11 ނޮވެމްބަރ 2025 - 13:22

ދައުލަތުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކުރަން ސަރުކާރުން މި އަހަރު ތައާރަފުކޮށްފައިވާ "މޯލްޑިވްސް 2.0"ގެ ސިޔާސަތަކީ ދައުލަތުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލަން ކުރާނެ އެންމެ ބޮޑު މަސައްކަތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި، 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އަދުލުވެރި އިންސާފުވެރި ވެރިކަމެއް ކުރުމަށް ކަމަށެވެ. އެކަން ކުރެވޭނީ ސަރުކާރުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަކީ އެ މަނިކުފާނުގެ ވައުދަކަށް ވެސް ވާތީ، އެ މަގުސަދު ހާސިލްކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ކޮރަޕްޝަނަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އޮތް ނޭދެވޭ ސިފައެއް ނަމަވެސް، ތަފާތަކީ ކޮރަޕްޝަން ނައްތާލަން އެ ގައުމަކުން ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ ހިންގުމުގެ ނިޒާމަކީ ދެފުށްފެންނަ އަދި ޖަވާބުދާރީވެވޭނެ ގޮތް ފަހިވެފައިވާ އެއްޗަކަށް ހެދުމާއި އެ ނިޒާމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ނައްތާލުމަކީ އަދުލުވެރިން އިންސާފުވެރި ވެރިކަމެއް ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުގެ މަތިން މި އަންނަ އަހަރަކީ މި ސަރުކާރުން، ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު މަސައްކަތް ކަމަށްވާ "ޑިޖިޓަލައިޒޭޝަން، މޯލްޑިވްސް 2.0" ފަށާ އަހަރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މޯލްޑިވްސް 2.0 ވެގެން ދާނީ އިރާދަކުރެއްވިއްޔާ ގަވަނެސް ނިޒާމުން، ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން ކުރާނެ އެންމެ ބޮޑު މަސައްކަތަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގިނަ ފަހަރަށް ކޮރަޕްޝަންގެ އަމަލު ހިންގަނީ، އަމިއްލަ ފައިދާއެއް ހޯދުމަށް އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެވެސް ގޮތަކުން އޮންނަ މީހުން ކަމަށެވެ. އަދި އެންމެ ދަށު ލެވަލްގެ ވަޒީފާއިން ފެށިގެން އެންމެ މަތީ ލެވަލްގެ މަގާމުތަކުގައި ތިބޭ މީހުން ވެސް ކޮރަޕްޝަންގެ އެ އަމަލުތައް ހިންގާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިސާލެއްގެ ގޮތުގައި ނެންގެވީ ބިދޭސީންނަށް ވިސާ ދިނުމުގައި ރާއްޖޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކެވެ. ބިދޭސީންނަށް ވިސާ ދިނުމުގައި ކޮރަޕްޝަން ހިންގާތާ އެތައް ޒަމާނެއް ވެފައި ވިޔަސް، މި ސަރުކާރުން އިއްޔެ ތައާރަފުކުރި މޯލްޑިވްސް އިިމިގްރޭޝަންގެ އީ-ވިސާގެ ނިޒާމު ވާނީ އެ އަމަލު ހުއްޓުވުމަށް އެޅުނު އެންމެ ބޮޑު ފިޔަވަޅަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އިއްޔެ، އިމިގްރޭޝަން ސާވިސް އެއްކޮށް ވަނީ ޑިޖިޓަލައިޒްކޮށްފައި. ހިއުމަން އިންޓަވެންޝަން ހަމަ ގާތްގަނޑަކަށް ހުއްޓާލެވިފައި،" ރައީސް ވިދާޅުވި އެވެ.
"މާނައަކީ ރައްޔިތަކު މީހަކު ކައިރީގައި ބުނެ އާދޭސްކޮށްގެން ދެން އެކަމުގައި ކޮރަޕްޝަން ހިންގުމަށް ފުރުސަތު ނޯންނާނެ ގޮތަށް އޮޓޯ ސިސްޓަމަކުން ޑިޖިޓަލައިޒްކުރިއްޔޭ."
ރައީސް ވިދާޅުވީ "މޯލްޑިވްސް 2.0"ގެ މަސައްކަތް ފަށަން، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބޮޑު އަދަދެއް ކަނޑައަޅާފައި ވާނެ ކަމަށެވެ. އަންނަ އަހަރު އެ މަސައްކަތް ފަށައި 2028 ވަނަ އަހަރުގެ މެދު ތެރެއަށް ދާއިރު މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.