11 ނޮވެމްބަރ 2025 - 15:16

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް ރީބްރޭންޑްކޮށް، ކުންފުނީގެ ނަން "އެސްއެމްއީ ޑިޖިޓަލް" އަށް ބަދަލުކޮށްފި އެވެ.
އެ ކުންފުނީގެ ނަން ރަސްމީކޮށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ހިއްސާދާރުންގެ ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާގައި ފާސްކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ހޯދުމަށްފަހު، އިއްޔެ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ.
އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު އެކި ހިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން މާލީ މުއާމަލާތްތައް ރަނގަޅަށް ބެލެހެއްޓުމަށާއި ވިޔަފާރީގެ ހިންގުންތެރިކަން އިތުރުކޮށް، އަދި މާކެޓަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކޮންމެ މަރުހަލާއަކަށް ބޭނުންވާ، އިންޓަގްރޭޓެޑް ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީއަކަށް ދާދިފަހުން ބަދަލު ކުރުމަށްފަހު ބީއެމްއެލްއާއެކު ކުރެވޭ އިންޓެގްރޭޝަން މަސައްކަތްތަކުގެ ތެރެއިން ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕާއި އޭޕީއައި އިން ގުޅުވާލައި ބީއެމްއެލްގެ މޮބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެ ގޮތް ވެސް މިހާރު ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފަ އެވެ.
އެ ރީބްރޭންޑިންއާއެކު އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް ވަރަށް އަވަހަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ އެޕްގެ ތެރެއިން ކަސްޓަމަރުންގެ ޕްރޮފައިލްގެ މައުލޫމާތު އަޕްޑޭޓްކޮށް، ފައިނޭންސިން ފެސިލިޓީތަކުގެ މައުލޫމާތު ލިބޭނެ އެވެ. އަދި މުޅި ރާއްޖެއަށް ހިމެނޭ ޑިޖިޓަލް މާކެޓްޕްލޭސްއެއް އަންނަ އަހަރު ތައާރަފް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނާއި ހިދުމަތް ހޯދާ ފަރާތްތަކާއި އަދި ވިޔަފާރީގެ ބައިވެރިން ގުޅުވައިދޭނެ ޕްލެޓްފޯމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޑީއެފްސީގެ ރީބްރޭންޑިން ގުޅޭގޮތުން އެކުންފުނީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އެ ރީބްރޭންޑިންއަކީ އީޖާދީ ހައްލުތަކާއި ޒަމާނީ ޓެކްނޮލޮޖީ އާއި ހުރިހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުޅި ނިޒާމު އަލުން ބައްޓަން ކުރުމުގެ ފެށުމެއް ކަމަށެވެ.
"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވަނީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން. މީގެ އިތުރުން ވިޔަފާރި ގުޅުންތައް ބިނާކުރުމާއި ފަންނީ މައުލޫމާތު ހޯދުމާއި ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި އަދި ދެމެހެއްޓެނިވި އެހީތެރިކަން ބޭނުންވޭ. އެސްއެމްއީ ޑިޖިޓަލް މިދަނީ މި ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން." އޭނާ ވިދާޅުވި އެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި އެމްއެސްއެމްއީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަދި އިސްލާމީ ޝަރީއާއާ އެއްގޮތްވާ ގޮތަށް ގާއިމް ކުރެވޭ ފުރަތަމަ މާލީ މުއައްސަސާ އެވެ. އެ އިދާރާގެ އާ ބްރޭންޑް އައިޑެންޓިޓީ އާއި އަލަށް ތައާރަފް ކުރެވޭ ޑިޖިޓަލް ވަސީލަތްތައް އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހު ތަފާތު މަރުޙަލާތަކެއްގެ ތެރެއިން ތައާރަފް ކުރުމަށް ހަމަޖެހިފައިވެ އެވެ.