ 2 ގައި ހުންނަ އެމްޕީއެލްގެ ޓަވަރެއްގެ ފްލެޓަކުން މަސްތުވާތަކެތި ފެނުނީ ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭ ކަމަށް ބުނެ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެތަނަށް ވަދެ، ފާސް ކުރިއިރު ކަމަށެވެ.

ފުލުހުން ބުނީ އެ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ވަގުތު އެ އެޕާޓްމަންޓުގައި ހުރި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ދަފްތަރު ނަންބަރު ދރ 1786، މުހައްމަދު ޖަޒުލާން އަޝްރަފެވެ.

އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެޕާޓްމަންޓަށް ފުލުހުންގެ ޓީމު ވަން އިރު، ޖަޒުލާން ފިޔަވައި އިތުރު މީހަކު އެ ތަނުގައި ނެތެވެ. އެކަމަކު، އެޕާޓްމަންޓުގެ ތެރޭގައި ހުރި ތަކެއްޗަށް ގެއްލުންދީ، ހަމަނުޖެހުން ހިންގާފައިވާކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.