11 ނޮވެމްބަރ 2025 - 13:33

މާލޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ރަސްމާލެއިން 15،000 ގޯތި ދޭން ނިންމައި، އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް މާލެ އަށް ވީ ވައުދުތައް ފުއްދުމަށް ވަރަށް އަވަހަށް އެކި މަޝްރޫއުތައް އިއުލާން ކުރައްވާނެ ކަަމަށެވެ.
ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދެވެ.
"އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭ 18 އަހަރުން މަތީގެ މީހުންނަށް އަމާޒު ކޮށްގެން، އެންމެ ބޭނުންވެފައިވާ މީހުން އެންމެ ފުރަތަމަ ލިބޭނެ ނިޒާމެއްގެ ތެރެއިން އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި އަޅުގަނޑު ވައުދުވީ ގޮތަށް ހުޅުވާލަނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ 15،000 ގޯތި ދޭނީ މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން ކަމަށާއި ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި އެކަމަށް ބޭނުންވާ ބިން ހިއްކާ ނިމޭނެ ކަމަށެވެ.
"އެ 15،000 ގޯތި ދޭނީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި މާލޭގެ ދަފްތަރުގައި ތިބި މީހުންނާއި ލާޖައްސައިގެން ގޯތި ބޭނުންވާ މީހުންނަށް،" ރައީސް ވިދާޅުވި އެވެ.
"ބިން ހިއްކުން ކުރިއަށް ދާތީ، އަޅުގަނޑުމެން އިސާހިތަކު މި ހުޅުވާލަނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އިއުލާންކުރާނަން ތަފްސީލުތަކާ އެކީގައި ގޯތިތަކަށް ކުރިމަތިލާން."
ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ ސްޕީޑް އަންނަ މަހު ތިން ގުނަ އަވަސްވާނެ ކަމަށެވެ. އޭގެ ސަބަބަކީ، ބިން ހިއްކަން ބޭނުންވާ ޑްރެޖަރުތައް ގެނައުމަށް ސަރުކާރުން މިހާރު ފައިސާ ދައްކާފައި ވާތީ ކަމަށާއި އަންނަ މަހު އެ ޑްރެޖަރުތައް ރާއްޖެ ގެންނާނެތީ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭ މީހުންނަށް ގޯތި ދިނުމަށް ހިއްކަން ޖެހޭ ހުޅުމާލެ 3 ގެ ބާކީ ބައި ހިއްކަން އިއްޔެ ފަށާފައިވާ ކަމަށެވެ. ގިރާވަރު ފަޅުގެ ބާކީ އޮތް ބައި ހިއްކަން ވެސް އިއްޔެ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ޑްރެޖަރު ވެސް މި މަހު ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި އަހަރު ނިމުމުގެ ކުރިން އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ވެސް އަލުން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ގޯތި ދިނުމުގެ އިތުރުން ފްލެޓް އެޅުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ތަފުސީލަށް ވަޑައިނުގެން ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން 3،000 ފްލެޓް އެޅުމުގެ އާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ. އަދި ބޭރު ގައުމުތަކުގެ އެހީގައި ހިންގާ ހައުސިންގެ އެހެން ބައެއް މަޝްރޫއުތައް ވެސް ފަށާނެ ކަމަށް ވިދާޅުވިި އެވެ.
"އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން 4،000 ހައުސިން ޔުނިޓެއް ވެސް ހަމަޖެހިފައި އޮތީ. އޭގެ މަސައްކަތްތައް ވެސް އެބަ ހިނގާ،" ރައީސް ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 7،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ."
އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ބޭނުން ކޮށްގެން އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަން ސަރުކާރުން ހާމަކުރީ މިދިޔަ އަހަރު އޯގަސްޓުގަ އެވެ.
އިންޑިއާ ސަރުކާރުން 2018 ވަނަ އަހަރު ވަނީ ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް 878 މިލިއަން ޑޮލަރު (13.5 ބިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް ދީފަ އެވެ. މި ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، އިތުރު 4،000 ފްލެޓުގެ މަސައްކަތް ކުރާނީ އެ ފެސިލިޓީގެ ދަށުންނެވެ. އެ ފެސިލިޓީގެ ދަށުން މިހާރު ވެސް ހުޅުމާލޭގައި ވަނީ 4،000 ފްލެޓް އިމާރާތްކޮށްފަ އެވެ. އަދި އެ ތަންތަނުގެ މަސައްކަތް ނިމޭވަރަކުން މީހުން ދިރިއުޅެން މިދިޔަ މަހު ވަނީ ފަށައިފަ އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ޖުލައި މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ 565 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ވެސް ރާއްޖެއަށް ހަމަޖައްސަަވާ ދެއްވައިފަ އެވެ. އެ ފެސިލިޓީގެ ދަށުން ހަރަދުކުރަނީ ޑިފެންސާއި ކުޅިވަރާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.